މި ފެނުނީ ޔުވެންޓާސް | ސީޒަން ނިންމާލައި ލިވަޕޫލު ރާއްޖެ އަންނާނެ

އެމްއެމްޕީއާރުސީން ޔުއެންޓާސް ހިމެނޭހެން ގިނަ ކްލަބްތަކާ ޓޫރިޒަމް އިޝްތިހާރު ކުރަން ވާހަކަ ދެއްކި އެވެ. އެކަމަކު އެންމެ ރަނގަޅު ހުށަހެޅުމެއް ދިނީ ލިވަޕޫލްއިންނެވެ.

ރިސޯޓެއްގެ އެހީތެރިކަމާއެކު ޔުވެންޓަސްއިން ރާއްޖޭގައި ހަރަކާތެއް ހިންގަން އައި އެ ކްލަބުގެ ބައެއް ފަރާތްތައް ރާއްޖޭގައި -- ޔުއެންޓާސް

ދުނިޔޭގެ އެންމެ މަޝްހޫރު އެއް ފުޓުބޯޅަ ކްލަބް ކަމަށްވާ އިޓަލީގެ ޔުއެންޓަސްއިން މިދިޔަ ހަފުތާގައިވަނީ ރާއްޖޭގައި ހަރަކާތެއް ހިންގާފަ އެވެ. ފުޓުބޯޅަ އާއި ޓޫރިޒަމާ ގުޅުންހުރި މި ހަރަކާތުގައި ޔުއެންޓާސްގެ ބައެއް ކުޅުންތެރިންނާއި އޮފިޝަލުން ބައިވެރިވެފައިވެ އެވެ. އެ ކްލަބުގެ "އެކްސްޓްރީމް ފުޓުބޯޅަ" ފީލްޑް ޕްރޮޖެކްޓުގެ ދަށުން ކުރިއަށް ގެންދިޔަ ޕްރޮގްރާމްގެ ވީޑިއޯތައް އިޓަލީގެ ބޮޑެތި މީޑިއާތަކުގައި ވައިރަލްވެފައިވާއިރު، މީގެ އެއް ވީޑިއޯ އިން ފެންނަނީ ކޮންޓެންޓް ކްރިއޭޓަރު އަދި ފްރީ ސްޓައިލާ ބެން ބްލެކް އެވެ. އޭނާ ހުއްޓި ހުރީ ރާއްޖޭގެ ފުޓުބޯޅައިގައި ނަން މަޝްހޫރު މަހިބަދޫގެ "ޕެލޭ ސްޓޭޑިއަމް" ގަ އެވެ. އަތަށް ބޯޅައެއް ނަގައިގެން ހުރެ، އޭނާ ބުނެފައިވަނީ ފަހަރެއްގައި މިއީ ދުނިޔޭގައި ހުރި އެންމެ ހިތްގައިމު ފުޓުބޯޅަ ޕިޗަށް ވުން ގާތެވެ. 

ދެން ފެންނަނީ އިޓަލީގައި އުފެދުނު އެންމެ ބޮޑު އެއް ޑިފެންޑަރު އެޑްގާ ޑޭވިޑް ރާއްޖޭގެ ރަށެއްގައި ފުޓްބޯޅަ ދަނޑެއްގައި އިންނަ ތަނެވެ. އެ ވީޑިއޯ މިހާތަނަށް އެތައް ލައްކަ މީހުން ބަލާފައިވާއިރު، މި ވީޑިއޯގައި އޭނާގެ ފުޓުބޯޅައިގެ ބައެއް ހުނަރުތައް ވެސް ދައްކާލާތަން ފެނެ އެވެ. އަދި ރާއްޖޭގެ ރީތި ސޭންޑް ބޭންކެއްގައި ކަޅުވެލި ބޭނުންކޮށްގެން ފުޓުބޯޅަ ދަނޑެއް ހަދައިގެން ފުޓުބޯޅަ ކުލޭ މަންޒަރު ވެސް ފެނެ އެވެ.  

މިއާއެކު ގިނަ ބައެއްގެ ހިތުގައި ސުވާލު އުފެދުނީ ރާއްޖޭން ލިވަޕޫލްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނިކޮށް ޔުއެންޓަސް އިން ރާއްޖެ އައިސް މި ހަރަކާތެއް ހިންގިއިރު ރާއްޖެއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ލިވަޕޫލް ނާންނަނީ ކީއް ވެގެން ހެއްޔެވެ؟ އެމްއެމްޕީއާރުސީ އިން މި ހަރަކާތުގައި އެއްވެސް ބައިވެރިވުމެއް ނެތީ ކީއްވެގެން ހެއްޔެވެ؟ 

ލިވަޕޫލް ސީޒަން ނިންމާފައި އަންނާނެ

އެމްއެމްޕީއާރުސީގެ ޗެއާމަން އަބްދުﷲ ގިޔާސް މިރާއަށް ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީއިން މިދިޔަ އަހަރު ދުނިޔޭގެ މަޝްހޫރު އެތައް ކްލަބަކާ ވާހަކަ ދައްކާފައިވާނެ އެވެ. މިގޮތުން ޔުއެންޓާސްއާ ވެސް އެ ދުވަސްވަރު ވާހަކަ ދެއްކި ކަމަށާއި، ނަމަވެސް ހުރިހާ ޕްރޮޕޯސަލްތަކަށްވުރެ ވެސް ލިވަޕޫލުން ރާއްޖެއަށް ދިން ޕްރޮޕޯސަލް ހުރިހާ ގޮތަކުން ވެސް ފައިދާ ބޮޑުވާތީ އެގޮތަށް ނިންމީ އެވެ.

"ދުނިޔޭގެ ފުޓްބޯޅައިގެ އެހެން ބޮޑެތި ބައެއް ރާއްޖޭން ބާލިން އާއި ލަންޑަނުގައި ވާހަކަ ދެއްކިން. އަޅުގަނޑުމެން ޗެލްސީ އާއި އެސްޓަން ވިލާ އަދި ޔުވެންޓަސް އާއި ވެސްޓްހަމް ޔުނައިޓެޑް ފަދަ ކްލަބްތަކާވެސް ބައްދަލުކުރިން. މި ހުރިހާ ފަރާތްތަކުން ލިބުނު ހުށަހެޅުންތައް ފުޅާދާއިރާއެއްގައި އިވެލުއޭޓް ކުރުމަށްފަހު ބޯޑުން ނިންމީ އެންމެ ކޮމްޕްލިޝިން ޕްރޮޕޯސަލް ހުށަހެޅީ ލިވަޕޫލް އެފްސީން ކަމަށް،" އަބްދުﷲ ވިދާޅުވި އެވެ.

ލިވަޕޫލް އާއި އެމްއެމްޕީއާރުސީން އެއްބަސްވުމަށްފަހު ޓޫރިޒަމް މިނިސްޓަރު ތޮއްޔިބު އަދި އެމްއެޕީއާރުސީގެ އެމްޑީ އާއި ޗެއާއާއެކު ފޮޓޯއަކަށް ހުއްޓިގެން

އޭނާ ވިދާޅުވި ގޮތުގައި ލިވަޕޫލްއާކު ޔުއެންޓާސްއާއެކު ވެސް މަސައްކަތް ނުކުރެވުނު ސަބަބަކީ މިއީ ކަމަށާއި، ނަމަވެސް ލިވަޕޫލް އިން ވެސް ސީޒަނަށްފަހު ރާއްޖެ އައިސް ގިނަ ހަރަކާތްތަކެއް ހިންގަން ނިންމާފައިވާ ކަމަށެވެ. 

"އަޅުގަނޑުމެންނާއި ލިވަޕޫލް އެއްބަސްވުން އިއުލާންކޮށްފައިވަނީ ސީޒަންގެ މެދުތެރޭގައި. މިހާރު ކުރިއަށްދާ ފުޓްބޯޅަ ސީޒަނުގެ ގާތްގަނޑަކަށް ތިންބައިކުޅަ ދެބައި ނިމިފަ. ނަތީޖާއެއްގެ ގޮތުން ގިނަ ފައިދާ ތަކެއް މިހާރު ކުރިއަށް ދާ ސީޒަން ނިމުމުން ރޯލްއައުޓް ކުރާނެ،" އަބްދުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ލިވަޕޫލް އިން މާކެޓިން ގިނަ ހަރަކާތްތަކެއް ހިންގާނެ ކަމަށާއި، މިގޮތުން ވީޑީއޯ ކޮންޓެންޓްތައްވެސް ފެނިގެންދާނެ ކަމަށެވެ. މީގެ އިތުރުން ވިޒިޓް މޯލްޑިވްސް އަށް ލިވަޕޫލް އެފްސީއާއެކު ފުޓުބޯޅަ ސީޒަންގައި ތިން ކެމްޕޭނެއް ހިންގާނެ ކަމަށާއި، މީގެތެރޭގައި އެ ކްލަބުގެ އޮފިޝަލް ފޭން ކްލަބްތައް މެދުވެރިކޮށް ހިންގާ ހަރަކާތްތަކާއި އޮފްލައިން ޕްރޮމޯޝަންތަކާއި ޑިޖިޓަލް ކެމްޕޭންތަކާއި ލިވަޕޫލް އެފްސީގެ ޑޭޓާބޭސް އަށް އީމެއިލް އައުޓްރީޗް ތަކުގައި ހިންގާ ހަރަކާތައްވެސް ހިމެނެ އެވެ.

އިންގްލިޝް ޕްރިމިއަ ލީގްގެ ކުޅުން ނިމޭނީ މެއިމަހު އެވެ. މި ނިމުމާއެކު ލިވަޕޫލްގެ ވަކިވަކި ކުޅުންތެރިންގެ އިތުރުން ޓީމްވެސް ރާއްޖެ އަންނާނެ އެވެ. އަދި ރާއްޖޭގައި ހަރަކާތްތަކެއް ހިންގާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.