ރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅުނު ކަމުގައިވިޔަސް، އެތުލީޓުންނާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް އެ ދާއިރާއިން ކުރިއަށްދިއުމުގެ މަގުފަހިވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެއްބައިވަންތަކަމާއި ބާރުވެރިކުރުމާއި، ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމަށް ކުޅިވަރަށް ލިބިފައިވާ ބާރުގެ ފުރިހަމަ ބޭނުން ހިއްޕަވަން ގަސްދުކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވީ "އިންޓަރނޭޝަނަލް ޑޭ އޮފް ސްޕޯޓް ފޯ ޑިވެލޮޕްމަންޓް އެންޑް ޕީސް" ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސް ވިދާޅުވީ ކުޅިވަރު ތަރައްގީ ކުރުމަށް ކުރައްވަމުން ގެންދަވާ ދުރު ރާސްތާ މަސައްކަތްތަކުގެ ތެރޭގައި، 20 އަހަރުގެ ނޭޝަނަލް ސްޕޯޓްސް ޑިވެލޮޕްމަންޓް ޕްލޭންގެ ދަށުން ކުޅިވަރު ލާމަރުކަޒުކޮށް، ހުނަރު ކުރިއަރުވައި، ތަމްރީނުގެ ފުރުސަތުތަކާއި މުބާރާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދެވޭނެ ކަމަށެވެ.
އަދި. ރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅުނު ކަމުގައިވިޔަސް، އެތުލީޓުންނާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް އެ ދާއިރާއިން ކުރިއަށްދިއުމުގެ މަގުފަހިވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ކުޅިވަރުގެ ސިންދަފާތު އިތުރުކޮށް، ކުޅިވަރުކުޅުމަށް ހަމަހަމަ ކަމާއެކު ފުރުސަތު ފަހިކޮށްދީގެން، އިޖުތިމާއީ ފޭރާންވެސް ރަނގަޅުކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. ރައްޔިތުން އެއްބައިވަންތަކޮށް، އިޖުތިމާއީ ތަފާތުތައް ނައްތާލައި، ބައިވެރިވުން އިތުރުކުރުމުގެ ލާސާނީ ގާބިލުކަން ކުޅިވަރަށް ލިބިފައިވާ ކަން ވެސް ފާހަގަކުރައްވާފައިވެ އެވެ.
މިދުވަހުގެ މިއަހަރުގެ ޝިއާރަކީ "ލެވެލިން ދަ ޕްލެއިން ފީލްޑް: ސްޕޯޓް ފޯ ސޯޝަލް އިންކްލޫޝަން" އެވެ. މި ޝިއާރުގައި އިޝާރާތްކުރާ އިޖުތިމާއީ ބައިވެރިވުމަކީ، ކުޅިވަރުކުޅުމުގެ ފުރުސަތުތައް ލިބުމުގައި، މީހާގެ އުމުރަކަށް، ނަސްލަކަށް، މިންތިއަކަށް ބެލުމެއް ނެތި، ދުޅަހެޔޮ، ހަރަކާތްތެރި ދިރިއުޅުމަކަށް ހަމަހަމަ ފުރުސަތު ކަށަވަރުކޮށްދިނުމުގައި ސަރުކާރުން ދެކޭ ތަސައްވުރާ އެއްގޮތްވާ ޝިއާރެއްކަން ވެސް ރައީސް ފާހަގަކުރައްވާފައިވެ އެވެ.
މި ފުރުސަތުތައް ކަށަވަރުކޮށްދެއްވުމުގެ އަޒުމުގައި، ރާއްޖޭގެ ކުޅިވަރުގެ ކުރިމަގު ބަދަލުކޮށްލާފަދަ މަޝްރޫއުތަކެއް މިހާރު ތަންފީޒުކުރައްވަމުން ގެންދަވާކަން ރައީސްގެ މެސެޖުގައި ފާހަގަކުރައްވާފައިވެ އެވެ.
އެގޮތުން، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ގާއިމުކުރެއްވުމަށް ކުރިއަށް ގެންދާ މަސައްކަތް ފާހަގަކުރެއްވި އެވެ.