"ވީމާ ކަނޑަށް ވެއްޓި ގެއްލި ހޯދައި ނުފެނިފައިވާ މީހާއާމެދު ގޮތް ނިންމަންވާނީ ގާޒީ. ގާޒީ ގޮތް ނިންމާނީ ގެއްލުނު ހާލަތުގެ މައްޗަށް ނަޒަރު ހިންގައި ހޯދަން ކުރި މަސައްކަތުގެ މައްޗަށް ބަލައި މުޅި މައްސަލައިގެ ހަފަރާތް ބެލުމަށް ފަހުގައި،"
މިމަހުގެ ދެވަނަ ދުވަހުގެ ރޭ މާލެއަށް ދަތުރުކުރަމުން ދިޔަ ހޮޅުދޫ ބޯޓުގައި އަލިފާން ރޯވި ހާދިސާގައި ކަނޑަށް ގެއްލުނު މުޝްފިގު ޝަރީފުގެ ޖަނާޒާ އަންނަ ހުކުރު ދުވަހު ކުރަން މަޑުޖައްސާލައިފި އެވެ.
ތ. ހިރިލަންދޫ އިން ފުރައިގެން ދަތުރުކުރަމުން ދިޔަ މުދާ އުފުލާ ބޯޓުގައި ރޯވީ ކަރަންޓު ޝޯޓެއް ވެގެންނެވެ. ބޯޓުގައި ރޯވުމުން ބޯޓުގައި ތިބި 18 މީހުން ކަނޑަށް ފުންމައިލީ އެވެ. އޭގެ ތެރެއިން 17 މީހުން ސަލާމަތްކޮށްފައިވާއިރު، ގެއްލުނީ އުމުރުން 25 އަހަރުގެ މުޝްފިގެވެ.
މިހާތަނަށް ވެސް މުޝްފިގު ހޯދާ ފެނުފައި ނުވާތީ މިއަދު ހުކުރު ނަމާދުގެ ފަހުގައި އޭނާގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމަށް އިއްޔެ ވަނީ އޭނާގެ އުފަން ރަށް، ލ. މާވަށު ކައުންސިލުން އިއުލާނުކޮށްފަ އެވެ. ކަށުނަމާދު ކުރަން ނިންމީ އާއިލާ އިން އެދިގެންނެވެ.
ނަމަވެސް ރޭ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައި ވަނީ ކަނޑަށް ގެއްލިގެން މީހަކު ހޯދަމުންދާ ހާލަތެއް އެމީހާ ގެއްލުމާއި މަރާމެދު އޮތް މައްސަލަ ހުށަހަޅަން ޖެހޭނީ ކޯޓަށް ކަމަށެވެ. ކަން ހިނގައި ދިޔަ ގޮތް ބަލައި، އޭނާ މަރުވެއްޖެ ކަމަށް ގާޒީ ކަނޑައަޅައިފި ނަމަ، އޭނާގެ މައްޗަށް ކަށު ނަމާދު ކުރުމަކީ ހުއްދަކަމެއް ކަމަށެވެ.
"މިކަމުގައި ގާޒީގެ ހުކުމެއް އޮންނަންޖެހޭ ސަބަބަކީ މަރަކީ އޭގެ މައްޗަށް ޝަރުއީ ވަރަށް ގިނަ ކަންކަން ތަރުތީބުވާ ކަމަކަށް ވުން. މިސާލަކަށް ގެއްލިފައިވާ މީހަކު ނަމަ އެމީހާއަކީ މީހަކާ އިނދެގެން އުޅޭ މީހަކު ކަމުގައި ވެސް ވެދާނެ. ނުވަތަ ދަރީން ތިބި މީހަކު ކަމުގައި ވެސް ވެދާނެ. ނުވަތަ މައިންބަފައިންނާއި އެއްބަނޑު މީހުން ތިބި މީހެއްކަމުގައި ވެދާނެ. އެމީހުންނަކީ އޭނާގެ ވާރުތަ ވެރިން. މަރުވެއްޖެ ކަމަށް ކަނޑައެޅިއްޖެ ނަމަ މިހުރިހާކަމެއްގެ ހުކުމްތަކަށް ޝަރުއީ ގޮތުން އަސަރުކުރާނެ،" މިނިސްޓަރު ރޭ ފޭސްބުކްގައި ލިޔުއްވާފައިވެ އެވެ.
މިނިސްޓަރު ވިދާޅުވެފައި ވަނީ ގެއްލުނު މީހަކީ މީހަކާ އިނދެގެން ނެތް މީހެއް ކަމުގައި ވިތަސް، އޭނާގެ މަރާމެދު ގޮތް ނިންމަންވާނީ ގާޒީ ކަމަށެވެ.
"ވީމާ ކަނޑަށް ވެއްޓި ގެއްލި ހޯދައި ނުފެނިފައިވާ މީހާއާމެދު ގޮތް ނިންމަންވާނީ ގާޒީ. ގާޒީ ގޮތް ނިންމާނީ ގެއްލުނު ހާލަތުގެ މައްޗަށް ނަޒަރު ހިންގައި ހޯދަން ކުރި މަސައްކަތުގެ މައްޗަށް ބަލައި މުޅި މައްސަލައިގެ ހަފަރާތް ބެލުމަށް ފަހުގައި،" މިނިސްޓަރު ވިދާޅުވި އެވެ.
އެހެންވެ، މިއަދު މުޝްފިގުގެ މައްޗަށް ކަށުނަމާދު ކޮށްފައެއް ނުވެ އެވެ. މިއަދު މެންދުރު މިނިސްޓަރު ވިދާޅެފައި ވަނީ މުޝްފިގުގެ އާއިލާއާ ވާހަކަ ދައްކާފައިވާ ކަމަށެވެ. އަދި، ހާދިސާއާ ގުޅިގެން އިސްލާމީ ޝަރީއަތުގައި އޮތް ގޮތައް އަމަލުކޮށް، ކޯޓު މެދުވެރިކޮށް މަރު ސާބިތު ކުރުމަށް ފަހު، ކަށު ނަމާދުގެ ކަންކަން އިންތިޒާމް ކުރަން ނިންމާފައިވާ ކަމަށެވެ.
"އިންޝާ ﷲ މުޝްފިގުގެ ކަށު ނަމާދު އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދިއުމަށް އިންތިޒާމު ކުރާނަން. މުޝްފިގަކީ ވަރަށް ރީތިކޮށް ގުރުއާން ކިޔަވާ ހެޔޮ ލަފާ ކުއްޖެއް. އިމާމުވެ ނަމާދުކޮށް އުޅުނު ނަމޫނާ ޒުވާނެއް. އޭނާ ގެއްލުނު ހާދިސާއަކީ އެ ޢާއިލާގެ އިތުރުން އަޅުގަނޑުމެން އެންމެންނަށް ލިބުނު ހިތާމައެއް. މާތް ﷲ ގެ ރަހުމަތް ތަނަވަސް ވެގެންވޭ،" މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.