މިފަދަ ތަންތަން ބަންދުކުރުމުގައި ހުރި ގޮންޖެހުންތަކުގެ ތެރޭގައި ގޭގެ ބެހެނިވެރިން އިތުރުވުމާއި، އާއިލީ މީހުން ހެކިބަސް ދިނުމުގައި ފަސްޖެހުން ހިމެނެ އެވެ.
މާލެ ސަރަހައްދުގައި ކެފޭގެ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން އައި 14 ތަނެއް މިއަހަރުގެ މިހާތަނަށް ބަންދުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް، އަހުމަދު ނާއިފް ވިދާޅުވީ، މިއަހަރުގެ މާޗު 15 ވަނަ ދުވަހާ ހަމައަށް 14 ތަނެއް ބަންދުކޮށްފައިވާ ކަމަށެވެ. އަދި މިވަގުތު މާލޭގައި މިފަދަ ހަ ތަނެއް އަދިވެސް އޮޕަރޭޓްކުރަމުންދާ ކަމަށާއި، އެތަންތަން ބަންދުކުރުމަށް ގޮންޖެހުންތަކެއް ހުރި ކަމަށްވެސް ފާހަގަކުރެއްވި އެވެ.
ނާއިފް ވިދާޅުވީ މިހާތަނަށް މާލޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ 60 އަށްވުރެ ގިނަ ތަންތަން ފުލުހުންނަށް ފާހަގަކުރެވިފައިވާ ކަމަށެވެ. މިފަދަ ތަންތަން ބަންދުކުރުމުގައި ހުރި ގޮންޖެހުންތަކުގެ ތެރޭގައި ގޭގެ ބެހެނިވެރިން އިތުރުވުމާއި، އާއިލީ މީހުން ހެކިބަސް ދިނުމުގައި ފަސްޖެހުމާއި، ގިނަ ބަޔަކަށް އެގްރިމަންޓްކޮށްފައި ހުރުމުން ފިޔަވަޅު އަޅަންޖެހޭ ފަރާތް ދެނެގަތުމުގައި ހުރި ދަތިތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މިފަދަ ތަންތަން ބަންދުކުރުމުގައި އެންމެ ބޮޑު ގޮންޖެހުމަކީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނު މިހާރު އޮތްގޮތުން ހުރި ހުރަސްތައް ކަމަށް ވެސް ނާއިފް ވިދާޅުވި އެވެ. އެކަން ހައްލުކުރުމަށްޓަކައި، މަސްތުވާތަކެއްޗާބެހޭ ގާނޫނަށް އިސްލާހުތަކެއް ހުށަހަޅާފައިވާ ކަމަށާއި، މި އިސްލާހުތަކުގެ ތެރޭގައި، މިފަދަ ތަންތަން ކޯޓު އަމުރަކާ ނުލައި 72 ގަޑިއިރަށް ފުލުހުންނަށް ބަންދުކުރެވޭ ގޮތަށް ހަމަޖެއްސުމާއި، ގިނަވެގެން 90 ދުވަހަށް ބަންދުކުރުމަށް ކޯޓަށް އަމުރުކުރެވޭނެ ގޮތް ހެދުން ހިމެނޭކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
މި މައްސަލަތައް ހައްލުކުރުމަށް އާންމުންގެ އެހީތެރިކަން މުހިންމު ކަމަށް ފުލުހުންގެ ފަރާތުން ވަނީ ބުނެފަ އެވެ. އެގޮތުން، އާއިލީ މީހަކު ނަމަވެސް އޭނާ ފަރުވާގެ ނިޒާމުގެ ތެރެއަށް ވައްދައި އެފަދަ ތަންތަން ހިންގުމުގެ ފުރުސަތު ނުދިނުމާއި، ގެތައް ކުއްޔަށްދޭއިރު ސަމާލުވުމަކީ ކުރެވިދާނެ ކަންކަން ކަމަށް ފުލުހުން ބުންޏެވެ.
އަދި ކުއްޔަށް ދީފައިވާ ތަންތަނުގައި މިފަދަ އަމަލެއް ހިންގާކަން ފާހަގަވާނަމަ، ވަގުތުން އެކަން ހުއްޓުވުމަކީ ގާނޫނުތަކުން އެތަނުގެ ވެރިފަރާތުގެ މައްޗަށް ލާޒިމުކުރާ ކަމެއްކަންވެސް ފާހަގަކުރި އެވެ.