ސަރުކާރުން ކުލަގަދަކޮށް އީދު ފާހަގަ ކުރަން ނިންމުމާއެކު މި އަހަރު މާލޭގައި އުޅޭ ކުދިންނަށް ވަނީ ބޮޑު އުފަލެއް ލިބިގެން ގޮސްފަ އެވެ. މިއަދު ބޭއްވި ކުޑަކުދިންގެ ހަވީރުގައި އެތައް ސަތޭކަ ކުޑަކުދިންނެއް ބައިވެރިވި އެވެ.
މިހާތަނަށް މާލެ އޮތީ އީދުގައި މީހުން ފައިބާ ރަށެއްގެ ގޮތުގަ އެވެ. މާލެއަކީ ރާއްޖޭގެ ވެރިރަށަށް ވިޔަސް އީދުފަދަ އުފާވެރިިކަމުގެ "ފެސްޓިވަލް" އެއްގައި މާލޭގެ ރައްޔިތުންނަށް ލިބެނީ ފަޅު ކަމެވެ. ހާއްސަކޮށް ކުޑަކުދިން އީދުގައި ކުރާނެ ކަމެއް ނޯވެ އެވެ. އެންމެ ބޮޑު ވަރަކަށް ކުރެވޭ ކަމަކީ އާއިލާއާއެކު ތުއްތު ކުދިން އުޅަނދު ދުއްވުން މަދު ގަޑިތަކުގައި ހިނގާލަން ދިއުމެވެ. އެކަމަކު ރާއްޖޭގައި އީދު ކުލަގަދަކޮށް ފާހަގަ ކުރަން ސަރުކާރުން ނިންމި ނިންމުން މި އަހަރު ތަންފީޒު ކުރުމާއެކު މި އަހަރުގެ ކުޑަ އީދުގައި މާލެ އަށް އައިސްފައިވަނީ ބޮޑު އުފަލެވެ.
"ހަގީގަތުގައި މިއީ ވަރަށް މުހިންމުކަމެއް. ރަށްރަށުގައި އީދުގައި މަޖާ ނެގިޔަސް މާލެ އޮންނަނީ ފަޅަށް. އެކަމަކު މި އަހަރު މުޅިން ތަފާތު، ކުދިން ގޮވައިގެން މިގޮތަށް ނުކުމެލާ އުޅެން ފުރުސަތު ލިބުނީ ބޮޑު އުފަލެއް،" ދެ ކުދިން އަތުގައި ހިފައިގެން ޖުމްހޫރީ މައިދާންގައި ގޮސްހުރި މާލޭއަށް އުފަން އައިޝަތު އަލީ ބުންޏެވެ.
އައިޝާތު ފަދަ އެތައް އާއިލާތަކަށް މިއަދު ބޮޑު އުފަލެއް ލިބިއްޖެ އެވެ. މިކަން އިންތިޒާމު ވެގެން އައިސްފައިވަނީ ސަރުކާރުގެ މުވައްސަސާތަކާއި އެސްއޯއީތައް ގުޅިގެން މިއަދު ހަވީރު ބޭއްވި "އީދު އުފާ" ފެސްޓިވަލް އިންނެވެ.
ޖުމްހޫރީ މައިދާންގައި އޮތް މި ހަފުލާގައި ދިވެހި ސިފައިންނާއި ފުލުހުންގެ އިތުރުން ހުރިހާ އެސްއޯއީތަކެއް ބައިވެރިވި އެވެ. ސިފައިން ބައިވެރިވެފައިވަނީ ކުޑަކުދިންގެ ޝައުގުވެރިވާނެ ގިނަ ހަރަކާތްތަކާއެކުގަ އެވެ. ސިފައިން ބޭނުންކުރާ ބައެއް ހަތިޔާރާއެކު ސިފައިންގެ ޔުނީޓްތަކުން ބައިވެރިވި އެވެ. އަދި ފުލުހުންވެސް ވަނީ ފުލުސް ހިދުމަތުގެ ގިނަ ބައިތަކެއް ދައްކާލާފަ އެވެ. އަދި އެމްޓީސީސީ އިން ވަނީ ދިވެހި ސަގާފަތުގައި ހިމެނޭ އީދު ފާހަގަ ކުރުމުގެ ކުލަވަރު ފުރިހަމައަށް ގެނެސްދީފަ އެވެ. އަދި އެމްޕީއެލްއިން ވަނީ ގިނަ ބައެއްގެ ލޭ ކައްކުވައިލާ ބޮޑު ބެރުގެ ގިނަ ހަރަކާތްތަކެއް ދައްކާލާފަ އެވެ. އަދި ސްޓެލްކޯ އިން ވަނީ އެ ކުންފުނީން ކުރާ ކަރަންޓުގެ މަސައްކަތްތާ ގުޅުންހުރި ކުޑަކުދިންގެ މަޖާވާ ޒާތުގެ ގޭމްއެއް ގެނެސްދީފަ އެވެ. މީގެ އިތުރުން ކޮންމެ ކުންފުންޏަކުން ވެސް ކުދިންނަށް ހަދިޔާ ދީފައިވެ އެވެ.
މި ހަވީރު އިތުރަށް ފުރިހަމަ ވެގެން ދިޔައީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއިލާއާއެކު މި ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވެ ވަޑައިގަތުމުންނެވެ. މިގޮތުން ރައީސް ޑރ. މުއިއްޒު ވަނީ އީދު ކޭކު ފެޅުމުގެ ހަރަކާތެއްގައި ބައިވެރިވެޑައިގެންފަ އެވެ.