މި އެއާޕޯޓުގައި ފުރަތަމަ ބޯޓެއް ޖެއްސީ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު އެވެ، އާދައިގެ ސްލޮޓް ޖަހާފައިވާ ދަގަނޑު ރަންވޭއެއްގައި ޖެއްސީ ފުރަތަމަ ބޯޓަކީ ރޯޔަލް ނިއުޒީލެންޑް އެއާފޯސް ޓްރާންސްޕޯޓް ބޯޓެކެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް 59 އަހަރު ފުރުމުގެ ހަރަކާތްތައް ދިދަ ނެގުމުގެ ރަސްމިއްޔާތަކާއެކު ފަށައިފި އެވެ.
ވީއައިއޭ ހިންގާ އެމްއޭސީއެލް އިން ވަނީ މިއަދު ހެނދުނު އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހިންގާ ހަރަކާތްތައް ފަަށައިގެންފަ އެވެ. މިގޮތުން އަހަރީ ދުވަހުގެ މުނާސަބަތުގައި މިއަދު އޮތް ދިދަ ނެގެމާއި ކޭކު ފެޅުމުގައި އެ ކުންފުނީގެ މެނޭޖްމަންޓާއި
މުވައްޒަފުންގެ އިތުރުން ބައެއް ސްޓޭކްހޯލްޑަރުން ބައިވެރިވިއެވެ.
ދިދަ ނެގުމުގެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އިބްރާހީމް ޝަރީފް ވަނީ އެއަރޕޯޓުގެ ތަރައްޤީއަށްޓަކައި ސަރުކާރުނ،ް ވަކިން ޚާއްސަކޮށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އަހަމިއްޔަތު ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.
އެއާޕޯޓުގެ ތަރައްގީއަށްޓަކައި ވަރަށް މުހިއްމު ބޮޑެތި މަޝްރޫޢުތައް ހިނގަމުންދާކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ ކޮންޓްރެކްޓަރުން ނިންމާނީ ފެސިލިޓީސް ކަމަށާއި އެތަންތަން އޮޕަރޭޝަނަލައިޒްކޮށް ގައުމަށް އޭގެ ފައިދާ ހޯދައިދޭން ތިބީ މުވައްޒަފުން ކަމަށެވެ. އެ ގޮތުން އެއާޕޯޓުގެ މުވައްޒަފުންނަކީ އަބަދު ވެސް ޤައުމަށްޓަކައި އަގުހުރި ހިދުމަތްތަކެއް ކުރާ ބައެއްކަން
ފާހަގަކުރައްވައި އެކަމަށްޓަކައި މުވައްޒަފުންނަށް ޝުކުރު އަދާކުރެ އެވެ،
އެއާޕޯޓުގެ ހަޔާތުގައި ކުރިޔަށް އޮތް އަހަރަކީ ހިދުމަތްތައް ވަރަށް ބޮޑަށް ތަރައްގީވެގެންދާނެ އަހަރެއްކަން ފާހަގަ ކުރައްވައި ޝަރީފް ވިދާޅުވީ ސްޓޭކްހޯލްޑަރުންނާއި ފަސިންޖަރުން އުފާވާ ފަދަ ހިދުމަތްތަކެއް އެއާޕޯޕޯޓުން ދޭން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު ދުވަހުގެ މުނާސަބަތުގައި 59 ފޫޓުގެ ކޭކެއް ވަނީ ފަޅާފަ އެވެ. އަދި އެކުވެރިކަމުގެ ހިނގާލުމެއްވެސް ވަނީ ބާއްވާފަ އެވެ. އަހަރީ ދުވަސް ފާހަގަ ކުރުމަށްޓަކައި ކުރިޔަށް އޮތް ދުވަސްތަކުގައި މުވައްޒަފުންނަށް ހާއްސަ ގާލާ ނައިޓަކާއި ވަންޑޭ ހޭންޑްބޯލް މުބާރާތެއް ވެސް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފަ އެވެ.
ހުޅުލެ އެއާޕޯޓް ތަރައްގީ ކުރެއްވީ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގަ އެވެ. ހުޅުލެ އެއާޕޯޓުގައި ފުރަތަމަ ބޯޓެއް ޖެއްސީ 1960 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު އެވެ. ދަގަނޑު އަޅައިގެން ހެދި މި ރަންވޭގައި ޖެއްސީ ރޯޔަލް ނިއުޒީލެންޑް އެއާފޯސް ޓްރާންސްޕޯޓް ޕްލޭނެކެވެ. އަދި އޭގެ ދެ އަހަރު ފަހުން އޭޕްރީލް 10، 1962 ގައި އެއާ ސިލޯންގެ ފްލައިޓެއް އައިސް ވިޔަފާރީގެ ދަތުރުތައް ފެށި އެވެ. ހުޅުލޭ' އެއާޕޯޓް ރަސްމީކޮށް ހުޅުވީ އޭޕްރީލް 12، 1966 ގައި އެ އެއާޕޯޓް ހިންގުން ބަލަހައްޓަން ސަރުކާރުން އެއާޕޯޓް އޮފީސް އުފައްދައިގެންނެވެ. މި އޮފީސް، ގިނަ ބަދަލުތަކެއްގެ ތެރެއިން، ފަހުން ބޮޑުވެގެން ދިޔައީ އެމްއޭސީއެލް އަށެވެ. އެއާޕޯޓުން ފެނުނީ މަޑުމަޑުން ނަމަވެސް އެއްވަރެއްގެ ކުރިއެރުމެކެވެ. ނޮވެމްބަރު 1981 ގައި އޭރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ ރަނގަޅު އިންފްރާސްޓްރަކްޗަާ އާއި އެކު މާލެ' އިންޓަނޭޝަނަލް އެއާޕޯޓް އިފްތިތާހުކޮށްފަ އެވެ.
އޭގެފަހުން މިހާރު ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތައް ފައްޓަވައި ދެއްވީ ރައީސް އަބްދުﷲ ޔާމީން އެވެ. އެ މަޝްރޫއުގެ ދަށުން އާ ރަންވޭއެއް ހަދާފައިވެ އެވެ. މި އާ ރަންވޭގެ ދިގުމިނަކީ 3400 މީޓަރު އަދި ފުޅާމިނަކީ 60 މީޓަރެވެ. މިއީ އޭ380 މަތިންދާބޯޓުތައް ފަސޭހައިން ޖައްސާލެވޭ ވަރަށް ބޮޑު ރަންވޭ އެކެވެ. މިހާރު އެތަން ދަނީ ބޭނުން ކުރަމުންނެވެ.
މީގެ އިތުރުން ފިއުލް ފާމާއި ފިއުލް ހައިޑްރެންޓް ސިސްޓަމް ވެސް ގާއިމްކޮށްފައިވެ އެވެ. މި މަޝްރޫޢުގެ ދަށުން 8.4 ކިލޯމީޓަރުގެ ފިއުލް ހައިޑްރެންޓެއް ވެސް ވަނީ އިންސްޓޯލްކޮށް އެފިޝަންސީ އާއި ސޭފްޓީ ސްޓޭންޑަޑްތައް މަތިކޮށްފަ އެވެ.
އަދި އާ އިންޓަނޭޝަނަލް ޕެސެންޖަރ ޓާމިނަލް ބިލްޑިންގެ މަަސައްކަތް ވެސް ފެށި އެވެ. ނަމަވެސް އެކަން ހުއްޓިފައި ވަނިކޮށް މި ސަރުކާރުން ވަނީ ހާއްސަ އިސްކަމެއް ދެއްވައި އެ މަސައްކަތް ހަލުވި ކޮށްފަ އެވެ. ރައީސް ޑރ. މުއިއްޒުގެ ހާއްސަ ބެލުމުގެ ދަށުން ކުރިއަށްދާ މި ޓާމިނަލްގައި އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެއެވެ. މިތަނުގައި ފެންނަން ހުރި އިތުރު ތަރައްގީތަކުގެ ތެރޭގައި އެރޯ ބޯޑިން ބްރިޖްތަކާއި ޒަމާނީ ބެގޭޖް ހެންޑްލިން ސިސްޓަމްތައް ހިމެނޭއިރު މިއީ ފޯރުކޮށްދޭ ހިދުމަތްތަކުގެ ރަނގަޅުކަން އިތުރުކޮށްދޭ ކަމެކެވެ.ޓާމިނަލްގައި ތަފާތު ގިނަ ކެފޭތަކާއި ރެސްޓޯރެންޓްތަކާއި ފިހާރަތަކާއި ލައުންޖުތަކާއި އެހެނިހެން ހިދުމަތްތައް ވެސް ފަސިންޖަރުންނަށް ލިބޭނެ އެވެ. މި އަހަރުގެ އޮކްޓޫބަރު މަހު މިތަން ބޭނުން ކުރަން ފަށާނެ އެވެ. ވީއައިއޭގައި މީގެ އިތުރުން އާ ސީއައިޕީ/ ވީއައިޕީ ބިލްޑިންގެ ވެސް ހަދާފައިވެ އެވެ. މިތަނުގެ ބައެއް ހުޅުވާފައިވާއިރު ބާކީ ހުރިބަގެ މަސައްކަތްވެސް ހަލުވިކަމާއެކު ކުރިއަށް ދެ އެވެ.
ބަދަލުވަމުންދާ ދުނިޔެ އާއި ތަރައްގީވެ ބޮޑުވަމުންދާ ރާއްޖޭގެ އިގްތިިސޯދަށް ކޭޓާ ކުރަން ރައީސް ޑރ. މުއިއްޒުގެ ވިޝަންގެ ދަށުން ވަނީ 20 އަހަރުގެ ތަސައްވުރެއް ހިމެނޭ އެއާޕޯޓް ބިޔަ މަޝްރޫއެއް ހިންގަން ނިންމާފަ އެވެ.
އުންމީދީ މި މަޝްރޫއު ތަރައްގީގެ ފުރަތަމަ މަރުހަލާގައި ހަތް މިލިއަން ފަސިންޖަރުންނަށް ޖާގަ ލިބޭ އާ ފަސިންޖަރުންގެ ޓާމިނަލްގެ ކެޕޭސިޓީ އިތުރުވާނެ އެވެ. އަދި އެއާޕޯޓުގައި އާ ކާގޯ ޓާމިނަލް 2025 ވަނަ އަހަރުގެ ނިޔަލަށް 100،000 އެމްޓީ ހެންޑްލް ކުރެވޭ މިންވަރުން 2050 ވަނަ އަހަރުގެ ނިޔަލަށް 300،000 އެމްޓީ އަށް ފުޅާކުރުމުގެ އަމާޒު ހިފާފައިވެ އެވެ. އަދި އަލަށް ގާއިމްކުރި ފިއުލް ފާމްގެ ސްޓޯރޭޖް ކެޕޭސިޓީއަކީ 15 މިލިއަން ލީޓަރު ކަމަށްވާއިރު، ވިހި އަހަރު ނިމޭއިރު އެސްޕިރޭޑް ކެޕޭސިޓީއަކީ 45 މިލިއަން ލީޓަރު ކަމަށް ލަފާކުރެވެ އެވެ. މީގެ ތުރުން މެއިންޓެނަންސް، ރިޕެއާސް އެންޑް އޯވަހޯލްސް ފެސިލިޓީއެއް ތަރައްގީ ކުރަން ނިންމާފައިވެ އެވެ. އަދި ފުޅާވަމުންދާ ޑޮމެސްޓިކް ޓާމިނަލަށް ވެސް އާ ކުރިއެރުންތަކެއް ފެނިގެންދާނެ ކަމަށާއި މިހާރު ގަޑިއަކު 300 ފަސިންޖަރުންނަށް ހިދުމަތް ދިނުމުގެ ގާބިލްކަން ގަޑިއަކު 2000 ފަސިންޖަރުންނަށް އިތުރު ކުރުމަކީ މި މަޝްެރޫއުގެ ބައެކެވެ. މީގެ އިތުރުން ލޯކޮސްޓް ކެރިއާ އާއި ޖެޓަސް ހާއްސަ ޓާމިނަލްއެއް ވެސް ހަދާނެ އެވެ.