އެމްޕީއެލް ސްޓޯލްގައި ސަގާފީ ހަރަކާތްތަކުގެ އިތުރުން ޒަމާނީ ގިނަ ހަރަކާތްތަކެއް ވެސް އޮންނާނެ އެވެ. އަދި ކުޑަކުދިންނަށް އީދު ހަދިޔާވެސް ބަހާނެ އެވެ.
މޯލްޑިވްސްގައި ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މި އަހަރުގެ ކުޑަ އީދުގައި ހަރަކާތްތައް ހިންގާ ސްޓޯލް ފަރުމާކޮށްފައިވާނީ ސަގާފީ ތީމް އަކަށެވެ.
އެމްޕީއެލްގެ ޑެޕިއުޓީ މެނޭޖަރު ހަސަން ޝިފާން ޕީއެސްއެމްގައި ވިދާޅުވި ގޮތުގައި މި އަހަރުގެ ސްޓޯލްގައި ހުންނާނީ ސަގާފީ ތީމްއަށް ކަމަށާއި ސްޓޯލުން ކުޑަކުދިންނަށް ހަދިޔާ ވެސް ލިބޭނެ އެވެ.
"ސްޓޯލްގައި މާފަތި ނެށުމާއި ދަނޑި ޖެހުން އަދި ބޮޑުބެރު ފަދަ ގިނަ ހަރަކާތްތަކެއް އޮންނާނެ. މި ހަރަކާތުގައި ކުޑަކުދިން ބައިވެރިވި އެކަން ތަޖުރިބާކޮށްލުމުގެ ފުރުސަތު ވެސް އޮންނާނެ،" ޝިފާން ވިދާޅުވި އެވެ.
"ކުރިން ކުޅުނު އޮއްވަޅު ގޮނޑި އާއި ތިން ހަމަ އަދި ފަސް އޮށް ފަދަ ހަރަކާތްތައްވެސް އޮންނާނެ."
އޭނަ ވިދާޅުވި ގޮތުގައި މި ސްޓޯލްގައި ސަގާފީ ބައެއްގެ އިތުރުން ޒަމާނީ ގިނަ ހަރަކާތްތަކެއް ވެސް ކުރިއަށްދާނެ އެވެ.
"ފޭސް ޕެއިންޓިން އާއި އާޓްސް އެންޑް ކްރާފްޓް ވެސް އޮންނާނެ. މެސްކޮޓްވެސް އޮންނާނެ،" ޝިފާން ވިދާޅުވި އެވެ.
ސަރުކާރުގެ މުވައްސަސާތަކާއި އެސްއޯއީތައް ގުޅިގެން ބާއްވާ އީދުގެ ހަރަކާތްތައް އޮންނާނީ ޖުމްހޫރި މައިދާން ސަރަހައްދުގަ އެވެ.