މިއަދު ފާހަގަކުރަމުން އަންނަ ފިތުރު އީދު ދުވަހާ ގުޅިގެން، މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރި އެންގުން، ޓްރާންސްޕޯޓް މިނިސްޓްރީން ކުއްލި ގޮތަކަށް ބާތިލުކޮށްފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، މިއަދު ހަވީރު 4:00 އިން 6:00 އަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ވާނެ ކަމަށެވެ.
އަދި ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 11:30 އާ ހަމައަށް މާލެ ސަރަހައްދުގައި ބަރު އުޅަނދު ދުއްވުން ވެސް އޮތީ މަނާކޮށްފަ އެވެ.
ނަމަވެސް، މިއަދު ހަވީރު 5:00 ހާއިރު، ޓްރާންސްޕޯޓް މިނިސްޓްރީން އެކްސްގައި ބުނީ މާލޭ ސަރަޙައްދުގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތު ކަނޑައެޅުމާ ގުޅޭ ގޮތުން އިއްޔެ ނެރުނު އެންގުން ބާތިލުކޮށްފައިވާ ކަމަށެވެ.
ނަމަވެސް، އެ އެންގުން ކުއްލި ގޮތަކަށް ބާތިލުކުރި ސަބަބެއް މިނިސްޓްރީން ބުނެފައެއް ނުވެ އެވެ.
އެ އެންގުން ބާތިލުކުރި އިރު، މާލޭގެ އިތުރުން ހުޅުމާލޭގައި ވެސް އީދު ފާހަގަކުރުމުގެ ގިނަ ހަރަކާތްތަކެއް ކުރިއަށް އެބަދެ އެވެ.