އަވަށްޓެރި ސްރީލަންކާގައި ދިރިއުޅޭ ދިވެހިންގެ އަދަދު، ފާއިތުވި އަހަރުތަކުގެ ތެރޭގައި އެތައް ގުނައެއް ދަށްވެފައިވާ ކަމަށް އެ ގައުމުގެ ނޫހަކުން ބުނެފި އެވެ.
"ސްރީލަންކާ ގާޑިއަން" ނަމަކަށް ކިޔާ ނޫހަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، 2019 ވަނަ އަހަރުގެ ތެރޭގައި ލަންކާގައި ދިން ނުރައްކާތެރި އީސްޓާ ޓެރަރިސްޓު ހަމަލާއަށްފަހު، ލަންކާގައި ދިރިއުޅޭ ދިވެހިންގެ އާބާދީ ވަނީ 8،000 އިން 1،280 އަށް ވެއްޓިފަ އެވެ.
ދިވެހި ސަރުކާރުގެ މަސްދަރުތަކާ ހަވާލާދީ އެ ނޫހުން ބުނީ، ލަންކާގެ މިހާރުގެ ސަރުކާރުގެ ބައެއް ސިޔާސަތުތަކާއި ދިވެހިންނާ މެދު އަމަލުކުރާ ގޮތް ކަމުނުދާތީ، ލަންކާގައި ދިރިއުޅުނު ގިނަ އަދަދެއްގެ ދިވެހިން އިންޑިޔާ އާއި މެލޭޝިޔާ ފަދަ ގައުމުތަކަށް ދިރިއުޅުން ބަދަލުކޮށްފައިވާ ކަމަށެވެ.
މީގެ މައިގަނޑު އެއް ސަބަބަކީ، ލަންކާގެ މިހާރުގެ ސަރުކާރުން ވިސާގެ އުސޫލަށް ގެނައި ބަދަލުކަމަށް ބުނެފައިވެ އެވެ. މިގޮތުން، ކުރިން އެއް އަހަރު ދުވަހާ ހަމައަށް ދިވެހިންނަށް މަލްޓިޕަލް އެންޓްރީ ވިސާ ލިބެމުން އައި ނަމަވެސް، މިހާރު އެ މުއްދަތު ހަ މަސް ދުވަހަށް ވަނީ މަދުކޮށްފަ އެވެ.
މިކަމުގެ ސަބަބުން ދިވެހިންނަށް ތަކުލީފުތަކާ ކުރިމަތިވެފައިވާ ކަމަށާއި އެގޮތަށް ނިންމިފައިވަނީ އޮޅުމަކުން ކަމަށް ސަރުކާރުން ބުންޏަސް، އަދި މިހާތަނަށް އެކަން ރަނގަޅުކޮށްފައިނުވާ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.
މީގެއިތުރުން، ރާއްޖެއަކީ ސަލާމަތީ ގޮތުން ލަންކާއަށް ނުރައްކާ އޮތް ގައުމެއްގެ ގޮތުގައި ދަރަޖަ ކޮށްފައި އޮތުމަކީ ވެސް ދެ ގައުމުގެ ގުޅުން އިތުރަށް ހީނަރުވި ސަބަބެއް ކަމަށް ވެސް މަސްދަރުތަކާ ހަވާލާދީ ބުނެފައިވެ އެވެ.