މި މަސައްކަތް ކުރިއަށް ގެންދަނީ އެމްއެންޑީއެފްގެ ސާވިސް ކޯގެ ބެލުމުގެ ދަށުންނެވެ.
ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ އޮރެންޖު ހިޔާއަށް ތެލެސީމިއާ ސެންޓަރު ބަދަލުކުރުމުގެ އަމަލީ މަސައްކަތް ސިފައިން މިއަދު ފަށައިފި އެވެ.
ތެލެސީމިއާ ސެންޓަރު ހިންގަމުން ގެންދަނީ ދަމަނަވެށީގަ އެވެ. އެތަނުގެ މަސައްކަތް ސިފައިންނާ ހަވާލުކޮށްފައި ވަނީ އެތަނުން ފަރުވާ ހޯދާ ކުރިން ކަންބޮޑުވުން ފާޅުކޮށް، މުޒާހަރާކޮށްފައި ވަނިކޮށެވެ.
ސިފައިންގެއިން ބުނީ މި މަސައްކަތަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިލެއްވުމުގެ މަތިން ގައުމީ މަސައްކަތެއްގެ ގޮތުގައި އެ އިމާރާތުގެ މަސައްކަތް އަވަހަށް ނިންމުމަށް ސިފައިންނާ ހަވާލުކުރައްވައިގެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ.
މި މަސައްކަތް ކުރިއަށް ގެންދަނީ އެމްއެންޑީއެފްގެ ސާވިސް ކޯގެ ބެލުމުގެ ދަށުންނެވެ. އެގޮތުން، އެމްއެންޑީއެފް ސާވިސް ކޯގެ މިލިޓަރީ އިންޖިނިއަރުންނާއި އޯވަރޯލްކޮށް މަސައްކަތް ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތުގައި، އެ އިމާރާތުގެ ކަރަންޓާއި އޭސީގެ މަސައްކަތް، އެމްއެންޑީއެފް އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރުން ދަނީ ކުރަމުންނެވެ.
އަދި އައިޓީސީއާ ގުޅުންހުރި ހުރިހާ މަސައްކަތެއް ކުރަމުން ދަނީ އެމްއެންޑީއެފް ސިގްނަލްސްގެ ޓެކްނިކަލް ސިފައިންނެވެ. އެ އިމާރާތުގައި އަމަލީ މަސައްކަތް ފެށުމުގެ ކުރިން، އެމްއެންޑީއެފް އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރުންގެ ޑިޒައިނިން ޓީމުން އަލުން އެތަން ޑިޒައިންކޮށް، ކުޑަކުދިން ގަޔާވާ ކަހަލަ ބައެއް ބަދަލުތައް ގެނެސްފައިވާ ކަމަށް ސިފައިންގެ އިން ބުންޏެވެ.
މިއީ އަންނަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހުގެ ކުރިން ނިންމުމަށް އަމާޒު ހިފައިގެން ކުރަމުންދާ މަސައްކަތެއް ކަމަށް ވެސް ބުންޏެވެ.