އެމްޕީ އަޒާން ވަނީ މި މައްސަލައިގެ މައުލޫމާތު ސާފު ކުރަން މެނޭޖުމަންޓް ކޯޕަރޭޝަންގެ އިސްވެރިން ހާޒިރު ކުރަން އެދިފަ އެވެ.
އައްޑޫ ސިޓީގައި ހިންގާ ޓޫރިޒަމްގެ އެންމެ ބޮޑު ޓޫރިޒަމް މަޝްރޫއު ކަމަށްވާ ހަންކެޑެ މަޝްރޫއު ލަސްވާތީ ހިތަދޫ މެދުދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު އެސްއޯއީ ކޮމެޓީއަށް މައްސަލައެއް ލައިފި އެވެ.
ޕީއެންސީގެ މެންބަރު އަޒާން ރައްޔިތުން މަޖިލީހަށް ހުށަހެޅި މައްސަލާގައި ބުނެފައިވާ ގޮތުން އިންޓަނޭޝަނަލް ޓޫރިޒަމް މަޝްރޫއު ފަންޑު މެނޭޖުމަންޓް ކޯޕަރޭޝަން އާއި ޗައިނާ ނޭޝަނަލް އިލެކްޓްރިކް އިންޖިއަރިން ކޮމްޕެނީއާ މަސައްކަތް ނުފެށި ދިގުލައިގެން ގޮސްފައިވާތީ އައްޑޫ ރައްޔިތުންގެ މެދުގައި ގިނަ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.
އަޒާން ވިދާޅުވެފައިވާ ގޮތުގައި 2023 ވަނަ އަހަރު ހަންކެޑެއާ ގުޅޭ މަޝްރޫއު ހަވާލު ކުރުމަށްފަހު، މި ސަރުކާރުން މިދިޔަ އަހަރުގެ އެޕްރީލް މަހު 15 ވަނަ ދުވަހު ބަޑިބޭހުގެ ކުޅިވަރުތަކާއެކު މަޝްރޫއު އިފްތިތާހު ކުރުމަށް ކުލަގަދަ ރަސްމިއްޔާތެއް ބޭއްވިފައިވާ ކަމަށެވެ. ނަމަވެސް އެ މަޝްރޫއަށް އަހަރެއް ވެގެން ދިޔައިރު އެ ރަށުގައި ހުރި ރުއްތަކެއް ނެގުން ފިޔަވައި އިތުރު މަސައްކަތެއް ކޮށްފައި ނެތް ކަމަށެވެ. އެހެންކަމުން އަޒާން ވަނީ މި މަޝްރޫއު ފަހުގެ މައުލޫމާތު ހޯދަން މެނޭޖުމަންޓް ކޯޕަރޭޝަންގެ އިސްވެރިން އެސްއޯއީ ކޮމެޓީއަށް ހާޒިރު ކުރަން އެދިފަ އެވެ.
ފަންޑު މެނޭޖުމަންޓް ކޯޕަރޭޝަނުން ކްރޮސް ސަބްސިޑީ އުސޫލުން ތަރައްގީ ކުރަން ހަވާލު ކޮށްފައިވާ ހަންކެޑެއަށް އަރާ ޗައިނާ ކުންފުނިން ހަންކެޑައިގައި 1041 ކޮޓަރި 2082 އެނދު ގާއިމް ކުރާނެ އެވެ. މި މަޝްރޫއުގައި އެހެން ގިނަ ބައިތަކެއް ވެސް ހިމެނޭނެ އެވެ. މަޝްރޫއުގެ ޖުމްލަ އަގަކީ ގާތްގަނޑަކަށް 175 މިލިއަން ޑޮލަރު (2.6 ބިލިއަން ރުފިޔާ) އެވެ.
އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއުގެއް ގޮތުގައި ކުރިއަށް ގެންދަން ފައިނަލް ވެފައި އޮތް މި މަަޝްރޫއުގައި މިހާރު ކުރަމުން ދަނީ ކަރުދާހުގެ މަސައްކަތްތަކުގެ އެންމެ ފަހު ބައެވެ. މި މަޝްރޫއުގެ އިތުރުން އައްޑޫން ގެސްޓްހައުސް ހަދަން ދޫކޮށްފައިވާ ބިންތައް ގަނޑުކޮށް ނަގައި އެ ތަންތަނުގައި ގެސްޓްހައުސް މަޝްރޫއެއް ވެސް މި ކުންފުނިން ހިންގާނެ އެވެ. މިހާރު މި މަޝްރޫއު ރަސްމީކޮށް އިއުލާނު ނުކޮށް ލަސްވާ ސަބަބަކީ ގެސްޓްހައުސްތަކުގެ ނަމްބަރުތައް ފައިނަލް ނުވެގެނެވެ.