މައްސަލައިގެ ތަހުގީގުގައި އެމްޓީސީސީއަށް މާލީ ގެއްލުމުގެ ގޮތުގައި ލިބިފައިވާ 39.2 މިލިއަން ރުފިޔާގެ ގެއްލުމުގެ އިތުރުން ލިބުނު އިތުރު މާލީ ގެއްލުން ހިސާބުކޮށް، އެ ފައިސާ ހޯދުމަށް އެމްޓީސީއަށް އަންގާފައިވާ ކަމަށް ވެސް އޭސީސީ އިން ބުންޏެވެ.
އެމްޓީސީސީގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން ކޮރަޕްޝަން ހިންގާފައިވާ ކަމުގެ ތުހުމަތުގައި އެކުންފުނީގެ ކުރީގެ ސީއީއޯ، ހަސަން ޝާހު އަދި އިތުރު މުވައްޒަފުންތަކަކަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
މި މައްސަލަ ތަހުގީގު ކުރި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނީ މިއީ އެމްޓީސީސީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދިޔަ ދެ ހައުސިން ޓަވަރު އެޅުމުގެ މަޝްރޫއުގެ މަސައްކަތް ހަވާލުކުރި ކުންފުންޏަށް ނާޖައިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތުގައި ތަހުގީގު ކުރި މައްސަލައެއް ކަމަށެވެ.
ޝާހުގެ އިތުރުން މި މައްސަލައިގައި ދައުވާ ކޮށްދިނުމަށް ދެން އެދިފައި ވަނީ އެކުންފުނީގެ ކުރީގެ ޖެނެރަލް މެނޭޖަރު އަދި ޓެންޑާ އިވެލުއޭޝަން ކޮމިޓީގެ މެންބަރު ޝިފާއު އަލީ އާއި ޓެންޑާ އިވެލުއޭޝަން ކޮމިޓީގެ މެންބަރުގެ މަގާމުގައި އޭރު ތިއްބެވި ހުސައިން ޒުހުރީ، މުހައްމަދު ނާޒިމް އަދި އިސްމާއިލް އަރުހަމްގެ މައްޗަށެވެ.
އޭސީސީ އިން ބުނީ މި މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 15 ފަންގިފިލާގެ ދެ ޓަވަރު އަޅައިދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނާ ގުޅިގެން، ބިޑު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ބޭރުގެ ކުންފުންޏަކަށް އިވެލުއޭޝަން ކްރައިޓީރިއާއާ ހިލާފަށް ފޮއިންޓްދީ، އެ މަޝްރޫއު އެ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށެވެ.
އަދި، އެ ކުންފުނިން އެއްބަސްވުން ބާތިލުކުރަން ޖެހޭ ކަންކަން ކުރި ނަމަވެސް އެއްބަސްވުސް ބާތިލުކުރުމުގެ ބަދަލުގައި އެޑްވާންސް ޕޭމެންޓާއި ޕްރޮގްރެސިވް ޕޭމެންޓްތައް ދޫކޮށްފައިވާ ކަމަށް އޭސީސީ އިން ބުންޏެވެ.
މި މައްސަލައިގައި އެ މީހުންގެ މައްޗަށް ކޮށްދިނުމަށް އެދިފައި ވަނީ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާ އާއި ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ އެވެ.
އަދި އަލީ ޝިފާއުގެ މައްޗަށް އިތުރު ދައުވާއެއްގެ ގޮތުގައި، ކުށެއް ކުރަން އުޅުމުގެ ކުށުގެ ދައުވާ ވެސް އުފުލައިދިނުމަށް އޭސީސީ އިން ވަނީ ޕީޖީ އޮފީހުގައި އެދިފަ އެވެ.
އޭގެ އިތުރުން، މި މައްސަލައިގެ ތަހުގީގުގައި އެމްޓީސީސީއަށް މާލީ ގެއްލުމުގެ ގޮތުގައި ލިބިފައިވާ 39.2 މިލިއަން ރުފިޔާގެ ގެއްލުމުގެ އިތުރުން ލިބުނު އިތުރު މާލީ ގެއްލުން ހިސާބުކޮށް، އެ ފައިސާ ހޯދުމަށް އެމްޓީސީއަށް އަންގާފައިވާ ކަމަށް ވެސް އޭސީސީ އިން ބުންޏެވެ.