މަޖީދިއްޔާ ސްކޫލަކީ ރާއްޖޭގެ ތައުލީމީ ނިޒާމުގެ އިލްމީ ބަގީޗާ: ރައީސް

މަޖީދިއްޔާ ސްކޫލުގެ "ސައްތަވީ ބިނާ" އިފުތިތާހު ކުރުމުގެ ރަސްމިއްޔާތު

މަޖީދިއްޔާ ސްކޫލަކީ ރާއްޖޭގެ ތައުލީމީ ނިޒާމުގެ "އިލްމީ ބަގީޗާ"ގެ ގޮތުގައި ސިފަކުރައްވައި، އެ ސްކޫލްގެ އަހަރީ ދުވަހުގެ ތަހުނިޔާ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އަރިސްކުރައްވައިފި އެވެ.

މަޖީދިއްޔާ ސްކޫލްގެ 98 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސް ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަޖީދިއްޔާގެ "ފަހުރުވެރި ހިޔަލުން" މި ގައުމަށް ގެނުވި ކުރިއެރުމާއި، "މަޖީދިއްޔަ ނޫރުން" މި ގައުމަށް ދިން އިލްމީ އަލިކަމުގެ ހަނދާންތަކަށް ނިމުމެއް ނެތް ކަމަށެވެ.

"މަޖީދިއްޔާއަކީ ދިވެހިރާއްޖޭގެ ނިޒާމީ ތަޢުލީމުގެ އުނގު. މި ގައުމުގެ އެންމެ ޝަރަފްވެރި އިލްމީ ބަގީޗާ. މަޖީދިއްޔާގެ ހަނދާންތައް ދިވެހި ތާރީހުގަައި ބިންވަޅު ނެގިފައިވަނީ ފަނޑުވުމެއްނެތް ޒިކުރާތަކާ އެކު،" ރައީސް ވިދާޅުވި އެވެ.

އެއާ އެކު އެ މަނިކުފާނު ވަނީ، މަޖީދިއްޔާގެ 98 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް، ސްކޫލުގެ އެހާރާ މިހާރުގެ ދަރިވަރުންނަށް، ބެލެނިވެރީންނަށް، ޓީޗަރުންނަށް، ހިންގުންތެރީން އަދި ހިދުމަތްތެރީންނަށް އަރިސްކުރައްވައިފަ އެވެ.

މަޖީދިއްޔާ ސްކޫލަށް މީގެ ދެ އަހަރު ފަހުން 100 އަހަރު ފުރޭތީ، އެ މުނާސަބާ ކުލަގަދަކޮށް ފާހަގަކުރުމަށް އެ ސްކޫލުން އަންނަނީ ތައްޔާރުވަމުންނެވެ. އެ ސްކޫލަށް ގަރުނެއް ފުރުން ފާހަގަކުރުމަށް މިދިޔަ އަހަރު ވަނީ ހާއްސަ ކައުންޓްޑައުނެއް ވެސް ފަށައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.