ރައީސް ޑރ. މުހައްމަދު މުއިއްޒު، ޕީސީބީގެ ރައީސްގެ މަގާމަށް އަނަސް ކުރައްވާފައި ވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސްކަމުގެ މަގާމަށް އައްޔަނު ކުރި ގއ. ދެއްވަދޫ، ދޭލިޔާގެ، މުހައްމަދު އަނަސްއަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ޕީސީބީގެ ރައީސްގެ މަގާމަށް އަނަސް ކުރައްވާފައި ވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އެވެ.
އަނަސް އަށް ރުހުން ދިނުމަށް މަޖިލީހުން ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގަތް ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
އެ މަގާމަށް އައްޔަނު ކުރެއްވުމުގެ ކުރިން އަނަސް ހުންނެވީ ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގަ އެވެ. އަނަސް އަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއިން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.
އަނަސް މީގެ ކުރިން އަދާކުރައްވާފައިވާ އެހެން ވަޒީފާތަކުގެ ތެރޭގައި ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އޮޑިޓް މެނޭޖަރުކަމާއި މޯލްޑިވްސް ބިޒްނަސް ސްކޫލުގެ އެސޯސިއޭޓް ޕްރޮފެސަރު ކަމުގެ މަގާމު ވެސް ހިމެނެ އެވެ.
ޕީސީބީގެ ރައީސް ކަމަށް އަނަސް އައްޔަނު ކުރައްވާފައިވާއިރު، މީގެ ކުރިން އެ މަގާމުގައި ހުންނެވީ ހަމްދީ އަގީލެވެ. އޭނާ މަގާމުން ވަކިކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު އެވެ.