އެފްޓީއޭގެ ދަށުން ޗައިނާ އިން އެތެރެކުރާ މުދަލުން ބޮޑު އަދަދެއް ޑިއުޓީ މައާފު ވެގެންދެ އެވެ. މި އުފެއްދުންތަކުގެ ތެރޭން މަހުން ޑިއުޓީއެއް ނުނަގާނެ އެވެ.
ރާއްޖެ އާއި ޗައިނާއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ (އެފްޓީއޭ) ގެ ދަށުން ރާއްޖޭގެ މުދާ ޗައިނާއަށް އެކްސްޕޯޓް އިތުރު ކުރަން ޗައިނާގެ ކޮމާސް މިނިސްޓްރީއާ ގުޅިގެން މަސައްކަތް ފަށައިފި އެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު "މިރާ" އަށް މިއަދު ވިދާޅުވީ އަމިއްލަ ވިޔަފާރިތަކުގެ އުފެއްދުންތައް ޗައިނާގެ ބާޒާރަށް ގެންދިއުމަށް ބާރު އެޅުމުގެ ގޮތުން ދެ ސަރުކާރު މަސައްކަތް ފަށާފައިވާ ކަމަށެވެ. މި މަސައްކަތުގެ ދަށުން ޗައިނާގެ ޗެމްބާ އޮފް ކޮމާސް ފުޑް ސްޓަފް އެންޑް ނެޓިވް ޕްރޮޑަކްޝަން (ސީއީއެންއޭ) ގެ ޓީމެއް ރާއްޖޭގައި ހަރަކާތްތެރިވަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެ ބޭފުޅުން ރާއްޖޭގެ އެކި ސެކްޓަރުތަކާ ބައްދަލު ކުރާނެ. އެ ބޭފުޅުންގެ މަސައްކަތް ހިންގާ ގޮތް ބަލައި ޗައިނާ އަށް އެކްސްޕޯޓް އިތުރު ކުރަން ހުރި ފުރުސަތުތައް ބަލާނެ،" ސައީދު ވިދާޅުވި އެވެ.
އެ ބޭފުޅުން ރާއްޖޭގެ އެކި ސެކްޓަރުތަކާ ބައްދަލު ކުރާނެ. އެ ބޭފުޅުންގެ މަސައްކަތް ހިންގާ ގޮތް ބަލައި ޗައިނާ އަށް އެކްސްޕޯޓް އިތުރު ކުރަން ހުރި ފުރުސަތުތައް ބަލާނެ
މިނިސްޓަރު މުހައްމަދު ސައީދު
މިނިސްޓަރު ވިދާޅުވީ ދެ ސަރުކާރު ގުޅިގެން ރާއްޖޭގެ އެކްސްޕޯޓް އިތުރު ކުރަން މަސައްކަތް ފަށަން ނިންމީ މިގޮތަށް މަސައްކަތް ކުރުމުން ރާއްޖޭގައި ހުރި ފުރުސަތުތައް އެނގުން ފަސޭހަވާނެތީ އެވެ. މި މަސައްކަތުގައި މަސްވެރިކަމާއި ކަނޑުގެ ދިރުންތަކާ ބެހޭ މިނިސްޓަރު އަދި އެ މިނިސްޓްރީން މުހިންމު ރޯލެއް އަދާކުރަމުންދާކަން މިނިސްޓަރު ސައީދު ފާހަގަ ކުރެއްވި އެވެ.
"ރާއްޖޭގައި މަސްވެރިކަން ކުރަމުން މިދަނީ ވަރަށް ސަސްޓެއިނަބަލް ގޮތަކަށް. ވަރަށް ފެންވަރުގައި އެކަން ކުރަނީ. ސްކިޕްޖެކްޓް [ކަންނެލި] ގެ އިތުރުން ހުއިފި ލަނޑާ އެކްސްޕޯޓް ކުރަން ވެސް ފުރުސަތު އެބައޮތް. މީގައި އެންމެ މުހިންމީ ތާޒާކޮށް އެކްސްޕޯޓް ކުރުން. އެކަމަށް މަސައްކަތް ކުރަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ޗައިނާގެ ޓީމުން ވަނީ ރާއްޖޭން މަސް އެކްސްޕޯޓް ކުރާ ފެކްޓަރީތަަކަށް ޒިޔާރަތްކޮށް ބަލާފަ އެވެ. ރާއްޖެ އާއި ޗައިނާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ފުރަތަމަ ފަހަރަށް ޗައިނާ އަށް މަސް އެކްސްޕޯޓް ކުރަން ދަނީ އެންސިސް ކުންފުނި ތައްޔާރުވަމުންނެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެކުލަވާލި ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުން ގާއިމް ކުރިނަމަވެސް މިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ އެއްބަސްވުމަށް އަމަލު ކުރުން އޮތީ ހުއްޓުވާފަ އެވެ. ނަމަވެސް މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ވަނީ ދިވެހިންނަށް ބޮޑު މަންފާއެއް ލިބޭ ގޮތަށް އެއްބަސްވުން ފަހި ކުރައްވާފަ އެވެ.
އެފްޓީއޭގެ ދަށުން ޗައިނާ އިން އެތެރެކުރާ މުދަލުގެ 91 ޕަސެންޓް މުދަލުން ޑިއުޓީ ނުނަގާއިރު ރާއްޖޭން ޗައިނާ އަށް އެކްސްޕޯޓް ކުރާ މަހުގެ ހުރިހާ ބާވަތް ތަކުން ޑިއުޓީ މައާފު ވާނެ އެވެ. މީގެތެރޭގައި، ތާޒާ، ފިނިކޮށް ގަނޑުކޮށްފައި ހުންނަ ކަޅު ބިލަމަހާއި ފާނައިގެ ބާވަތްތަކާއި އަދި ކަންނެލީގެ ބާވަތްތަކާއި މަސް ދަޅާއި ވަޅޯ މަހާއި ލޮނު މަހުގެ އިތުރުން ސީފުޑްގެ ބާވަތްތައް ވެސް ހިމެނެ އެވެ.
ރާއްޖެ އަށް އަހަރަކު 700 މިލިއަން ޑޮލަރުގެ މުދާ އެތެރެކުރާ ޗައިނާއާ ދެމެދު ހެދި މިނިވަން ވިޔަފާރީގެ އެއްބަސްވުމާއެކު ސަރުކާރުން ވަނީ ޗައިނާ އާއި ރާއްޖޭގެ ވިޔަފާރި އަހަރު އެއް ބިލިއަން ޑޮލަރަށް މަތި ކުރާނެ ކަމަށް ބުނެފަ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެކުލަވާލި ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުން ގާއިމް ކުރިނަމަވެސް މިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ އެއްބަސްވުމަށް އަމަލު ކުރުން އޮތީ ހުއްޓުވާފަ އެވެ. ނަމަވެސް މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ވަނީ ދިވެހިންނަށް ބޮޑު މަންފާއެއް ލިބޭ ގޮތަށް އެއްބަސްވުން ފަހި ކުރައްވާފަ އެވެ.
އެފްޓީގެ ދަށުން ރާއްޖޭގައި އުފައްދާ ގިނަ އުފެއްދުންތަކެއް ޗައިނާގެ ބާޒާރަށް އެކްސްޕޯޓްކުރުމުގެ ފުރުސަތު ފަހި ވެގެންދާނެ އެވެ. މަހުގެ 200 ބާވަތް ރާއްޖޭން ވެލިއުއެޑްކޮށްގެން އެކްސްޕޯޓް ކުރުމުގެ ފުރުސަތު ފަހި ވެގެންދާނެ އެވެ.