ހުޅުމާލެއަށް ދާ ހައިވޭ މަތިން ހިނގި އެކްސިޑެންޓެއްގައި ކުޑަކުއްޖަކާއި މީހަކަށް އަނިޔާވެގެން ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ، މިއަދު ހަވީރު އެ އެކްސިޑެންޓު ހިނގާފައިވަނީ، ސީޕްލޭން ޓާމިނަލް ސަރަހައްދުން ނުކުތް ވޭނަކާއި ހައިވޭ އިން ދިޔަ ސައިކަލެއް ޖެހިގެން ކަމަށެވެ.
އެ އެކްސިޑެންޓުގައި އަނިޔާވީ ސައިކަލު ދުއްވި މީހާ އާއި އޭގައި އިން ހަ އަހަރުގެ އަންހެން ކުއްޖަކަށް ކަމަށް ފުލުހުން ބުންޏެވެ. ކުޑަ ކުއްޖާއަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާއިރު، އަނިޔާވި މީހާއަށް ފަރުވާދެނީ ހުޅުމާލޭ ހޮސްޕިޓަލުގަ އެވެ.
ނަމަވެސް، އެ ކުއްޖާއަށާއި އެ މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނޫނެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.