ކޮރަޕްޝަންގެ މައްސަލައެއްގައި ފެނަކައިގެ ކުރީގެ އެމްޑީ ސައީދަށް ދައުވާ ކުރަން ފޮނުވައިފި

ސައީދުގެ އިތުރުން އެ ކުންފުނީގެ ކުރީގެ ޗީފް އެކައުންޓަންޓް މުހައްމަދު މަސްއޫދުގެ މައްޗަށް ވެސް ދައުވާ ކޮށްދިނުމަށް އޭސީސީ އިން ވަނީ އެދިފަ އެވެ.

ފަނަކައިގެ ކުރީގެ އެމްޑީ އަހުމަދު ސައީދު

ފެނަކަ ކޯޕަރޭޝަނުން އައިސްޕްލާންޓެއް ގަތުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމުގެ ތުހުމަތުގައި އެތަނުގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

މި މައްސަލަ ތަހުގީގު ކުރި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނީ ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމެންޓް ކިޔާ ކުންފުންޏަކުން ގާއިމްކޮށްފައިވާ އައިސްޕްލާންޓެއް ފެނަކަ ކޯޕަރޭޝަނުން ގަތުމުގައި ކުންފުނީގެ އުސޫލުތަކާ ހިލާފަށް އަމަލުކޮށް، ނާޖާއިޒު ފައިދާ ހޯދާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އިއްޔެ ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

ސައީދުގެ އިތުރުން އެ ކުންފުނީގެ ކުރީގެ ޗީފް އެކައުންޓަންޓް މުހައްމަދު މަސްއޫދުގެ މައްޗަށް ވެސް ދައުވާ ކޮށްދިނުމަށް އޭސީސީ އިން ވަނީ އެދިފަ އެވެ.

މި މައްސަލައިގައި މި ދެ މީހުންގެ މައްޗަށް ކޮށްދިނުމަށް ޕީޖީ އޮފީހުގައި އެދިފައި ވަނީ؛

  •  ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ
  •  ދައުލަތަށް ލިބެން އޮތް ފައިދާއަކަށް އުނިކަމެއް ލިބޭ ގޮތަށް އަމަލުކުރުމުގެ ކުށުގެ ދައުވާ

އޭސީސީ އިން ބުނީ އެ އައިސްޕްލާންޓް ފެނަކައަށް ގަތުމަށް ނިންމާފައި ވަނީ އޭގެ ސަބަބުން ކުންފުންޏަށް ގެއްލުން ވާނެ ކަމަށް 2023 ވަނަ އަހަރު ބޯޑުން ނިންމާފައި ވަނިކޮށް، އެކަން އެނގި ތިބެ ކަމަށެވެ. އަދި އޭރު އޮތީ އެރަށުގައި އައިސްޕްލާންޓެއް އެޅުމަށް ހަމަޖެހިފައި ވަނިކޮށް، ބޯޑު މެންބަރުންނަށް ސައީދު ދޮގު މައުލޫމާތު ދެއްވައިގެން ކަމަށް އޭސީސީ އިން ބުންޏެވެ.

"މިގޮތުން، ކައިޒާން އިންވެސްޓްމެންޓްގެ އައިސްޕްލާންޓް ފެނަކައިން ގަތުމުން، ފިޝަރީޒް މިނިސްޓްރީއާއެކު [އައިސްޕްލާންޓެއް އެޅުމަށް] ވެފައިވާ އެއްބަސްވުމުގެ ދަށުން އަޅާ އައިސްޕްލާންޓާ ގުޅޭ ސަރުކާރުގެ ސިޔާސަތު ބަދަލުވެގެން ދާނެ ކަމަށް ދޮގު މައުލޫމާތު ދީފައިވޭ،" އޭސީސީ އިން ބުންޏެވެ.

އޭސީސީ އިން އިތުރަށް ބުނީ، އައިސްޕްލާންޓްގެ ވެލުއޭޝަންގެ ގޮތުގައި މަސްއޫދު ހުށަހަޅާފައިވާ އަގަކީ މާކެޓް ވެލިއުއަށްވުރެ މަތީ އަގެކަން ވެސް ތަހުގީގަށް އެނގިފައިވާ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.