މަންދީގެ އިތުރުން ފައްޔާޒް އަދި އެމްޑީޕީއާ ދެކޮޅަށް ވެސް ފަސްޓް ލޭޑީ، ސާޖިދާ ދައުވާ ކުރައްވައިފި

މި ކޯޓުތަކަށް ހުށަހަޅާފައި ވަނީ މަންދީއާ ދެކޮޅަށް ވަކި މައްސަލައަކާއި ފައްޔާޒް އަދި އެމްޑީޕީއާ ދެކޮޅަށް ވަކި މައްސަލައެކެވެ.

ފަސްޓް ލޭޑީ، މެޑަމް ސާޖިދާ މުހައްމަދު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބޭފުޅަކަށް ނިސްބަތްކޮށް އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓް، މަރިޔަމް ޒުބެއިރު (މަންދީ) ދެއްކި ވާހަކައަކާ ގުޅިގެން އޭނާ އަށާއި، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްލާއިލް އަދި އެ ޕާޓީއާ ދެކޮޅަށް ސިވިލް ކޯޓާއި ފެމެލީ ކޯޓުގައި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ދައުވާ ކުރައްވައިފި އެވެ.

ރައީސްގެ ދަރިކަލަކަށް ނިސްބަތްކޮށް އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާއެއްގައި ވާހަކަދައްކަވަމުން މަންދީ ބުނެފައި ވަނީ ރާއްޖޭގައި ވޭޕް މަނާ ކުރީ ރައީސްގެ ދަރުކަލުން އުމައިރު މުހައްމަދު މުއިއްޒު ވޭޕް ކުރަން ފެއްޓެވުމުން ކަމަށެވެ.

ރައީސްގެ އާއިލާގެ ވަކީލު، ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރުގެ ލޯ ފާމު، ރެހެންދި ޗެމްބާސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރައީސްގެ ދަރިކަލުން އުމައިރަށް ނިސްބަތްކޮށް ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން، އުމައިރުގެ ނަފްސަށާއި ފުރާނައަށް ނުރައްކާވާނެ ހާލަތެއް މެދުވެރިކޮށް، އުމައިރުގެ ކިޔެވުމަށާއި މުސްތަގުބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ހާލަތެއް މެދުވެރިކޮށްފައިވާ ކަމަށެވެ.

އެހެންވެ، މެޑަމް ސާޖިދާގެ ފަރާތްޕުޅުން ސިވިލް ކޯޓަށާއި ފެމެލީ ކޯޓަށް މަންދީ، ފައްޔާޒް އަދި އެމްޑީޕީއާ ދެކޮޅަށް ދައުވާ ކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރެވިފައި އޮތުމުގެ ހައްގު ނިގުޅައިގެންފައި ވާތީ ކަމަށް ބުނެ އެވެ.

އަދި ފެމެލީ ކޯޓަށް މައްސަލަ ހުށަހެޅީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރާ ބައިނަލްއަގްވާމީ މުއާހަދާއިން ކުޑަކުދިންނަށް ކަށަވަރުކޮށްދީފައިވާ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގެންފައިވާ ކަމަށް ބުނެ އެވެ.

މި ކޯޓުތަކަށް ހުށަހަޅާފައި ވަނީ މަންދީއާ ދެކޮޅަށް ވަކި މައްސަލައަކާއި ފައްޔާޒް އަދި އެމްޑީޕީއާ ދެކޮޅަށް ވަކި މައްސަލައެކެވެ.

"މި މައްސަލަތައް ހުށަހެޅިފައި މިވަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކުން ކުޑަކުދިންނަށް ކަށަވަރުކޮށްދީފައިވާ ކަރާމާތާއި ރައްކާތެރިކަމުގެ ހައްގު، ސިޔާސީ ދެކޮޅުވެރިކަމުގެ ތެރެއިންވިޔަސް، ނިގުޅައި ނުގަނެވޭނޭކަން ކަށަވަރުކޮށް، ކުޑަކުދިންގެ ތައުލީމާއި މުސްތަގުބަލު އަދި ނަފްސު، ގަނާ ކުރުމާއި ފުރައްސާރަކުރުމާއި އަދި ނުރައްކަލުގެ ތެރެއަށް ހުށަހެޅުމަށް ކުރެވޭ މަސައްކަތްތަކުން ސަލާމަތްކޮށް ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަގުސަދުގައި،" އެ ބަޔާނުގައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.