ތައިލެންޑާއި މިޔަންމާއަށް މިއަދު އައި ބާރުގަދަ ބިންހެލުމުގައި، ދިވެއްސަކަށް ގެއްލުމެއް ލިބިގެން އަދި މިހާތަނަށް ރިޕޯޓުކޮށްފައިނުވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
މިޔަންމާއަށް 7.7 މެގްނިޓިޔުޑްގެ ބާރުމިނުގައި އައި ބިންހެލުމުގައި އެ ގައުމުގެ ގިނަ އިމާރާތްތަކާއި ބްރިޖެއް ވެސް ވަނީ ވެއްޓިފަ އެވެ. އެ ބިންހެލުމުގެ އަސަރު އަވަށްޓެރި ތައިލަންޑަށް ކޮށްފައިވާއިރު، ބެންގްކޮކްގައި ވެސް ވަނީ ހަދަމުންދާ އިމާރާތެއް ވެއްޓިފަ އެވެ. އަދި ގިނަ އަދަދެއްގެ އުސް އިމާރާތްތަކަށް ލޮޅުން އަރައި، ރެދުލާފައިވާއިރު، ބައެއް މަގުތައް ވެސް ވަނީ ކަނޑައިގެންގޮސްފަ އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އެ ދެ ގައުމުގެ ހާލަތު ވެސް މޮނިޓާ ކުރަމުން އަންނަ ކަމަށެވެ.
މިގޮތުން، ތައިލެންޑްގައި ދިރިއުޅޭ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ތައިލެންޑްގައި ހުންނަ ދިވެހި އެމްބަސީ މެދުވެރިކޮށް މަސައްކަތް ކުރަމުންދާ ކަމަށް ބުންޏެވެ.
"މިހާތަނަށް ބެލިބެލުމުން އެ ގައުމުގައި ދިރިއުޅޭ ދިވެހިންގެ ހާލު ރަނގަޅުކަމަށް ވަނީ މައުލޫމާތު ލިބިފައެވެ،" އެ ބަޔާނުގައި ބުންޏެވެ.
މިނިސްޓްރީން ބުނި ގޮތުގައި، މިޔަންމާގައި އެއްވެސް ދިވެހި ރައްޔިތަކު މިވަގުތު ހުރިތޯ ބެލުމަށް ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް ދަނީ މަސައްކަތް ކުރަމުންނެވެ.
މި ކާރިސާއާ ގުޅިގެން ތައިލެންޑާއި މިޔަންމާއިން ވަނީ ކުއްލި ހާލަތު އިއުލާނު ކޮށްފައިވާއިރު، އެ ދެ ގައުމުގެ ކަމާބެހޭ އިދާރާތަކުން މިކަމާ ގުޅިގެން އަންގާ އެންގުންތަކަށް ސަމާލުވެ އެއާ އެއްގޮތަށް އަމަލު ކުރުމަށް، އެ ދެ ގައުމުގައި ތިބި ދިވެހިންނަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.
އަދި އެއްވެސް އެހީތެރިކަމެއް ބޭނުންވާ ނަމަ، މިނިސްޓްރީ އާއި އެމްބަސީގެ ހޮޓްލައިނަށް ގުޅުމަށް ވަނީ އެދިފަ އެވެ.