ކުދި ޖަޒީރާ ގައުމުތަކަށް ދަރަނީގެ ލުއިތައް އަވަސް ކުރަން ރާއްޖޭން ގޮވާލައިފި

ދެމެހެއްޓެނިވި ގޮތެއްގައި ދަރަނި ބެލެހެއްޓުމަކީ ހަމައެކަނި ތަފާސް ހިސާބުތަކުން ކުރާ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި.

ރައީސް ޑރ. މުއިއްޒު، ސިޑްސްގެ މަސައްކަތްތައް ވިލަރެސްކުރުމަށް އެކުލަވާލާފައިވާ ސްޓްރެޓީޖިކް އެކްޝަން ގްރޫޕް (އެސްއޭޖީ)ގެ ބައްދަލުވުމެއްގައި ކޯ-ޗެއާގެ ހައިސިއްޔަތުން ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ: ރައީސް އޮފީސް

ރާއްޖެފަދަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވެފައިވާ މޫސުމީ ބަދަލުތަކުގެ ގޮންޖެހުންތަކުން އަރައިގަތުމަށް، ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސާވިސް (ޑީއެސްއެސްއެސް) ފަދަ ފެސިލިޓީތަކުގެ ސަބަބުން ކުރިމަގު ފެންނާނޭކަމުގެ ޔަގީންކަން އެބައޮތްކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސިޑްސްގެ މަސައްކަތްތައް ވިލަރެސްކުރުމަށް އެކުލަވާލާފައިވާ ސްޓްރެޓީޖިކް އެކްޝަން ގްރޫޕް (އެސްއޭޖީ)ގެ ބައްދަލުވުމެއްގައި ކޯ-ޗެއާގެ ހައިސިއްޔަތުން ވާހަކަފުޅު ދައްކަވަމުން، ޑީއެސްއެސްއެސް ފަދަ ފެސިލިޓީއެއްގެ، އަމަލީ މަސައްކަތް ފަށައިގަތުމުން ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލުތައް ހޯދި، ދެމެހެއްޓެނިވި ތަރައްގީގެ އާ ސަފްހާއެއް ހުޅުވިގެންދާނެކަން ފާހަގަކުރެއްވި އެވެ.

ސިޑްސްގައި ހިމެނޭ ގިނަ ގައުމުތަކަކީ މާލީގޮތުން ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާ، ނުވަތަ ކުރިމަތިވުމުގެ ބިރު އޮތް ގައުމުތަކެއް ކަމަށާއި، އޭގެ އިތުރުން، މޫސުމީ ބަދަލުތަކުގެ ނުރައްކާ ކުރިމަތިވެފައިވާ ގައުމުތަކެއް ކަމުގައިވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. 

އެހެންކަމުން، ދެމެހެއްޓެނިވި ގޮތެއްގައި ދަރަނި ބެލެހެއްޓޭކަން ކަށަވަރުކުރުމާއި، ވިލުންވެރި ތަރައްގީ ކަށަވަރުކުރުމަކީ އެފަދަ ގައުމުތަކަށް ހައްސާސް މައްސަލައެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

އެގޮތުން ލަސްނުކޮށް ޑީއެސްއެސްއެސް ގެ މަސައްކަތް ފަށައިގަތުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވައިލައްވައި، އެ މަނިކުފާނު ވިދާޅުވީ، ދަރަނީގެ މައްސަލަތައް ހައްލުކުރުމަކީ، ސިޑްސްގައި ދެމެހެއްޓެނިވި ތަރައްގީއެއް ހޯދުމުގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެއްޓަށް އަންނަ ބަދަލުތަކާއި، ވެށި ތަޣައްޔަރުވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް މުހިންމު ކަމެއް ކަމަށެވެ.

އަދި، ދުނިޔެއަށް އަންނަމުންދާ ސިޔާސީ ބަދަލުތަކާއެކު، ގިނަ ފަރާތްތަކާ ގުޅިގެން، ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމުގެ މުހިންމުކަމުގެ މައްޗަށްވެސް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވި އެވެ. 

އެހެންކަމުން ރާއްޖެއިން "ޑެޓްރިލީފް-ފޯ-ރެޒިލިއަންސް-ބިލްޑިން މެކޭނިޒަމް" އެއް ހުށަހެޅީ، ދަރަނި ލުއިކޮށްދީގެން ވިލުންވެރިކަމަށް އިންވެސްޓްކުރާ ގައުމުތަކަށް އިސްކަން ދިނުމުގެ ގޮތުން ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.

މިފަދަ މެކޭނިޒަމެއް ތަންފީޒުކުރުމުގެ ސަބަބުން، ކޮންމެ ގައުމެއްގެ ނާޒުކު ހާލަތު ވަޒަންކުރެވި، އެހާލަތުގެ މައްޗަށް ބިނާކޮށް، މަޝްރޫއުތައް ހިންގައި، އޭގެ ސަބަބުން، އެފަދަ ގައުމުތަކުގެ މާލީ ފުދުންތެރިކަން ގާއިމްވުމަކީ އެ މަނިކުފާނުގެ އަމާޒެއް ކަމުގައި ވިދާޅުވި އެވެ. އަދި މިފަދަ ވަސީލަތެއްގެ  އަމާޒަކީ ދަރަނި ލުއިކޮށްދިނުމާއެކު، ވިލުންވެރިކަމުގެ އަމާޒުތައް ގުޅުވައި، ދެމެހެއްޓެނިވި ތަރައްގީއަށް އިންވެސްޓްކުރުމަށް މާލީ ތަނަވަސްކަން ގާއިމުކޮށްދިނުން ކަމުގައި ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނުގެ ވާހަކަފުޅުގައި، ކުރިއަށް އޮތް ހަތަރުވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ފައިނޭންސިން ފޮ ޑިވެލޮޕްމަންޓް (އެފްއެފްޑީ4) އަކީ، ދުނިޔޭގެ ފެންވަރުގައި ޑީއެސްއެސްއެސް ބަލައިގަތުމަށް ރަނުގެ ފުރުސަތެއްގެ ގޮތުގައި ސިފަކުރެއްވި އެވެ. 

މި މަސައްކަތަށް މިހާރުވެސް ގިނަ ގައުމުތަކުން ރުހުން ލިބިފައިވީ ނަމަވެސް، އިނޮވޭޓިވް ޑެޓް މެކޭނިޒަމްތަކާއި ކޮންސެޝަނަލް ފައިނޭންސްގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ބައިނަލްއަގުވާމީ އެއްބާރުލުމާއި ބައިވެރިވުން މުހިންމު ކަމުގައި ވިދާޅުވިއެވެ. 

ރައީސް ވިދާޅުވި ގޮތުގައި، ދެމެހެއްޓެނިވި ގޮތެއްގައި ދަރަނި ބެލެހެއްޓުމަކީ ހަމައެކަނި ތަފާސް ހިސާބުތަކުން ކުރާ ކަމެއް ނޫން ކަމަށާއި އެއީ ފުރާނަ ހިމާޔަތްކުރުމާއި، ދިރިއުޅުމުގެ ކަންކަން ހިމާޔަތްކުރުމާއި، ކުދި ޖަޒީރާ ގައުމުތަކުގެ މުސްތަގުބަލު ރައްކާތެރިކުރުމަށްވެސް ކުރަންޖެހޭ ކަމެކެވެ.

ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ނުވަތަ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) އަކީ އެކުވެރި ދައުލަތްތަކުގެ 38 ގައުމާއި، އެކުވެރި ދައުލަތްތަކުގެ ތެރޭގައި ނުހިމެނޭ ނުވަތަ އެސޯސިއޭޓް މެންބަރުންގެ ގޮތުގައި ހިމެނޭ 20 ގައުމެއްގެ މައްޗަށް އެކުލެވިފައިވާ ޖަމިއްޔާއެކެވެ. 

ރާއްޖެއާއި އެންޓީގާ އެންޑް ބާބިއުޑާ އަކީ ސިޑްސްގެ އެސްއޭޖީގެ ކޯޗެއާ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.