ރައީސްގެ ނަސޭހަތް| މުޖުތަމައު ސަލާމަތްކުރުމަކީ އިލްމުވެރިންގެ ޒިންމާއެއް!

ރިވެތި އަހުލާގުން ޖަރީވެފައިވާ މުޖުތަމައެއް ބިނާކުރުމަށް މަސައްކަތްތަކެއް ކޮށްފިކަމުގައިވާނަމަ، ދިވެހި މުޖުތަމައު އިސްލާހު ކުރެވޭނެ ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.

އިސްލާމީ ޔުނިވާސިޓީގެ 2025 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު. --ފޮޓޯ: ރައީސް އޮފީސް

ދިވެހި މުޖުތަމައުގައި ހުރި އެކި ކަހަލަ ނޭދެވޭ އިޖުތިމާއީ ބަލިތަކުން މުޖުތަމައު ސަލާމަތް ކުރުމަކީ، ކޮންމެ ދާއިރާއަކުން ކަމުގައި ވީ ނަމަވެސް، އިލްމު ލިބިފައިވާ މީހުންގެ ޒިންމާއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

އިސްލާމީ ޔުނިވާސިޓީގެ 2025 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، ދިވެހިންގެ ކިބައިގައި ގައުމުގެ ކަންކަން ހެޔޮ މަގުން ކުރިއަށް ގެންދިއުމުގެ ވިސްނުން ނެތީވިއްޔާ، ގައުމުގެ ކަންކަން އިސްލާހުވެގެންދާނީ ކޮންފަދައަކުންކަމާމެދު ސުވާލު އުފައްދަވައިފަ އެވެ.

މިގޮތުން، ސައްތަ އިންސައްތަ އިސްލާމީ ގައުމެއްގައި، އިސްލާމީ ރިވެތި އަހުލާގު އަށަގެންނެވުމަށް މަސައްކަތްކުރުމަކީ އިލްމު އުނގެނިގެން ތިބި ބައެއްގެ މައްޗަށް އޮތް ޒިންމާއެއް ކަމަށާއި، މިއީ އެކަމަކާ މެދު ސުވާލުވެވޭނެ ކަމެއް ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، ގައުމަށް ދިމާވެފައިވާ މައްސަލަތައް، ހައްލުކުރުމުގެ ހިޔާލާއި ފިކުރު ނެތް ކަމުގައި ވަނީ ނަމަ، ގައުމުގެ ކަންކަން އިސްލާހުނުވާނެ ކަމަށާއި، މައިންބަފައިންގެ އަޒުމަކަށް ވާންވީ ދަރީންނަށް ލިބުނު ކާމިޔާބީއާއެކު އެ މަގު ދައްކައިދިނުން ކަމަށާއި، ތައުލީމީ މުއައްސަސާގެ ޒިންމާއަކަށް ވާން ވާނީ މި ރޮނގުން އިތުރު ކުރިއެރުންތައް ހޯދުމަށް މަސައްކަތްކުރުން ކަމުގަ އެވެ.

އިސްލާމީ ޔުނިވާސިޓީގެ 2025 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު. --ފޮޓޯ: ރައީސް އޮފީސް

ރިވެތި އަހުލާގުން ޖަރީވެފައިވާ މުޖުތަމައެއް ބިނާކުރުމަށް މަސައްކަތްތަކެއް ކޮށްފިކަމުގައިވާނަމަ، ދިވެހި މުޖުތަމައު އިސްލާހު ކުރެވޭނެ ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ. މި އުސޫލުން ކަންކަން ބައްޓަންކުރަން މަސައްކަތްކުރުމަށް ލޯމަރާލެވެން ނެތް ކަމަށާއި، މި ފިކުރު އަށަގެންނެވިގެން ނޫނީ، މުޖުތަމައުގައި ހުރި މުންކަރާތްތަކަށް ނޫނެކޭ ބުނެވެން ނޯންނާނެ ކަމުގައިވެސް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

އެއާ އެކު ރައީސް ވަނީ، ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ ވަރުގަދަ ކުރެއްވުމަށްޓަކައި، ސަރުކާރުން ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށާއި ޖާގައާއި ވަސީލަތުގެ ގޮތުން ޔުނިވާސިޓީއަށް ބޭނުންވާ ކުރިއެރުންތައް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ވަނީ ދެއްވާފަ އެވެ.

އިސްލާމީ ޔުނިވާސިޓީގެ 2025 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު. --ފޮޓޯ: ރައީސް އޮފީސް

ރޭގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މުއައްސަސާއަކުން އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ބޭފުޅަކަށް ފުރަތަމަ ފަހަރަށް ވަނީ އަރުވައިފަ އެވެ. މިގޮތުން، އިސްލާމީ ޔުނިވާސިޓީން އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އަރުވާފައި ވަނީ، ޢަރަބި އިސްލާމީ ތައުލީމު ފެތުރެއްވުމުގައި ބައި ގަރުނަށްވުރެ ގިނަ ދުވަސްވަންދެން ހިދުމަތްކުރައްވާފައިވާ ޝެއިހް އިސްމާއީލް މުހައްމަދަށެވެ. 

އިސްލާމީ ޔުނިވާސިޓީއިން މި އަހަރު 900 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ދަސްވެނިވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.