މި ލިސްޓުގައި ނޫރްއިންއާއެކު ތައިލެންޑުގެ ބޮޑު ވަޒީރުގެ އިތުރުން އެތައް ކުންފުންޏެއްގެ ޒުވާން ސީއީއޯއިން ނާއި ނޯބަލް ސުލްހައިގެ އިނާމު ލިބިވަޑައިގެންފައިވާ ނުފޫޒުގަދަ އެތައް ބޭފުޅުންނެއް ހިމެނެ އެވެ.
ދުނިޔޭގެ ވިޔަފާރީގެ އެންމެ ނުފޫޒުގަދަ އެއް ޖަމިއްޔާ ކަމަށްވާ ވޯލްޑް އިކޮނޮމިކް ފޯރަމުން ހޮވާ ޔަނަގް ގްލޯބަލް ލީޑާސް ( ވައިޖީއެލް) އަކީ ދުނިޔޭގައި ތިބި ޒުވާން ނުފޫޒުފަދަ ޒުވާނުން ހިމެނޭ ލިސްޓެކެވެ. މި ލިސްޓުގައި ދުނިޔޭގެ މަޝްހޫރު އެތައް މޫނެއް ހިމެނެ އެވެ. ނުފޫޒު ފަދަ ޒުވާން އެތައް ލީޑަރުންނެއް ހިމެނެ އެވެ. މި އަހަރުގެ ލިސްޓުގައި ވެސް 100 އަށްވުރެ ގިނަ ލީޑަރުން ހިމޭއިރު މި އަހަރު ތައިލެންޑުގެ ބޮޑު ވަޒީރު ޕެޓޮންގްޓަރން ޝިނާވަޓްރާ އާއި ދެކުނު އެފްރިކާގެ ބޭސިކް އެޑިއުކޭޝަން މިނިސްޓަރު ސިވިވޭ ގްވާރޫބޭ އާއި ސިއެރެލިއޯންގެ މިނިސްޓަރު އޮފް އިންފޮމޭޝަން ކޮމިއުނިކޭޝަން މިނިސްޓަރު ހާޖާ ސަލީމަތު ބާހް ވެސް ހިމެނެ އެވެ. އަދި ދުނިޔޭގެ ސުލްހައިގެ އިނާމު ލިބިފައިވާ އެތައް މޫނުތަކެއްގެ އިތުރުން 500 އަށްވުރެ ގިނަ ކުންފުނީގެ އިސްވެރިންވެސް ހިމެނެ އެވެ. އެކަމަކު ؛ މި ހުރިހާ ފަރާތް ތަކެއް މި ލިސްޓަށް އެރިޔަސް ދިވެހިންނަށް ބޮޑު އުފަލަހާއި ފަހުރެއް ލިބުނީ ދިވެހި ޒުވާނެއް މި ލިސްޓުގައި ހިމެނުމުންނެވެ. މި އަހަރުގެ މި ލިސްޓުގައި ހިމެނިފައިވަނީ ރާއްޖޭގެ އައިޝާ ނޫރްއައިން ޖަނާހު އެވެ.
ރާއްޖޭގެ މާކެޓިން ކުންފުނި އެމްއެމްޕީއާރުސީގެ ޗެއާމަންކަން ވެސް ކުރެއްވި އަދި ދުނިޔެއާއި ރާއްޖޭގައި ލަގްޒަރީ ޓޫރިޒަމް ތަރައްގީކޮށް ހިންގާ ހޮޓެލްސް އެންޑް ރިސޯޓްސް އިންވެސްޓްމަންޓް މޯލްޑިވްސް (ހަރިމް) ކުންފުނި ހިންގުމުގައި އިސް ދައުރެއް އަދާ ކުރައްވާ އައިޝާ ނޫރްއައިން މި ލިސްޓުގައި ހިމެނުމަކީ މީހުން ބިނާކުރުމާއި ތިމާވެއްޓާއި ސަގާފަތާއި އާދަކާދަ ހިމާޔަތްކޮށް ރައްކާތެރި ކުރުމުގެ ދާއިރާ އިން ރާއްޖެ އަށް ލިބިގެން ދިޔަ ކުރިއެރުމެކެވެ.
މިރާ އަށް ދެއްވި އިންޓަވިއުއެއްގައި ނޫރްއައިން ވިދާޅުވީ މި ލިސްޓުގައި ހިމެނުމުން އެނގިގެން ދަނީ ދިވެހިން މަސައްކަތްކޮށްފިނަމަ ފުރުސަތު އޮތްކަން ކަމަށާ ކޮންމެ ޒުވާނަރުވެސް ކުރަން ޖެހޭ ކަމަކީ ހިތްތަމާއެކު މަސައްކަތް ކުރުން ކަމަށެވެ.
"އަޅުގަނޑު 2022 ގައި ރާއްޖެ އައުމުން ބައެއް ފަރާތްތަކުން ބުނި ރާއްޖޭގައި ނެތެން ނޫންހޭ ކުރާނެ ކަމެއް. އެކަމަކު އަޅުގަނޑު ބުނެލަން ބޭނުން ވަނީ ރާއްޖޭގައި ފުރުސަތު އެބަ އޮތޭ. ޖެހެނީ ހިތްމަތާއެކު މަސައްކަތް ކުރާށޭ. އޭރުން މާތްﷲ ކާމިޔާބު ދެއްވާނެއޭ،" އުމުރުން 34 އަހަރުގެ ޒުވާން ނޫރްއައިން ވިދާޅުވި އެވެ.
ބައެއް ފަރާތްތަކުން ބުނި ރާއްޖޭގައި ނެތެން ނޫންހޭ ކުރާނެ ކަމެއް. ރާއްޖޭގައި ފުރުސަތު އެބައޮތް. ޖެހެނީ ހިތްމަތާއެކު މަސައްކަތް ކުރަން އޭރުން މާތްﷲ ކާމިޔާބު ދެއްވާނެ
ނޫރްއައިން ޖަނާހު
ނޫރްއައިން ވިދާޅުވި ގޮތުގައި މި ޝަރަފަކީ ހަމައެކަނި އޭނާ އަށް ލިބުނު ޝަރަފެއް ނޫން ކަމަށާ މިއީ މުޅި ރާއްޖެއާއި އާއިލާއަށް އޭނާގެ އާއިލާއަށް ވެސް ލިބިގެން ދިޔަ ބޮޑު ޝަރަފެއް ކަމަށް ދެކެވަޑައިގަންނަވަ އެވެ.
"އަޅުގަނޑު މިހުރީ މި ފުރުސަތުގެ ބޭނުން ހިފައިގެން ރާއްޖެ އަށް ފައިދާހުރި ގޮތްތަކެއް ހޯދައިދޭން މަސައްކަތް ކުރުމުގައި. ކޮންމެ ޒުވާނަރު ވެސް ޖެހެނީ މައިންބަފައިންގެ ވެލިއުތައް ހިފަހައްޓައިގެން ކުރިއަށްދާން. ބައްޕަ އާއި މަންމަ އާއި ކާފަ އާއި މާމަ ދައްކާ ރީތި މިސާލުގެ މަތީގައި ކުރިއަށް ދިއުން،" މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ޖަނާހު އަލީގެ ދޮށީ ދަރިކަބަލުން ނޫރްއައިން ވިދާޅުވި އެވެ.
ނޫރްއައިންގެ ތައާރަފެއް - ނޫރްއައިން ކިޔެވުނު ޅަފަހަތުގެ ދުވަސްތައް ފުރިހަމަ ކުރެއްވީ ރާއްޖޭގަ އެވެ. ރާއްޖޭގައި އޯ ލެވެލް ނިންމެވުމަށް ފަހު މީގެ މަތީ ތައުލީމް ހާސިލް ކުރެއްވީ ނިއުޒީލެންޑުހަ އެވެ. ހާއްސަ ވެފައިވަނީ އެކައުންޓިން ދާއިރާއިންނެވެ. އޭނާ އަކީ ކުޅަދާނަ ޗާޓާޑް އެކައުންޓެންޓެކެވެ. ނޫރްއައިން ބިގް ފޯ" ފާމްތަކުގެ ތެރޭގައި ހިމެނޭ އާނެސްޓް އެންޑް ޔަންގުގެ މެނޭޖަރެއްގެ މަގާމުވެސް ފުރުއްވި އެވެ. އެންމެ ފާހަގަ ކޮށްލެވޭ އެއް މަސައްކަތަކީ ނިއުޒިލެންޑާއި އޮސްޓްރޭލިއާ އާއި ނޯތު އެމެރިކާގެ ބަނގުރޫޓުވަމުން ދިޔަ ވިޔަފާރި ފާމް ރީސްޓްރަކްޗާކޮށް ކޮޅަށް ޖަަހަން ކުރެއްވި މަސައްކަތްތަކެވެ. ނޫރްއައިން ވަނީ 2015 ވަނަ އަހަރު "ވެެއިޓްމަޓާ ލޯކަލް ބޯޑް ގޫޑް ސިޓިޒެން އެވޯޑް" ވެސް ހޯއްދަވާފަ އެވެ. އަދި ޒުވާން އަންހެނުންނަށް ކުރިއަށް ދާންވީ ރަނގަޅު ގޮތް ވިދާޅުވެ ދެއްވާ އެކަމުގައި ހިތްވަރުދެއްވާ ވަޒީފާގެ ތަމްރީން ބޭނުންވާ އަންހެނުންނަށް އެހީތެރިވާން ހާއްސަ ޖަމިއްޔާއެއް ވެސް އުފައްދަވާފަ އެވެ. "އޮތެންޓިސިޓީ އެން ޒެޑް" ގެ ނަމުގައި ހިންގާ ޖަމިއްޔާއިން ވަޒީފާގެ ތަމްރީން ބޭނުންވާ އަންހެނުންނަށް އެހީތެރިވެ ދެއެވެ.
ނިއުޒީލޭންޑްގެ ސިޔާސީ ފަރާތްތަކާއި ކަމާގުޅޭ އިދާރާތަކުގެ އިސް ވެެރިންނާއި މަަޝްވަރާކޮށް ހިޖުރަވެެރިންނަށް ނިއުޒީލޭންޑްގައި ކުރިމަތިވާ ގޮންޖެހުންތަކާ ދަތިތައް ސަމާލު ކަމަށް ގެނެސްދިނުމުގައި ނޫރައިން މުހިންމު ދައުރެއް އަދާ ކުރައްވާފައި ވެ އެވެ.