ރައީސް މުއިއްޒު ވަނީ ވިޔަފާރިވެރިން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ޑޮލަރުގެ ލިމިޓް މަތި ކުރުމާއި ޑޮލަރުގެ ޓީޓީ ހެދޭ މިންވަރު ކުރިން އިއުލާނުކުރި ގޮތަށް މަތިކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ޓޫރިޒަމް ދާއިރާއިން ބޭންކިން ނިޒާމަށް މިހާތަނަށް 150 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 2.5 ބިލިއަން ރުފިޔާ) މާރުކޮށްފި އެވެ.
ރާއްޖޭގައި އޮތް ޑޮލަރުގެ ކަޅުބާޒާރު ބަލިކޮށްލަން ސަރުކާރުން އަޅަން ފެށި އެންމެ ވަރުގަދަ އެއް ފިޔަވަޅާ ބެހޭ ގޮތުން ޕީއެސްއެމް އާއި ރައީސް އޮފީސް ގުޅިގެން ފެށި "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި މިއަދު ވާހަކަ ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިހާތަނަށް 150 މިލިއަން ޑޮލަރު ވަނީ ބޭންކިން ނިޒާމަށް މާރުކޮށްފަ އެވެ. މިކަމަށްޓަކައި ޓޫރިޒަމް ވިޔަފާރިވެރިން ދެއްވާ އެއްބާރުލުމަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
"ޓޫރިޒަމް ވިޔަފާރީގެ 95 ޕަސެންޓުން މާރުކޮށްފި. ބާކީ ހުރި ފަސް ޕަސެންޓް ވެސް ކުރާނެ. އެ ބޭފުޅުންނާއެކު ކުރިއަށް މިދަނީ. ހުރިހާ ފަރާތްތަކުން ވެސް އެއްބާރުލުން ލިބޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ބޭންކިން ނިޒާމަށް ޑޮލަރު މާރުކުރަން ފެށުމާއެކު ކުރިއަށް އޮތް ދުވަސްތަކުގައި ބޮޑު ބަދަލެއް މި ދާއިރާ އިން ފެންނަން ފަށާނެ އެވެ. މިގޮތުން އެއް ބަދަލެއްގެ ގޮތުގައި ރައީސް ފާހަގަ ކުރެއްވީ ޑޮލަރުގެ ޕެރެލަލް ބާޒާރަށް ބަދަލު އަންނަތަން ފެނުމެވެ. އެކަމަށްފަހި ކުރަން މި އަހަރުގެ މެދުތެރޭން ފެށިގެން ސަރުކާރު ކުންފުނިތަކުން ކަޅު ބާޒާރުން ޑޮލަރު ގަތުން އެއްކޮށް ހުއްޓާލާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ވަރަށް ބައިވަރު ކަންކަން ހަމަޖެހިގެންދާން ޖެހޭ. މިހާތަނަށް އެސްއޯއީތަކުން ބްލެކް މާކެޓުން ޑޮލަރު ގަންނަން މި ޖެހެނީ. މިހާރު އެކަން މިއޮތީ ކުޑަވެފަ. އެކަމަކު އެކަން ގާތްގަނޑަކަށް ހުއްޓިގެންދާނެ މެދުތެރޭ ހިސާބު،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ މިހާރު ކުރިއަށްދާ ގޮތުން ކުރިން ވިދާޅުވި ބަަދަލުތައް ޑޮލަރަށް ގެންނަވާނެކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. ރައީސް ވަނީ ކާޑު ލިމިޓް މަތި ކުރުމާއި ޓީޓީއަށް ވިއްކާ ޑޮލަރު އިތުރު ކުރުން ފަދަ ބަދަލުތައް ގެނެސްދެވާނެ ކަމަށް ވައުދުވެފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ވިޔަފާރިތަކުން މުދާ އެތެރެކުރަން ބޭނުންވާ ޑޮލަރު ފޯރުކޮށް ދިނުން އިތުރު ކުރާނެކަމަށް ވައުދުވެފަ އެވެ.
ރައްޔިތުން މަޖިލީސް ހުޅުވުމުގެ ގޮތުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ބޭރު ފައިސާގެ ބާޒާރަށް ދިމާވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަކީ ދިވެހި ރައްޔިތުންގެ ހައްގުގައި ކޮންމެހެން އަޅަން ޖެހުނު ފިޔަވަޅެއް ކަމަށެވެ. އެކަމަށްޓަކައި މިހާރު މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާކަން ރައީސް ފާހަގަ ކުރެއްވި އެވެ.
"ބޭރު ފައިސާގެ ގާނޫނެއް އެކުލަވާލައި އަމަލު ކުރަން ފެށުމަކީ މިގޮތުން އެޅުނު މުހިންމު ފިޔަވަޅު،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ބޭންކިން ނިޒާމަށް ޑޮލަރު މާރުކުރަން ފެށުމުގެ ހެޔޮ ފައިދާ ކައިރި މުސްތަގުބަލެއްގައި ދިވެހި ރައްޔިތުންނަށް މި ބަަދަލުގެ ތިޔާގިކަން ފެންނަން ފަށާނެ އެވެ. މިގޮތުން މި އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކަޅު ބާޒާރުން ޑޮލަރު ގަތުން ހުއްޓާލައި އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ވިޔަފާރިވެރިން މުދާ އެތެރެކުރަން ބޭނުންވާ ޓީޓީ ހަދަންދޭ ޑޮލަރު އިތުރު ވެގެން ދާނެ ކަމަށެވެ.
"ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު، 2026ގެ ފުރަތަމަ ކުއާޓަރގައި ދެގުނަކޮށް، އެ އަދަދު 1000 ޑޮލަރަށް އިތުރުކުރެވޭނެ. އަދި 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓަގައި ކްރެޑިޓް ކާޑު ލިމިޓްތައް 1400 ޑޮލަރަށް ބޮޑުކޮށްދެވޭނެ،" ރައީސް ވިދާޅުވި އެވެ.
ސަރުކާރުން ވަނީ މި އަހަރުގެ އުމްރާއަށްދާ މީހުންނަށް ދޭ ޑޮލަރު ކާޑު ލިމިޓް މިހާރު މަތިކޮށްފަ އެވެ. މިފަހަރު އުމްރާވެރިންނަށް 1750 ޑޮލަރުގެ ކާޑު ލިމިޓެއް ދިނެވެ، އަދި މީގެ އިތުރުން އުމްރާވެރިންނަށް 500 ޑޮލަރުވެސް ވިއްކި އެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު، 2026ގެ ފުރަތަމަ ކުއާޓަރގައި ދެގުނަކޮށް، އެ އަދަދު 1000 ޑޮލަރަށް އިތުރުކުރެވޭނެ
ރައިސް ޑރ. މުއިއްޒު
ބޭރު ފައިސާ މާރު ކުރާ ގާނޫނުގައިވާ ގޮތުން 500 ޑޮލަރު މާރުކުރަންޖެހޭ އެސްޓަބްލިޝްމެންޓުތަކަކީ ޓޫރިސްޓު ރިސޯޓުތަކާއި އިންޓަގްރޭޓެޑް ރިސޯޓުތަކާއި ޕްރައިވެޓް އައިލެންޑުތަކާއި އެނޫންވެސް އެފަދަ ތަންތަން ކަމުގައި ކަނޑައަޅައި 50 އެނދަށްވުރެ ގިނަ އެނދު ހުންނަ ގެސްޓުހައުސް އަދި ސިޓީ ހޮޓާތަކާއ ޓޫރިސްޓު އުޅަނދުތައް 25 ޑޮލަރު މާރުކުރާ ކެޓަގަރީ އަށް ބަދަލުކުރުމެވެ. އެގޮތުން މި ގާނޫނުގެ 13 ވަނަ މާއްދާގައި ބުނެފައިވަނީ ކެޓަގަރީ އޭ ޓުރިޒަމް އެސްޓަބްލިޝްމެންޓަކަށް މީލާދީ މަހެއްގެ ތެރޭގައި އަންނަ ކޮންމެ ޓޫރިސްޓަކަށް 500 އެމެރިކާ ޑޮލަރުގެ މަގުން އެ މަހެއްގައި އައި ޓޫރިސްޓުންގެ ޖުމްލަ އަދަދަށް ޖެހޭ މިންވަރު އެ މަހަށް ފަހު ހިނގާ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ރާއްޖޭގައި ރަޖިސްޓްރީކޮށްފއިވާ ބޭންކަކަށް މާރުކުރަން ޖެހޭނެ ކަމުގަ އެވެ.
މި ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ޓޫރިޒަމް ސިނާއަތުން ވަނީ މިދިޔަ ޖެނުއަރީ މަހު 50 މިލިއަން ޑޮލަރު ބޭންކިން ނިޒާމަށް މާރުކޮށްފަ އެވެ.
ރާއްޖޭގެ ހަތަރު ބިލިއަން ޑޮލަރުގެ ޓޫރިޒަމެއް އޮތްނަމަވެސް ރާއްޖޭގެ ރިޒާވް ދަށްވުމަކީ ދުނިޔޭގެ މާލީ އިދާރާތަކުގެ އެންމެ ބޮޑުއެއް ކަންބޮޑުވުމެވެ. މިކަން ހައްލު ކުރަން ފިޔަވަޅު އަޅަން އެތައް ފަހަރު އެ ފަރާތްތަކުން އެދިފައިވެ އެވެ. މިދިޔަ ސަރުކާރުން ކޮވިޑް-19 ގެ ފަހުން އެ ފިޔަވަޅު އަޅަން ޓޫރިޒަމްގެ އިސް ފަރާތްތަކާ މަޝްވަރާ ކުރި އެވެ. ނަމަވެސް ސިޔާސީ ގޮތުން އަންނާނެ ޕްރެޝަރަަށް ބަލާފަ އެ ފިޔަވަޅު އަޅާފައެއް ނުވެ އެވެ.