ހަތަރު ފުރޮޅުލީ އުޅަނދު ދެން އެތެރެވެސް ކުރެވޭނީ ގަރާޖު ދައްކާފައި!

ރާއްޖެއަށް ހަތަރު ފުރޮޅުލީ އުޅަނދު އެތެރެކުރުމުގެ ކުރިން، އެ ބާއްވާނެ ގަރާޖެއް ހަމަޖެއްސިކަމުގެ ލިޔުން ހުށަހަޅަންޖެހޭ ގޮތަށް ކަމާގުޅޭ ގަވާއިދު އިސްލާހުކޮށްފި އެވެ.

ރާއްޖެއަށް ހަތަރު ފުރޮޅުލީ އުޅަނދު އެތެރެކުރުމުގެ ކުރިން، އެ ބާއްވާނެ ގަރާޖެއް ހަމަޖެއްސިކަމުގެ ލިޔުން ހުށަހަޅަންޖެހޭ ގޮތަށް ކަމާގުޅޭ ގަވާއިދު އިސްލާހުކޮށްފި އެވެ. 

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދަށް ޓްރާންސްޕޯޓް މިނިސްޓްރީން ގެނެސްފައިވާ އިސްލާހުގައިވާ ގޮތުން، އެއްގަމު އުޅަނދުގެ ތެރެއިން ދެ ފުރޮޅުލީ އެއްގަމު އުޅަނދު ފިޔަވައި، އެހެން ހުރިހާ އުޅަނދެއް ރާއްޖެ އެތެރެކުރުމުގެ ކުރިން އެ އުޅަނދެއް އެތެރެކުރުމުގެ ހުއްދައާ އެކު، ގަރާޖު ސިޓީ ހުށަހަޅަންޖެހެ އެވެ.

އެ އިސްލާހުގެ ދަށުން، އުޅަނދެއް އެތެރެކުރުމުގެ ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި، އުޅަނދު ގުދަން ކުރުމަށް ހަމަޖެހިފައިވާ ގަރާޖު ނުވަތަ ޝޯރޫމް ނުވަތަ ގުދަނުގެ ހުއްދައިގެ ކޮޕީއަކާއި އުޅަނދު އެތެރެކުރާ މީހާގެ އައިޑީކާޑާއި ކުންފުނީގެ ރަޖިސްޓްރޭޝަން ސެޓްފިކެޓް ހިމެނެ އެވެ. 

ހެވީ ވެހިކަލެއް ނަމަ މެނުފެކްޗާ ސެޓްފިކެޓުގެ ނުވަތަ އިންވޮއިސްގެ ކޮޕީ އާއި އެކްސްޕޯޓް ސެޓްފިކެޓު އަދި ބޭނުންކޮށްފައިވާ ޑީރެޖިސްޓާޑް އުޅަނދެއް ނަމަ އެ ސެޓްފިކެޓް ހުށަހަޅަން އެ އިސްލާހުގެ ދަށުން ވަނީ ލާޒިމްކޮށްފަ އެވެ.

އެ އިސްލާހުގައި ބުނެފައިވަނީ، ރާއްޖެއަށް އެތެރެކުރަން އެދޭ އުޅަނދު ބާއްވާ ތަނަކީ، އުޅަނދު ބޭއްވުމަށް ކަމާ ބެހޭ އިދާރާއަކުން ހުއްދަދީފައިވާ ގަރާޖަކަށް ވާން ޖެހޭނެ ކަމަށާއި އެ ތަންތަނުގައި އުޅަނދު ބާއްވާނެ ޖާގަ އޮތްކަން މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ކަށަވަރު ކުރަން ވާނެ ކަމަށެވެ.

ނަމަވެސް، އެ ލިޔުންތައް ހުށަހެޅިޔަސް ހުއްދަ ދޫކުރާނީ އުމުރު ހަމަނުވާ އުޅަނދުތަކަށް ކަމަށް ގަވާއިދުގައި ބުނެފައިވާއިރު، ދެ ފުރޮޅުލީ އުޅަނދާއި ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓަރީކޮށް ނުދެވޭނެ އުމުރުތައް އެ އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.

ރަޖިސްޓްރީކޮށް ނުދެވޭނެ އިންޖީނުލީ އުޅަނދުގެ އުމުރު:

  • ބޭނުންކޮށްފައި ހުންނަ އުޅަނދުތަކުގެ ތެރެއިން އިންޖީނު ކެޕޭސިޓީ 250 ކިއުބިކް ސެންޓިމީޓަރު ނުވަތަ އެއަށް ވުރެ ދަށުގެ މޮޓޯ ސައިކަލާއި އޮޓޯ ސައިކަލު.
  • އުފެއްދި ތާރީހުން ފެށިގެން ތިން އަހަރު ދުވަހަށް ވުރެ އިތުރުވެފައިވާ މޮޓޯ ސައިކަލާއި އޮޓޯ ސައިކަލު.
  • އުފެއްދި އަހަރުން ފެށިގެން ފަސް އަހަރަށް ވުރެ އިތުރުވެފައިވާ ކާރު، ވޭން، ބޭސް ލޭންޑްރޯވާ ފަދަ ދަތުރުފަތުރުކުރުމަށް ގެންގުޅޭ އެއްގަމު އުޅަނދާއި އުފުލޭ ބަރުދަން އެއް ޓަނު ހަމަނުވާ އެއްގަމު އުޅަނދު.
  • އުފެއްދި ތާރީހުން ފެށިގެން ހަތް އަހަރަށް ވުރެ އިތުރުވެފައިވާ، އުފުލޭ ބަރުދަން އެއް ޓަނުން ފެށިގެން ހަތަރު ޓަނު ހަމަނުވާ އެއްގަމު އުޅަނދު.
  • އުފެއްދި އަހަރުން ފެށިގެން 15 އަހަރު ދުވަސް ނުވަތަ އެއަށް ވުރެ ގިނަ ދުވަސްވެފައިވާ އުފުލޭ ބަރުދަން 10 ޓަނުން ފެށިގެން މަތީގެ އެއްގަމު އުޅަނދު.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.