އަންނަ މަހު އަތޮޅުތެރޭގައި ގުރުއާން ހިތުދަސްކުރުމުގެ މަޝްރޫއު ފަށަނީ

މީގެ އިތުރުން ފުވައްމުލައް ސިޓީގެ ގުރުއާން މަރުކަޒަށް، އެމަރުކަޒު ހިންގާނެ ކޯޑިނޭޓަރަކާއި އިދާރީ މުވައްޒަފުން ވެސް ހަމަޖެހިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ހާފިޒުން ދަސްވެނިވުމަށް ބޭއްވި ފުރަތަމަ ޖަލްސާގެ ތެރެއިން ސަނަދު ހާސިލްކުރި ހާފިޒުންތަކެއް

ގުރުއާން ހިތުދަސް ކުރުމުގެ މަޝްރޫއު އަންނަ މަހު އަތޮޅު ތެރޭގައި ފައްޓަވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިއަދު ވިދާޅުވީ އަތޮޅުތަކުގައި އިސްލާމީ މަރުކަޒު ގާއިމުވެފައިވާ ތަންތަނާއި، މަރުކަޒުތައް ގާއިމުކުރެވެމުންދާ ތަންތަނާއި ބޮޑެތި އާބާދީތަކުގައި ގުރުއާން ހިތުދަސްކުރުމުގެ މަޝްރޫއު އަންނަ މަހުން ފެށިގެން ކުރިއަށް ދާނެ ކަމަށެވެ. އެގޮތުން ނުވަ ރަށެއްގައި މި މަޝްރޫއު ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

އަންނަ މަހުން ފެށިގެން މި މަޝްރޫއު ފަށާ ރަށްތަކަކީ؛

  •  ހއ. ދިއްދޫ
  •  ބ. އޭދަފުށި
  •  ދ. ކުޑަހުވަދޫ
  •  އއ. ފެރިދޫ
  •  ރ. އުނގޫފާރު
  •  ހދ. ކުޅުދުއްފުށި
  •  ގދ ތިނަދޫ
  •  ސ. ހިތަދޫ
  •  ލ. ގަން

މިނިސްޓަރު ވިދާޅުވީ މީގެ އިތުރުން، ގުރުއާން ކިޔަވައިދިނުމުގެ ދަތިތައް ހުރި ރަށްތަކާއި، ގުރުއާން މަރުކަޒުގެ ގޮފިތައް އަހަރުތަކެއް ވަންދެން ހުއްޓިފައި ހުރި ރަށްތަކާއި އަލަށް ގުރުއާން ކިޔަވައިދިނުމާއި މަރުކަޒުގެ ގާރީ ކޯސްތައް ހިންގުމަށް އެ މަރުކަޒުތަކުގައި މުސާރަ ދޭ ގޮތަށް އަންނަ މަހުން ފެށިގެން ޓީޗަރުން ހަމަޖެހިގެންދާނެ ކަމަށެވެ.

ޓީޗަރުން ހަމަޖައްސާ ރަށްތަކުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެގޮތަށް ވައުދުވެވަޑައިގެންފައިވާ ރަށްތައް ވެސް ހިމެނެ އެވެ. ރައީސް ވައުދުވެޑައިގަތް ރަށްރަކަކީ ތ. ކިނބިދޫ، ގދ. ގައްދޫ، ލ. އިސްދޫ ކަލައިދޫ އަދި ހއ. އުތީމެވެ.

އިތުރު ރަށްތަކަކީ ރ. މަޑުއްވަރީ، ނ. ވެލިދޫ، ތ. ގުރައިދޫ އަދި ދ. މީދޫ އެވެ. 

"މިތަންތަނުގައި ގުރުއާން މަރުކަޒުގެ ގޮފިތަކަށް، ގުރުއާން މަރުކަޒުން ގުރުއާން ޓީޗަރުން އަންނަ މަހުން ފެށިގެން ހަމަޖެހިގެންދާނެ،" މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

މީގެ އިތުރުން ފުވައްމުލައް ސިޓީގެ ގުރުއާން މަރުކަޒަށް، އެމަރުކަޒު ހިންގާނެ ކޯޑިނޭޓަރަކާއި އިދާރީ މުވައްޒަފުން ވެސް ހަމަޖެހިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިއަހަރުގެ ރޯދަ މަހުގެ 27 ވިލޭރޭ ވަނީ ފުރަތަމަ ފަހަރަށް ހާފިޒުން ދަސްވެނިވިމުގެ ރަސްމިއްޔާތު ބާއްވާފަ އެވެ. މި ރަސްމިއްޔާތުގައި 24 ހާފިޒުން ވަނީ ދަސްވެނިވެފަ އެވެ.

ސަރުކާރުގެ އަމާޒަކީ މިދައުރުގައި 1000 ހާފިޒުން އުފެއްދުމެވެ. މި މަޝްރޫއުގެ ދަށުން މިހާތަނަށް 250 ހާފިޒުންނަށް ސަނަދު ހަވާލުކޮށްފައިވާ ކަމަށް އެރޭގެ ޖަލްސާގައި ޝަހީމް ވަނީ ވިދާޅުވެފަ އެވެ. އަދި މިހާރުވެސް ހާފިޒުން ބިނާކުރުމުގެ ޕްރޮގްރާމުގައި 630 ދަރިވަރުން ކިޔަވަމުންދާ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.