މި ދަތުރުފުޅުގެ ޖުމްލަ ހަރަދުގެ އަދަދު ހާމަކުރި ނަމަވެސް، ފައިސާ ހަރަދުކުރި ގޮތުގެ ތަފްސީލުތައް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެ އެވެ.
އިނގިރޭސިވިލާތުގެ ލިވަޕޫލް ފުޓްބޯލް ކްލަބް އާއި ވިޒިޓް މޯލްޑިވްސްއާ ގުޅިގެން، ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމަށް ކުރިއަށްގެންދާ ކޯ-ބްރޭންޑް ކެމްޕޭން ހަރަކާތް ފެށުމުގައި ބައިވެރިވެވަޑައިގަތުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު އިނގިރޭސިވިލާތުގެ ލިވަޕޫލް ސިޓީއަށް ކުރެއްވި ދަތުރުފުޅަށް ހަރަދުވީ .153.689.29 ރުފިޔާ ކަމަށް ރައީސް އޮފީހުން ހާމަކޮށްފި އެވެ.
މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ފަސްވަނަ ދުވަހަށް ރައީސް އިނގިރޭސިވިލާތައް ކުރެއްވި މި ދަތުރުފުޅުގައި ކެބިނެޓް ބައެއް ވަޒީރުން ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
މި ދަތުރުފުޅުގެ ޖުމްލަ ހަރަދުގެ އަދަދު ހާމަކުރި ނަމަވެސް، ފައިސާ ހަރަދުކުރި ގޮތުގެ ތަފްސީލުތައް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެ އެވެ.
ރައީސްގެ މި ދަތުރުފުޅުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ކެމްޕެއިން ފެށި ފުޓުބޯޅަ މެޗު ބައްލަވާލެއްވި އެވެ. އަދި، އަކްސާ ޓްރެއިނިންގް ސެންޓަރަށް ޒިޔާރަތްކުރައްވައި، އެންމެ މަތީ ފެންވަރުގައި ފުޓުބޯޅައިގެ ތަމްރީނާއި ކޯޗިންގްގެ ކަންކަން ކުރިއަށް ގެންދާ ގޮތް ބައްލަވާލެއްވި އެވެ.
އަދި، އިނގިރޭސިވިލާތުގައި ތިބި ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައި، ދަރިވަރުންގެ ތައުލީމީ ކަންކަން ކުރިއަށްދާ ގޮތާއި، ދަރިވަރުންގެ ތަޖުރިބާތަކާއި ގުޅޭގޮތުން އެމަނިކުފާނު ވަނީ ކަންކަން އޮޅުންފިލުއްވާފަ އެވެ. އަދި، މަތީ ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް ކުރިމަތިވާ ދަތިތައް ޙައްލުކޮށްދެއްވުމުގައި ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެއްވާނޭކަމުގެ ޔަގީންކަން ވެސް ވަނީ ދެއްވާފަ އެވެ.
ލިވަޕޫލް އެފްސީއާ އެކު ގާއިމުކުރި ޕާޓްނާޝިޕްގެ ދަށުން، މިދިޔަ މަހުގެ 27 ވަނަ ދުވަހު ވިޒިޓް މޯލްޑިވްސް އިން ވަނީ އިނގިރޭސިވިލާތުގައި ފުޅާ ދާއިރާއެއްގައި އައުޓްޑޯ ކެމްޕެއިނެއް ވެސް ފަށާފަ އެވެ. މިއީ ތިން މަސް ދުވަހަށް ކުރިއަށް ގެންދާ ކެމްޕޭނެކެވެ.