އަބްދުއްރަހީމް ފާހަގަކުރެއްވީ ރައްޔިތުންގެ ދިރިއުޅުން ރަނގަޅުކުރަން މަޖިލިސްތަކުގެ ދައުރު

އައިޕީޔޫގެ 150 ވަނަ އެސެމްބްލީގެ ބަހުސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ

ގާނޫނު ހެދުމާއި، ގާނޫނާއި ގަވާއިދުތަކަށް ތަބާވާ މިންވަރު ބެލުމާއި އަދި ސިޔާސީ އިހުތިޔާރުގެ ތެރެއިން ރައްޔިތުންގެ ދިރިއުޅުން ރަނގަޅު ކުރުމަށް މަޖިލިސްތަކުން އަދާކުރާ ދައުރުގެ މުހިންމު ކަން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ފާހަގަކުރައްވައިފި އެވެ.

މިހާރު އުޒްބަކިސްތާނުގެ ތަޝްކެންޓުގައި ކުރިއަށްދާ އިންޓާ-ޕާލަމެންޓަރީ ޔޫނިއަން (އައިޕީޔޫ)ގެ 150 ވަނަ އެސެމްބްލީގެ ބަހުސްގައި ތަގުރީރު ކުރައްވަމުން، އަބްދުއްރަހީމް ވަނީ ކުޑަކުދިންގެ ހައްގުތަކާއި މިންތީގެ ހަމަހަމަކަމާއި، ގެވެށި އަނިޔާ އަދި އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ގާނޫނު ހިމެނޭ ގޮތަށް އިޖުތިމާއީ އިންސާފު ކުރިއެރުވުމަށް މަޖިލީހުން ފާސްކޮށްފައިވާ މުހިންމު ގާނޫނުތައް ފާހަގަކުރައްވައިފަ އެވެ.

އަދި މަޖިލީހުގެ ކޮމިޓީތައް މެދުވެރިކޮށް މި ގާނޫނުތައް ފައިދާހުރި ގޮތެއްގައި ތަންފީޒު ކުރަމުންދާކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ޒަކާތުގެ ނިޒާމު ހަރުދަނާކޮށް ޒަމާނީ ފެންވަރެއްގައި އެހީ ދިނުމުގެ ކަންކަން ކުރުމަށް ދެއްވި އަހައްމިއްޔަތުކަން ފާހަގަކުރައްވައި، ފަގީރުކަން ކުޑަކުރުމަށާއި ޒަރޫރީ ހިދުމަތްތައް ހަމަހަމަ ގޮތެއްގައި ލިބޭނެގޮތް ހެދުމަށް ރާއްޖޭން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް ވެސް އެ މަނިކުފާނު ވަނީ އަލިއަޅުވައިލައްވައިފަ އެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް މެދުވެރިކޮށް އިގްތިސާދީ ބާރުވެރިކަން ކުރިއަރުވައި، ހާއްސަކޮށް ޒުވާނުންނާއި އަންހެނުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވައި، އެފަދަ ފަރާތްތަކަށް ފޯރުކޮށްދޭ ހިލޭ އެހީއާއި ލޯނާއި ތަމްރީނުގެ ޕްރޮގްރާމްތައް އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ.

ޑިޖިޓަލް ޓެކްނޮލޮޖީގެ ގޮންޖެހުންތަކާއި ހުރި ފުރުޞަތުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، މަޖިލީހުގެ ރައީސް ވަނީ، ޑިޖިޓަލް ޒަމާނުގައި އެއްވެސް މީހަކު ފަހަތަށް ނުޖެހޭނެ ގޮތް ހެދުމަށްޓަކައި، އައިސީޓީ، ޑިޖިޓަލް އިންކްލޫޝަން، އަދި އީ-ގަވަނަންސްއަށް ރާއްޖޭން ދޭ އަހައްމިއްޔަތުކަން ހިއްސާކުރައްވައިފަ އެވެ.

އެ މަނިކުފާނުގެ ތަގުރީރުގައި، މޫސުމަށް އަންނަ ބަދަލުތަކަކީ ރާއްޖެއަށް އޮތް ނުރައްކަލެއްކަން ފާހަގަކުރައްވައި، މިފަދަ ނާޒުކު ގައުމުތައް ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރުމަށް އައިޕީޔޫގެ މެމްބަރުންނަށް އިލްތިމާސްކުރައްވައި، މޫސުމީ އިންސާފު ގާއިމުކުރުމަށް ގޮވާލެއްވި އެވެ.

އަބްދުއްރަހީމް ވަނީ އެއްބައިވަންތަކަމާއި މަޝްވަރާއާއި ސިޔާސީ އަޒުމް އާކުރުމަށް ގޮވާލައްވައި، އިންސާފުވެރިކަމާއި، ހަމަހަމަކަމާއި، ކަރާމާތްތެރިކަމާއެކީ ދުނިޔޭގެ ސިޔާސަތު ކަނޑައެޅުމަށް ގާނޫނު ހަދާ މަޖިލިސްތަކަށް އިލްތިމާސް ކުރައްވައިފަ އެވެ.

އަދި، ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުމާއި ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިރުވެރި ދަތި ހާލަތާމެދު ރާއްޖޭގެ ކަންބޮޑުވުން ފާޅުކުރައްވައި، އެ އަނިޔާވެރިކަން ނިމުމަކަށް ގެނެސް އިންސާފު ދެމެހެއްޓުމަށް ބައިނަލްއަގުވާމީ ގޮތުން އަވަސް ފިޔަވަޅުތަކެއް އެޅުމަށްވެސް ގޮވާލެއްވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.