ކާށިދޫ ފަޅުގައި ރިސޯޓެއް ހެދުމަކީ ގިނަ ސަރުކާރުތަކުގެ ވައުދެކެވެ. އެކަމަކު އެކަން ހާސިލްވެފައެއް ނެތެވެ. ކެލާ ފަޅުގައި ރިސޯޓެއް ހެދުމަކީ ރައީސް ޑރ. މުއިއްޒުގެ ވައުދެކެވެ. މިކަން ކުރަން 325.5 ހެކްޓަރު ކަނޑައަޅާފައިވެ އެވެ.
މާލެއާ ދުރުގައި އޮންނަ ކ، ކާށިދޫ ފަޅާއި ރާއްޖޭގެ އެންމެ ގުދުރަތީ މާހައުލު އޮތް ހއ، ކެލާ ފަޅުގައި ދެ ރިސޯޓެއް ހަދަން ޓޫރިޒަމް މިނިސްޓްރީން ބިޑަށް ހުޅުވާލިއިރު މި ހިސާބަށް ޓޫރިޒަމް ފުޅާ ކުރުމަކީ މިހާތަނަށް އެއްވެސް ވެރިއަކަށް ކޮށް އުޅެ ނުވިކަމެކެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރުމަންޓުން އަނެއްކާވެސް ވަނީ މި މަސައްކަތް ކުރުމަށް ކުރިމަތިލާ އިންވެސްޓަރުން ފުރުސަތު ހުޅުވާލާފަ އެވެ. މިފަހަރު ހުޅުވާލާފައިވަނީ މި ތިން ރިސޯޓް ތަރައްގީ ކުރަން ޖެހެނީ ކެލާ އަދި ކާށިދޫ ފަޅުން ބައެއް ހިއްކައިގެންނެވެ.
މައުލޫމާތުތަކުން އެނގޭ ގޮތުގައި މި ތަންތަނުގައި ޓޫރިޒަމް ތަރައްގީ ކުރުމަކީ މިހާތަނަށް ރާއްޖޭގައި ވެރިކަން ކުރި ކޮންމެ ވެރިއަކު ވެސް ކުރަން އުޅުނު ކަމެވެ. އެކަމަކު އެކަން ނުވެ ބޮޑުތަނުން ފެއިލްވީ އެވެ.
ތަޖުރިބާކާރުން ގަބޫލު ކުރައްވާ ގޮތުގައި މި ހިސާބަށް ޓޫރިޒަމް ގެންދަން މިހާތަނަށް ކުރި މަސައްކަތް ފެއިލްވީ ތަފާތު ވިސްނުމެއް ނުގެންގުލުމުންނެވެ.
"މި ހިސާބަށް ޓޫރިޒަމް ގެންދާނަމަ އެބަޖެހޭ އިންވެސްޓަރުންނަށް ގިނަ އިންސެންޓިވްތަކެއް ދޭން. އެކުއެޒިޝަން ކޮސްޓް ބޮޑުނުކޮށް ހުޅުވުމުން ރައްޔިތުންނާއި ދައުލަތަށް ލިބޭނެ އާމްދަނީއަށް ޕުޝް ކުރެވޭނެ ވިސްނުމެއް ގެންގުޅުން ޖެހެނީ،" ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި ޓޫރިޒަމް އިސް ފަރާތުން ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި މަޝްރޫއުގެ މައުލޫމާތު ސާފު ކުރުން އޮންނާނީ ޒޫމް ކޮންފަރެންސް މެދުވެރިކޮށް މިމަހުގެ 15 ވަނަ ދުވަހުގެ 13:00 ގަ އެވެ. އޮންލައިންކޮށް އޮންނަ މައުލޫމާތު ސާފު ކުރުމުގައި ބައިވެރިވެވޭނީ 14 ވަނަ ދުވަހުގެ ކުރިން އެ މިނިސްޓްރީން އީމެއިލްއަށް ރިކުއެސްޓް ފޮނުވައިގެންނެވެ. އަދި ބިޑް ހުށަހަޅަން ޖެހޭ ތާރީހަކީ އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ 13:00 އެވެ.
ކާށިދޫ ފަޅުގައި ރިސޯޓް ތަރައްގީ ކުރުމުގެ ވާހަކަ މީގެ ކުރިން ހުރިހާ ވެރިކަމެއްގައިވެސް ދެއްކި އެވެ. މި ފަޅުގައި ރިސޯޓެއް ތަރައްގީ ކުރަން ފުރަތަމަ އިއުލާނުކުރީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުގެ ފަހު އަހަރު އެވެ. މި ފަޅުގައި ރިސޯޓް ތަރައްގީ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުދެކެވެ. އެކަން ކުރަން 2022 ވަނަ އަހަރު ސާވޭއެއްވެސް ކާށިދޫ ފަޅުގައި ހެދި އެވެ. އަދި މިދިޔަ ރިޔާސީ އިންތިހާބުގެ އަހަރު 2023 ގައި ކާށިދޫ ފަޅުގައި ރިސޯޓެއް ތަރައްޤީކުރުން ހިމެނޭހެން ފަތުރުވެރިކަމުގެ 14 މަޝްރޫޢެއް ބީލަމަށް ހުޅުވާލި އެވެ. މި ރަށްތަކުގެ ތެރޭން އެންމެ ބޮޑު ލީޒް އެކިއުޒިޝަން ކޯސްޓެއް ދައްކަން ޖެހެނީ ކ.ކާށިދޫ އާއި ފ.ނިލަންދޫ ފަޅުން ރިސޯޓު ތަރައްގީކުރުމުގެ މަޝްރޫ ޢަށެވެ. މީގެ ކޮންމެ މަޝްރޫއަކަށް ލީޒް އެކިއުޒިޝަން ކޯސްޓުގެ ގޮތުގައި 2.2 މިލިއަން ޑޮލަރު ދައްކަން ޖެހެ އެވެ. ކާށިދޫ ފަޅުގައި ތަރައްގީ ކުރާ ރިސޯޓާ ބެހޭ ގޮތުން އޭރުގެ ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވި ގޮތުގައި މި ރިސޯޓް ތިން އަހަރު ތެރޭގައި ހުޅުވައި ކާށިދޫ ރައްޔިތުންނަށް އޭގެ މަންފާ ލިބޭނެ އެވެ. ނަމަވެސް މި ފަޅަށް އެފަހަރު އެއްވެސް ފަރާތަކުން ޝައުގުވެރިއެއް ނުވި އެވެ.
ކެލާ ފަޅުގައި ދެ ރިސޯޓް ހަދަން އިއުލާނު ކުރިއިރު މި ސަރުކާރުން ވަނީ ހއ. ކެލާ ފަޅުގައި ދެ ރިސޯޓެއް ހެދުމަށްޓަކައި 325.5 ހެކްޓަރު ކަނޑައަޅާފަ އެވެ، މިކަން ފަހިކޮށްދީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކެލާގެ ދާއިރާ އިހުތިސާސަސް ލާމަރުކަޒީ ގާނޫނުގެ ދަށުން ބަދަލުވެސް ކޮށްފަ އެވެ. މިއީ ރައީސް ޑރ. މުއިއްޒު މިދިޔަ ރިޔާސީ އިންތިހާބުގައި ކެލާގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދެކެވެ.
ކެލަށް ވަޑައިގެން މިދިޔަ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވެފައިވާ ގޮތުގައި ކެލާގެ ރައްޔިތުން ބޭނުންވާ ގޮތަށް އަދި އެ ރަށާއި އެ ރަށް ކައިރީގައި ހުރި އެހެން ރަށްތަކަށް ވެސް ފައިދާވާނެ ގޮތަށް އެ ރަށުގެ ފަޅުތެރޭގައި ރިސޯޓެއް ތަރައްގީ ކުރެވޭނެ މަގުފަހި ކޮށްދެއްވާނެ އެވެ. އަދި މިއީ އެންމެ މުހިންމު މަޝްރޫއުގެ ގޮތުގައި ރައީސް ފާހަގަ ކުރައްވާފައިވެ އެވެ.
މި ފަހަރު ވާނެ ތަ؟ - ސުވާލަކީ ކާށިދޫފަދަ އެހެދިކޮށް އޮތް ތަނަކަށް މިފަހަރު ޓޫރިޒަމް ގެންދެވިދާނެ އެވެ. މި ސަރުކާރުން މިހާތަނަށް ދޫކޮށްފައިވާ ރިސޯޓްތަކުގެ ޓްރެކް ރެކޯޑަށް ބަލާއިރު މިފަހަރު އުންމީދެއް އެބައޮތެވެ. މިހާތަނަށް މި ސަރުކާރުން ރިސޯޓު ހެދަން މިހާތަށް 11 ބިމެއް ދޫކޮށް ދައުލަތަށް 32.6 މިލިއަން ޑޮލަރު ވަނީ ހޯދައިދީފަ އެވެ. ކުޑަ އަގުގައި ދޫކުރި މި ރަށްތަކަށް ކުރާ އިންވެސްޓްމަންޓުގެ 400 މިލިއަން ޑޮލަރަށްވުރެ މަތިވާނެކަމަށް މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.