މިދިޔަ މަހު ރާއްޖޭން 223 މިލިއަން ރުފިޔާގެ މުދާ ވަނީ ރާއްޖޭން ބޭރުކޮށްފަ އެވެ. އަދި ރޯޔަލްޓީގެ ގޮތުގައި 45 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
ރާއްޖޭން މައިގަނޑު ގޮތެއްގައި އެކްސްޕޯޓް ނުވަތަ ބޭރު ކުރަނީ މަހާއި މަހުގެ އުފެއްދުންތަކެވެ. ކަސްޓަމްސްގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖޭގެ އެކްސްޕޯޓް ވަނީ 50 ޕަސެންޓަށްވުރެ ބޮޑު އުފުލި މި ދާއިރާއިން ލިބުނު އާމްދަނީ އިތުރު ވެއްޖެ އެވެ.
ކަސްޓަމްސްގެ ހިސާބުތައް ދައްކާ ގޮތުން ޖެނުއަރީ މަހު ރާއްޖޭން ވަނީ 144 މިލިއަން ރުފިޔާގެ މަސް އެކްސްޕޯޓްކޮށްފަ އެވެ. ނަމަވެސް މިދިޔަ މަހު މި އަދަދު ވަނީ 223 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މިއީ ގާތްގަނޑަކަށް 50 ޕަސެންޓުގެ އިތުރުވުމެކެވެ. މި އިތުރުވުމާއެކު އެކްސްޕޯޓް ރޯޔަލްޓީގެ ގޮތުގައި ލިބުނު މިންވަރުވެސް ވަނީ އިތުރުވެފަ އެވެ. މި އަހަރުގެ ޖެނުއަރީ މަހު އެކްސްޕޯޓް ކުރި މަހަށް ރޯޔަލްޓީގެ ގޮތުގައި ލިބުނީ 24 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ ފެބްރުއަރީ މަހު 45 މިލިއަން ރުފިޔާ ލިބިފަިއވެ އެވެ.
ރާއްޖޭން މި މުއްދަތުގައި އެންމެ ގިނައިން އެކްސްޕޯޓް ކޮށްފައިވަނީ ގަނޑުކުރި ކަޅުބިލަމަހެވެ. މީގެ އިތުރުން ކަންނެއްޔާއި ވެލިއުއެޑް ކޮށްގެން ބޭރުކުރި މަސް ދަޅުގެ އިތުރުން ޕައުޗް އެވެ.
މި އަހަރުގެ ޖެނުއަރީ މަހު ރާއްޖޭން އެކްސްޕޯޓް ކުރީ 15 މިލިއަން ރުފިޔާގެ ކަޅުބިލަ މަހެވެ. ނަމަވެސް ފެބްރުއަރީ މަހު މި އަދަދު ވަނީ 32 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މިއީ ރާއްޖޭގެ މަސްވެރިންގެ އާބާދީގެ ބޮޑުބައެއް ހަރަކާތްތެރިވާ މަސްވެރިކަމަށެވެ. ނަމަވެސް މިދިޔަ ސަރުކާރުން މަހުގެ އަގު މިފްކޯއަށް ނުކަތާ ވަރަށް ބޮޑު ކުރުމާއެކު ފައިސާ ދޭން ދަތިވުމުން މަސްވެރިކަމުން ގިނަ ބަޔަކު ދުރުވި އެވެ. ނަމަވެސް އަލަން މަސްވެރިންނަށް ފައިސާ ދޭން ފަށާފައިވަނީ ޑިސެމްބަރު 10 އަކުން ފެށިގެންނެވެ.
މިދިޔަ ދެ މަހަށް ބަލާއިރު ރާއްޖޭން އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވަނީ ގަނޑުކުރި ބޮޑު ކަންނެއްޔެވެ. އެގޮތުން ޖެނުއަރީ މަހު 29 މިލިއަން ރުފިޔާގެ ބޮޑު ކަންނެލި އެކްސްޕޯޓް ކުރިއިރު މި އަދަދު ފެބްރުއަރީ މަހު ވަނީ 114 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.
ރާއްޖޭން އަބަދު ވެސް އެންމެ ގިނައިން އެކްސްޕޯޓް ކުރަނީ ތައިލެންޑަަށެވެ. މިފްކޯ އަށް ކިރުވާ ރޯމަހުގެ ބޮޑު ބައެއް ދާ ތައިލެންޑް ބާޒާރަށް މި އަހަރުގެ މިހާތަނަށް 197 މިލިއަން ރުފިޔާގެ މަސް ވަނީ އެކްސްޕޯޓްކޮށްފަ އެވެ.