ސްޓެމް އެޑިޔުކޭޝަންގެ ދާއިރާތަކުން ދަރިވަރުން ތަމްރީނުކުރަން ހާއްސަ އަމާޒެއް

"ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ ތިން ވަނަ އެޕިސޯޑްގައި ރައީސް ވާހަކަ ދައްކަވަނީ. --ފޮޓޯ: ރައީސް އޮފީސް

ސްޓެމް އެޑިއުކޭޝަންގެ ދާއިރާތަކުން ދަރިވަރުން ތަމްރީނުކޮށް، މީހުން ބިނާކުރުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ ތިން ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ވިދާޅުވީ، ރާއްޖެއާއި ރާއްޖޭން ބޭރުގައި މަތީ ތައުލީމި ހާސިލްކުރާ ކުދިންނަށް މިހާރަށްވުރެ ރަނގަޅު ފުރުސަތުތައް ހޯދައިދީ ކަންކަން ރަނގަޅު ކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި، ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން، މެތެމެޓިކްސްގެ ދާއިރާތަކުން ނުވަތަ ސްޓެމްގެ ދާއިރާތަކުގައި ކިޔަވާ ކުދިންގެ އަދަދު މިދިޔަ އަހަރުތަކުގައި ކޮންމެވެސް ސަބަބަކާހުރެ ވަނީ މަދުވެފަ އެވެ.

އެގޮތުން އެ މަނިކުފާނު ރާއްޖޭން ބޭރަށް ކުރެއްވި ދަތުރުފުޅުތަކުގައި މުޅިންވެސް ބައްދަލުވަނީ އެކައުންޓިން، ފައިނޭންސް ފަދަ ދާއިރާތަކުން ކިޔަވާ ކުދިންނާ ކަމަށާއި ގައުމު ބިނާކުރުމުގައި މި ދާއިރާތައް ފަދައިން، ސްޓެމްގެ ދާއިރާތަކުން ކިޔަވާ ކުދިންގެ ބޭނުން ރާއްޖެއަށް ބޮޑުކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

ސްޓެމްގެ ދާއިރާތަކުން ކިޔަވާ ކުދިން ނުލިބުމުގެ ސަބަބުން އެ ދާއިރާތަކުން ކިޔަވާފައިތިބި ބޭރު މީހުން ގެންނަންޖެހޭ ކަމަށާއި އެގޮތުން ޑޮކްޓަރުންނާއި އިންޖިނޭރުން ގެންނަން ޖެހެނީ ބޭރުންކަން ފާހަގަކުރައްވައި، ރައީސް ވަނީ، ރާއްޖޭގައި ހިންގާ ބައިވަރު އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ އިންޖިނިއަރުންނާއި ކުއަންޓިޓީ ސާވެޔަރުންނާއި އެ ދާއިރާތަކުން އެކަށީގެންވާ މިންވަރަށް މީހުން ނެތްކަމަށް ވިދާޅުވެފަ އެވެ.

އެ މަނިކުފާނު ވިދާޅުވީ، ސްޓެމްގެ ދާއިރާތަކަށް އިސްކަން ދިނުމަށްޓަކައި ސަރުކާރުގެ ލޯނު ސްކީމްގައިވެސް އެކަމަށް ހާއްސަ އިސްކަމެއް ދެއްވާފައިވާނެ ކަމަށާއި ވަޒީފާ ދިނުމުގައިވެސް އެ ދާއިރާތަކުން ކިޔަވައިގެން އަންނަ ކުދިން، ސަރުކާރު ވަޒީފާއަށް ރަނގަޅު މުސާރައަކާއެކު ނެގުމަށް އިސްކަންދެއްވަން ފައްޓަވާފައިވާ ކަމުގައި ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.