އޮންގް 45 އަހަރަށްވުރެ އެޗްޕީއެލް ކުންފުނީގެ އެމްޑީގެ މަގާމުން އިސްތިއުފާ ދިނުން ރަސްމީކޮށް އޮންނާނީ މިމަހުގެ 29 ވަނަ ދުވަހު އޮންނަ އޭޖީއެމްގަ އެވެ. އެމަނިކުފާނު އިސްތިއުފާ ދެއްވަނީ ސިއްހީ ހާލަތުކޮޅު ހުރި ގޮތުންނެވެ.
ރާއްޖޭގައި އެންމެ ގިނަ ރިސޯޓްތައް ހިންގާ އެއް ވިޔަފާރިވެރިޔާ ކަމަށްވާ ސިންގަޕޫރުގެ މަހުޖަނު އޮންގް ބެންގް ސެންގް (އޮންގް) ކުންފުނީގެ އެމްޑީގެ މަގާމު އިސްތިއުފާ ދެއްވައިފި އެވެ.
ސިންގަޕޫރުގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތުގެ މައްސަލާގައި ތުހުމަތުވާ މަހުޖަނު ވަނީ އޭނާގެ އަމިއްލަ ކުންފުނި ހޮޓެލް ޕްރޮޕަޓީ ލިމިޓެޑް (އެޗްޕީއެލް) ގެ އެމްޑީގެ މަގާމުން 45 އަހަރަށްފަހުން އިސްތިއުފާ ދެއްވިކަމަށް މިއަދު ވިދާޅުވެފަ އެވެ. ސަބަބެއްގެ ގޮތުގައި ވިދާޅުވެފައިވަނީ އުމުރުން 79 އަހަރު ބިލިއަނަރުގެ ސިއްހީ ހާލަތު ތަންނުދިނުމެވެ.
ސިންގަޕޫރުގެ ނޫސްތަކުގައިވާ ގޮތުން 1980 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ ލަގްޒަރީ ޓޫރިޒަމްގައި އެންމެ މަޝްހޫރު އެއް ކުންފުނި ކަމަށްވާ އެޗްޕީއެލްގެ ވެރިޔާގެ މަގާމުން އޮންގް އިސްތިއުފާ ދެއްވުން ރަސްމީކޮށް އިއުލާނު ކުރާނީ މި މަހުގެ 29 ވަނަ ދުވަހު އެ ކުންފުނިން ބާއްވާ އަހަރީ އާއްމު ޖަލްސާގަ އެވެ.
އޮންގް ވަކިވަނީ ސިންގަޕޫރުގުގެ ތާރީހުގައި ހިންގި ސިޔާސީ މީހަކާ ގުޅުންހުރި އެންމެ ބޮޑު ހިޔާނާތުގެތުހުމަތާ ގުޅިގެން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ޖަލަށްލާފަ އެވެ. އޮންގްގެ މައްޗަށް ތުހުމަތު ކުރެވުނީ އެ ގައުމުގެ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްވަރަން އަށް ރިޝްވަތު ދެއްވުމުގެ ތުހުމަތެވެ.
އޮންގައަކީ އެޗްޕީއެލްގެ މެޖޯރިޓީ ހިއްސާ އޮންނަ ފަރާތެވެ. މީގެ އިތުރުން އެ ކުންފުނީގެ ހިއްސާ އޮންނަނީ އޭނާގެ އަނބިކަނބަލުންގެ އެވެ. އެޗްޕީއެލް މި ކުންފުނީގެ ދަށުން ހިންގާ ބްރޭންޑްތަކުގެ ތެރޭގައި ފޯ ސީޒަންސް އާއި ކޮމޯ ހޮޓެލްސް އެންޑް ރިސޯޓްސް އަދި އަދި މެރިއޮޓް އިންޓަނޭޝަނަލް ފަދަ ލަގްޒަރީ ބްރޭންޑްތައް ހިމެނެ އެވެ. މި ކުންފުނިން 17 ގައުމެއްގެ 41 ހޮޓާ / ރިސޯޓް ހިންގަ އެވެ. އޮންގްގެ މި ކުންފުނިން ރާއްޖޭގައި އަށް ރިސޯޓް ހިންގަ އެވެ.
އެ ރިސޯޓްތަކުގެ ތެރޭގައި ހިމެނެނީ ފޯސީޒަން ޕްރައިވް އައިލެންޑާއި ފޯސީޒަން ކުޑަހުރާ އަދި ފޯސީޒަން ލަނޑާ ގިރާވަރުގެ އިތުރުން ހޮލިޑޭއިން ރިސޯޓް ކަނޑޫމާ ރިސޯޓާއި އޮންނަ ކޮންޓިނެންޓަލް މާނާގައު އަދި ސިކްސެމްސަސް ކުޑަ ހުރާ އާއި ސިކްސެންސަސް ލާމު ރިސޯޓެވެ.