ދައުލަތުގެ މާލިއްޔަތަށް ބޮޑު ބުރައަކަށްވެފައިވާ ޑަބަލް ޕެންޝަންގެ މައްސަލަ ހައްލުކުރަން، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިސް ނަގައިފި އެވެ.
ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި، ޑަބަލް ޕެންޝަންގެ މައްސަލަ ފާހަގަކުރެއްވީ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި، ސިވިލް ސާވިސް ގާނޫނު ފަދަ ވަކިވަކި އިދާރާތަކުގެ ގާނޫނުތަކުގައި ޕެންޝަން ދިނުމާ ގުޅޭ މާއްދާތައް ހުންނާތީ، ޕެންޝަންގެ ގާނޫނާ ފުށުއަރާ ކަމަށެވެ.
އަދި އެ އިދާރާތަކުގައި ޑަބަލް ޕެންޝަން ދޭންޖެހެނީ މިކަމުގެ ސަބަބުން ކަން ނާޒިމް ފާހަގަކުރެއްވި އެވެ.
ކޮމިޓީގެ ގިނަ މެމްބަރުން ވެސް ވަނީ ޑަބަލް ޕެންޝަން ދޭންޖެހުމަކީ ދައުލަތުގެ މާލިއްޔާއަށް ނުއުފުލޭ ވަރުގެ ބުރައަކަށް މިހާރު ވެފައިވާ ކަމަށް ވިދާޅުވެ، އެ މައްސަލަ ހައްލުކުރަންޖެހޭ ކަން ފާހަގަކުރައްވައިފަ އެވެ.
އެއާއެކު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ މި މައްސަލަ ހައްލުކުރުމަށް އަންނަ ހަފްތާގެ ތެރޭގައި ކަމާގުޅޭ އިދާރާތަކާ އެކު ބައްދަލުކޮށް މަޝްވަރާތައް ފެށުމަށް ނިންމައިފަ އެވެ.
ވަކިވަކި ޕެންޝަން ސްކީމުތައް ހިންގާ ދައުލަތުގެ 13 މުއައްސަސާއެއް އޮތްއިރު އެ މުއައްސަސާތަކުގެ ވަކިވަކި ޕެންޝަން ސްކީމަށް މި އަހަރުގެ ބަޖެޓުން 272 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ވަނީ ނިންމާފަ އެވެ. މިދިޔަ އަހަރު ޑަބަލް ޕެންޝަނަށް 266 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.