ސްޓެލްކޯގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް މާލެ ސަރަހައްދުގައި އެންމެ ގިނައިން ކަރަންޓު ބޭނުންކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ދުވަހުގެ 15:00 ގައި 114 މެގަވޮޓްގެ ކަރަންޓު ބޭނުންކުރި އެވެ.
ހޫނުގަދަ ވުމުގެ ސަބަބުން ކަރަންޓު ލޯޑު އާދަޔާ ހިލާފަށް މަތިވެފައިވާތީ ކަރަންޓް ބޭނުން ކުރުމުގައި ސަމާލުވުމަށް ކަރަންޓު ކުންފުނިން އިލްތިމާސްކޮށްފި އެވެ
މާލެ އަށް ކަރަންޓުގެ ހިދުމަތް ދޭ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވި ގޮތުގައި
މިދުވަސްވަރަކީ ރާއްޖެއަށް ހޫނު ދުވަސްވަރަކަށްވުމާއެކު، އިހްސާސްކުރެވޭ ހޫނުމިން މަތިވަމުންދާކަން ވަނީ ފާހަގަކުރެވިފައިވާ ކަމަށާ އެހެން ކަމުން އަޅުގަނޑުމެން އެންމެން ވެސް ކަރަންޓު ބޭނުންކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
" ހާއްސަކޮށް އޭސީ ފަދަ ތަކެތި ބޭނުންކުރާއިރު، އޭގެ ފިނިކަން 25 ޑިގްރީއަށްވުރެ ދަށް ނުކުރުމަށާއި، ކޮންމެހެން ބޭނުންވާ މިންވަރަށް މެނުވީ ކަރަންޓު ބޭނުން ނުކުރުމަށް އިލްތިމާސް ކުރަން،" ފަހުމީ އެކްސްގައި ވިދާޅުވި އެވެ.
ސްޓެލްކޯގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް މާލެ ސަރަހައްދުގައި އެންމެ ގިނައިން ކަރަންޓު ބޭނުންކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ދުވަހުގެ 15:00 ގައި 114 މެގަވޮޓްގެ ކަރަންޓު ބޭނުންކުރި އެވެ. އަދި މިއަދުގެ 13:00 ގައި މާލޭގެ ލޯޑް ހުރީ 111 މެގަވޮޓްގައި އެވެ. މިއީ މާލެ ސަރަހައްދުގައި ހުރި ކަރަންޓުގެ ފުލް ކެޕޭސިޓީއާ ގާތް ކުރާ އަދަދެކެވެ.
އެމްޑީ ހުސެއިން ފަހުމީ ވިދާޅުވީ މިއީ ސަމާލުކަން ދޭން ޖެހޭ ކަމެއް ކަމަށާ ފަރުދީގޮތުން ކަރަންޓު އިގްތިސާދު ކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކޮށްދިނުމަކީ މުޖުތަމަޢުއާއި އަމިއްލަ ލާބައާއި މަންފާއަށް ކުރެވޭ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ކަރަންޓު ހެޔޮގޮތުގައި ބޭނުންކޮށް، އިސްރާފު ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.