ވީއައިއޭ ކުރީގެ ރަންވޭ ޓެކްސީވޭއަކަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ ބީޔޫސީޖީ އެވެ. 3200 މީޓަރުގެ މި ޓެކްސީވޭ ނިމުމުން މިހާރަށްވުރެ ރަނގަޅަށް މަތިންދާބޯޓާއި ފަސިންޖަރުންނަށް ހިދުމަތްދެވޭނެ އެވެ.

ވީއައިއޭ ކުރީގެ ރަންވޭ ޓެކްސީވޭއަކަށް ބަދަލު ކުރުމުގެ މަސައްކަތް ފަށަން ބޭއްވި ރަސްމިއްޔާތު

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގައި މިހާރު ބޭނުންކުރަމުންދާ ޓެކްސީވޭ-ޗަރލީ އަލުން ބިނާކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ ބެއިޖިންގް އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) އެވެ. 3200 މީޓަރުގެ މި ޓެކްސީވޭ ނިމުމުން މިހާރަށްވުރެ ރަނގަޅަށް މަތިންދާބޯޓާއި ފަސިންޖަރުންނަށް ހިދުމަތްދެވޭނެ އެވެ. އެގޮތުން ފްލައިޓް ޓާން އަރައުންޑް ވަގުތު މަދުކޮށް އޮޕަރޭޝަންސް ހަލުވި ވެގެންދާނެ އެވެ.

މި މަސައްކަތް ފެށުމަށް ހުޅުލޭ އައިލެންޑް ހޮޓެލްގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޗައިނާ އެމްބަސީގެ ފަރާތުން ޗާޖް ޑެފެއާޒް ހެ ފެން، އެމްއޭސީއެލް ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުޙައްމަދު، ބީޔޫސީޖީ ގެ ޗެއާމަން ލީ ވެއިޑޮން އަދި އެމްއޭސީއެލް ގެ ގިނަ އަދަދެއްގެ ސްޓޭކްހޯލްޑަރުން ބައިވެރިވަޑައިގެންނެވި އެވެ.

އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުޙައްމަދު ވަނީ ސަރުކާރުން އެއަރޕޯރޓް ތަރައްޤީ ކުރުމަށް ދެއްވާ އަހައްމިއްޔަތު ފާހަގަކޮށް އެކަމަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ބީޔޫސީޖީ އާއި އެމްއޭސީއެލް އެކުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ އެކި މަޝްރޫޢުތައް ހިންގަމުންދާތާ 10 އަހަރުވެފައިވާކަން ފާހަގަ ކުރައްވާ، އެ ކުންފުނީގެ ފަރާތުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާ ކުރެއްވިއެވެ.

ބީޔޫސީޖީން ވީއައިއޭ ހިންގާފައިވާ ޕްރޮޖެކްޓްތަކުގެ ތެރޭގައި ކޯޑް-އެފް ރަންވޭ، ނޫވިލު ސީޕްލޭން ޓާމިނަލް ވީއައިޕީ / ސީއައިޕީ ޓަރމިނަލް، ކަރގޯ ޓާމިނަލް އަދި ފިއުލް ފާމް ހިމެނެ އެވެ. އަމަލީ މަސައްކަތް ފެށި ޓެކްސީވޭ-ޗާރލީ އަކީ ކުރީގެ ރަންވޭ އަދި މިހާރު ޓެކްސީވޭ ގެ ގޮތުގައި ބޭނުންކުރާތަނެވެ.

މި ޓެކްސީވޭއަކީ ސުނާމީގައި ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ތަނެއްކަން ފާހަގަ ކުރައްވަމުން ޝަރީފް ވިދާޅުވީ މަތިމަތިން މަރާމާތު ކުރެވެމުންދިޔަސް، މި ޓެކްސީވޭ އަލުން ބިނާކުރުމުގެ ބޭނުން އޮތީ ބޮޑުވެފައި ކަމަށެވެ. އަދި އަލުން ބިނާކުރެވޭ ޓެކްސީވޭއަކީ އެމަޖެންސީ ރަންވޭއެއްގެ ގޮތުގައި ވެސް ބޭނުންކުރެވޭ ތަނެއްކަން ފާހަގަ ކުރެއްވިއެވެ.

މި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ބީޔޫސީޖީ ގެ ޗެއާމަން ލީ ވެއިޑޮންގ ވިދާޅުވީ އެމްއޭސީއެލްއާއި އެކުގައި މަސައްކަތް ކުރެވުނު ދިހަ އަހަރުތެރޭ ދެ ކުންފުނީގެ ގުޅުމަކީ ހަމައެކަނި ކޮންޓްރެކްޓަރަކާއި ކްލަޔަންޓަކަށްވުރެ އިތުބާރުބޮޑު ޕާޓްނާޝިޕަކަށް ވެފައިވާ ކަމަށެވެ. އަދި ބީޔޫސީޖީ ގެ ކޮންމެ ޕްރޮޖެކްޓެއް ވެސް ނިންމާފައިވާނީ ވަރަށް ރަނގަޅު ފެންވަރުގައި ކަމަށާއި މި ޕްރޮޖެކްޓަށް ވެސް އެ ކުންފުނީގެ އެންމެ ތަޖުރިބާކާރު އިންޖިނިއަރުންގެ ޓީމެއް ނަގާފައިވާނެ ކަމަށް ވިދާޅުވި އެވެ.

ޓެކްސީވޭ ޗާލީ - ވީއައިއޭ ބިނާކުރެވުނު އެންމެ ފުރަތަމަ ރަންވޭ އެވެ. މި ރަންވޭ 1981 ވަނައަހަރު ވައިޑް ބޮޑީ އެއާކްރާފްޓް ޖެއްސޭ ވަރަށް ވަނީ ތަރައްޤީ ކުރެވިފަ އެވެ. އެއަށްފަހު ރަންވޭ ދިގުކޮށް، އެތައް ފަހަރެއްގެ މަތިން މަރާމާތު ކުރެވިފައިވެއެވެ. އަދި ވަކިން ޚާއްސަކޮށް 2004 ގެ ސުނާމީއަށްފަހު ރަންވޭއަށް ވަރަށް ބޮޑަށް ގެއްލުންވެ އަބަދު މަރާމާތު ކުރަންޖެހޭ ޙާލަތަށް ގޮސްފައިވެއެވެ. އެތައް ދުވަހެއްގެ ޚިދުމަތަށްފަހު އަލުން ބިނާކުރެވިގެން މި ދަނީ ދިވެހި ޤައުމުގެ ތަރައްޤީގެ ވަރަށް ގިނަ ސަފްހާތައް ދެކެފައިވާ މުހިއްމު ބިނާއެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.