މިއަހަރުގެ ދައުލަތުގެ ބަޖެޓް އަރަނިވި މިންވަރު ގާތްގަނޑަކަށް 3.4 ބިލިއަން ރުފިޔާ އަށް އަރައިފި އެވެ. އަދި ހަރަދު ވަނީ 11 ބިލިއަން ރުފިޔާއިން ނުވަ ބިލިއަން ރުފިޔާއަށް ދަށްވެފަ އެވެ.
މި އަހަރު ހަރަދު ކުރަން ފާސްކޮށްފައިވާ ބަޖެޓުގެ އާމްދަނީ ގާތްގަނޑަކަށް 11.2 ބިލިއަން ރުފިޔާ އަށް އެރުމާއެކު މިއަހަރުގެ ދައުލަތުގެ ބަޖެޓް އަރަނިވި މިންވަރު ގާތްގަނޑަކަށް 3.4 ބިލިއަން ރުފިޔާ އުފުލިއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު އެންމެފަހުގެ ހަފުތާގެ މާލީ ހިސާބުން އެނގޭ ގޮތުގައި މިމަހުގެ 10 އޭޕްރީލްގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ ގާތްގަނޑަކަށް 11.2 ބިލިއަން ރުފިޔާ އަށް އަރައި މިއަހަރުގެ ދައުލަތުގެ ބަޖެޓް އަރަނިވި މިންވަރު ގާތްގަނޑަކަށް 3.4 ބިލިއަން ރުފިޔާ އަށް އަރައިފި އެވެ.
މި އަހަރުގެ މިހާތަނަށް ދައުލަތަށް ވަނީ ގާތްގަނޑަކަށް 11.2 ބިލިއަން ރުފިޔާ ލިބިފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ދައުލަތަށް ލިބިފައިވަނީ 10.7 ބިލިއަން ރުފިޔާ އެވެ.
މި ހިސާބުތައް ދައްކާ ގޮތުން މިމަހުގެ 10 ވަނަ ދުވަހާ ހަމައަށް ހޭދަވި ހަފްތާގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓުއަރިޒަމް ދާއިރާއިން ލިބުނު ޖީއެސްޓީންނެވެ. އެގޮތުން، އެ މުއްދަތުގައި ޓީޖީއެސްޓީގެ ގޮތުގައި ގާތްގަނޑަކަށް 3.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ ގާތްގަނޑަކަށް 3.1 ބިލިއަން ރުފިޔާ އެވެ. މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި މި އަހަރުގެ އެ މުއްދަތުގައި 556.9 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 327.2 މިލިއަން ރުފިޔާ އެވެ.
ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާގެ މިންވަރު ވެސް މިއަހަރު ވަނީ އިތުރުވެފަ އެވެ. އެގޮތުން، 10 އޭޕްރީލްގެ ނިޔަލަށް ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް 437.1 މިލިއަން ރުފިޔާ ޖަމާކުރިއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި އެ ފަންޑަށް ޖަމާކޮށްފައިވަނީ 342 މިލިއަން ރުފިޔާ އެވެ.
މި މުއްދަތުގައި ދައުލަތުގެ ހަރަދުތައް ގާތްގަނޑަކަށް ނުވަ ބިލިއަން ރުފިޔާގައި ހުރިއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ދައުލަތުން ވަނީ ގާތްގަނޑަކަށް 11.8 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. މި އަހަރުގެ ހަރަދުތަކުގެ ތެރޭގައި ލޯން ދެއްކުމަށް ހޭދަވި ގާތްގަނޑަކަށް 2.4 ބިލިއަން ރުފިޔާ ހިމެނޭއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ލޯން ދެއްކުމަށް ހޭދަކުރީ 847.9 މިލިއަން ރުފިޔާ އެވެ.
މިދިޔަ އަހަރުގެ އެ މުއްދަތުގައި ބަޖެޓްގެ ޕްރައިމަރީ ބެލެންސް 351.6 މިލިއަން ރުފިޔާއިން އަރަނިވެފައިވާއިރު، މިއަހަރުގެ އެ މުއްދަތުގައި އެ އަދަދު ވަނީ ގާތްގަނޑަކަށް 3.4 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. އެއާ އެކު، މިއަހަރުގެ ޖުމްލަ ބަޖެޓްގެ ބެލެންސް އެހާތަނަށް ވަނީ 2.1 ބިލިއަން ރުފިޔާއިން އަރަނިވެފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ޖުމްލަ ބަޖެޓްގެ ބެލެންސް ހުރީ 1.1 ބިލިއަން ރުފިޔާގެ ޑެފިސިޓްގަ އެވެ.