"ކުރިން ލޯނު ނަގައިފައިވާ ފަރާތްތަކުން ދައްކަން ހުންނަ ފައިސާއިން ވެސް، އެޑްމިނިސްޓްރޭޓިވް ފީ އުނިކޮށް، އެދަރިވަރުންގެ ލޯނު އަދަދުތައް އަލުން އެޖަސްޓްކުރުން،" ރައީސް ވިދާޅުވި އެވެ.
މަތީ ތައުލީމު ހާސިލް ކުރުމަށް ސަރުކާރުން ދޫކުރާ ސްޓޫޑެންޓް ލޯނުތަކުން އިދާރީ ފީ ކަނޑާލައި ބަދަލުތަކެއް ގެންނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެއާއި ރާއްޖޭން ބޭރުގައި މަތީ ތައުލީމާއި ތަމްރީނު ހޯދަން ދޫކުރާ އަދި ދޫ ކޮށްފައިވާ ލޯނުތަކަކީ، އިސްލާމީ ހަމަތަކަށް ފެތޭ "ޝަރީއާ ކޮމްޕްލަޔަންޓް" ލޯނުތަކަކަށް ހެދުމަށް ބައެއް ކަންކަން ތަންފީޒު ކުރުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް ދަންނަވާފައިވާ ކަމަށެވެ.
އެގޮތުން ރައީސް ވިދާޅުވީ، ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ދޫކުރާ ލޯނު، ޝަރީއާ ކޮމްޕްލަޔަންޓް ލޯނެއްގެ ގޮތުގައި ހަމަޖެއްސުމުގެ ގޮތުން ލޯނާއެކު ހިމަނާފައިވާ އެއް ޕަސެންޓްގެ އިދާރީ ފީ ގެ ގޮތުގައި ނަގަމުންދާ އަދަދު އެއްކޮށް އުނިކުރަން އަންގަވާފައިވާ ކަމަށެވެ.
އަދި ލޯނުގެ ގޮތުގައި ދޫކުރާ ފައިސާގެ އިތުރުން އެއްވެސް މިންވަރެއް އިތުރަށް ޗާޖް ނުކުރަން ނިންމަވާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ކުރިން ލޯނު ނަގައިފައިވާ ފަރާތްތަކުން ދައްކަން ހުންނަ ފައިސާއިން ވެސް، އެޑްމިނިސްޓްރޭޓިވް ފީ އުނިކޮށް، އެދަރިވަރުންގެ ލޯނު އަދަދުތައް އަލުން އެޖަސްޓްކުރުން،" ރައީސް ވިދާޅުވި އެވެ.