މީކާއިލް ހުށަހެޅުއްވި ބިލުގައި، ޑުއަލް ސިޓިޒެންޝިޕް ގެންގުޅޭ އިޒްރޭލު މީހުންނަށް ވެސް ރާއްޖެ ނާދެވޭނެހެން ޕާސްޕޯޓު މަނާ ކުރުމަށް އޮތް ބައި ވަނީ އުނިކޮށްފަ އެވެ. އެގޮތަށް އުނިކޮށްފައި ވަނީ އިމިގްރޭޝަނުން އެދުމުންނެވެ.
އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ހުއްޓާލަންދެން އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި މި ބިލުގެ ބޭނުމަކީ އިޒްރޭލުން ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތައިލުމަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި، ގަތުލުއާންމާ ދެކޮޅަށް ރާއްޖެއިން ފިޔަވަޅުއެޅުމުގެ ގޮތުން، ރާއްޖެއަށް އިޒްރޭލުގެ ޕާސްޕޯޓުގައި އެތެރެވުން މަނާކުރުން ކަމަށެވެ.
ރައީސް ތަސްދީގުކޮށްދެއްވި ބިލަކީ އިޒްރޭލު މިދިޔަ އަހަރުގެ މޭ މަހު ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް ނަސީމު، އިޒްރޭލު ޕާސްޕޯޓް މަނާ ކުރުމަށް އިމިގްރޭޝަން ގާނޫނަށް ހުށަހެޅުއްވި އިސްލާހެކެވެ. ނަމަވެސް ބިލު މަޖިލީހުން ފާސްކޮށްފައި ވަނީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ) ބަދަލުތަކާއެކު އެވެ.
ކޮމެޓީން އިއްޔެ ފާސްކޮށްފައި ވަނީ އޮކްޓޯބަރު 07، 2023 އިން ފެށިގެން އިރޭލުން ފަލަސްތީނަށް ދެމުން ގެންދާ ލާއިންސާނީ ހަމަލާތައް މެދުކެނޑެންދެން އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުމަކީ މަނާ ކަމެއް ކަމަށް އެ ގާނޫނުގެ އަށްވަނަ މާއްދާއަށް އަކުރެއް އިތުރު ކުރުމަށެވެ.
މީކާއިލް ހުށަހެޅުއްވި ބިލުގައި، ޑުއަލް ސިޓިޒެންޝިޕް ގެންގުޅޭ އިޒްރޭލު މީހުންނަށް ވެސް ރާއްޖެ ނާދެވޭނެހެން ޕާސްޕޯޓު މަނާ ކުރުމަށް އޮތް ބައި ވަނީ އުނިކޮށްފަ އެވެ. އެގޮތަށް އުނިކޮށްފައި ވަނީ އިމިގްރޭޝަނުން އެދުމުންނެވެ.
މި ބިލާ ގުޅޭ ގޮތުން އިމިގްރޭޝަނުން ހުށަހެޅި ހުށަހެޅުމުގައި ބުނެފައި ވަނީ ޑުއަލް ސިޓިޒެންޝިޕް އޮންނަ މީހުންގެ ޕާސްޕޯޓް މަނާ ކުރުމަކީ އެ އިދާރާއަށް ތަންފީޒު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެގޮތުން ޑުއަލް ސިޓިޒެންޝިޕް ލިބިފައިވާ ފަރާތެއްކަން ކަށަވަރު ކުރެވޭނެ އެއްވެސް ގޮތެއް އެ އިދާރާގައި ނެތްކަން ވަނީ ފާހަގަކޮށްފަ އެވެ.
މި ބިލު މަޖިލީހުން ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގަތް ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.