ކުޑަކުއްޖަކަށް ބަރަހަނާ ފޮޓޯ ފޮނުވިކަމުގެ ހެއްކެއް ނުފެނުނު: ފުލުހުން

ދެކުނު ރަށެއްގައި އުމުރުން 14 އަހަރުގެ ކުއްޖަކަށް ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ދައްކައި އެފަދަ ތަކެތި އެ ކުއްޖާގެ ފޯނަށް ފޮނުވި ކަމަށް ބުނާ މައްސަލައިގެ ތަހުގީގުގެ ތެރެއިން، އެ ތުހުމަތުތަކަށް ބާރު ލިބޭ ހެއްކެއް ފެނިފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

އެ މައްސަލަ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފުލުހުންނަށް ހުށަހެޅިޔަސް، އަދިވެސް އިންސާފު ލިބިފައިނުވާކަމަށް ބުނެ، މިހާރު އުމުރުން 17 އަހަރުގެ އެ ކުއްޖާ ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެން ފުލުހުން ބުނީ އެ މައްސަލައިގެ ތުހުމަތުކުރެވޭ މީހާގެ ފޯނާއި ލެޕްޓޮޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ފޮރެންސިކް ތަހުލީލުތައް ކުރި ކަމަށެވެ.

މީގެއިތުރުން ވެސް ހަ މީހެއްގެ ބަޔާނާއި ހެކި ބަސް އަދި އިތުރު ދެ މީހެއްގެ ބަޔާން ނަގާފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

"...ތަހުލީލުތަކުންނާއި ބަޔާންތަކުން، ކުއްޖާ ބުނާ ބުނުން ފިޔަވައި އެ މައްސަލައާ ގުޅުންހުރި އަދި ކުރާ ތުހުމަތުތަކަށް ބާރުލިބޭ އެެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް ލިބިފައެއް ނުވޭ،" މީީޑިއާ ގްރޫޕަށް ފުލުހުން ފޮނުވި މެސެޖުގައި ބުންޏެވެ.

އަދި އެ މައްސަލާގައި ތުހުމަތުކުރެވޭ މީހާ، ކުއްޖާގެ ފޯނަށް ފޮނުވާފައިވާ ކަމަށް ބުނާ މެސެޖުތަކާއި ގުޅުންހުރި އެއްވެސް އެއްޗެއް އެ ކުއްޖާގެ ފޯނުގެ ފޮރެންސިކް ތަހުލީލުތަކުން ވެސް ފެނިފައިނުވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން އިތުރަށް ބުނީ، އެ މައްސަލަ ތަހުގީގުކޮށް، މިދިޔަ އަހަރުގެ އޭޕްރީލް މަހު ޕްރޮސެކިއުޓާ ޖެނަރަލްގެ މަޝްވަރާއަށް ފޮނުވުމުން ވަނީ ބައެއް އިސްލާހުތައް ގެނެސް، ތަހުގީގު އިތުރަށް ފުރިހަމަ ކުރުމަށް އެދިފައި ކަމަށެވެ.

ނަމަވެސް، އެ އިސްލާހުތައް ގެނައުމުގައި މައްސަލަ ހުށަހެޅި ފަރާތުން އެއްބާރުލުން ލިބިފައިނުވާތީ މައްސަލަ މިހާތަނަށް އޮތީ ނުނިމި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި، އެ މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް އަދިވެސް ދަނީ ކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.