މީގެ ކުރިން ހާފިޒު ކަމުގެ ތާޖު އަޅުވަނީ ކީތިރި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާގަ އެވެ. ނުވަތަ ގައުމީ ދުވަހާއި ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާގެ ތެރޭގަ އެވެ.
މިއަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރޯދަމަހުގެ 27 ވިލޭރޭ ހާފިޒުންގެ ދަސްވެނިވުމުގެ ޖަލްސާ ބާއްވަން ނިންމަވާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ރޭ ވަނީ ރާއްޖޭގައި މުޅިން އަލަށް ހާފިޒުންނަށް ހާއްސަކޮށްގެން ދަސްވެނިވުމުގެ ޖަލްސާއެއް ބާއްވާފަ އެވެ.
މީގެ ކުރިން ހާފިޒު ކަމުގެ ތާޖު އަޅުވަނީ ކީތިރި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާގަ އެވެ. ނުވަތަ ގައުމީ ދުވަހާއި ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާގެ ތެރޭގަ އެވެ.
އެކަން ފާހަގަކުރައްވައި މި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ އޭގެ ސަބަބުން ހާފިޒުންނަށް މާ ހާއްސަ ސަމާލުކަމެއް ނުދެވޭ ކަމަށާއި އެ ޖަލްސާއަށް ވެސް ހައްގު ގަދަރު ނުދެވޭ ކަމަށެވެ.
"މިއީ މުޅިން ދެކަމެއް، އެއީ އިނާމު ދިނުމުގެ ޖަލްސާއެއް. މިއީ މުޅިން ވަކި ޖަލްސާއެއް. އޭރު އެކަން އެހެން ކުރެވެމުން ދިޔައީ ހާފިޒުން މަދުވީމައި. ބައެއް ޖަލްސާތަކުގައި އެންމެ މީހަކަށް ނުވަތަ ދެ މީހަކަށް ސަނަދު ދޭ،" ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ މިހާރު އެކަން ބަދަލުވެފައިވާ ކަމަށާއި އެހެންވެ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ހާފިޒުން ދަސްވެނިވާ ހާއްސަ ޖަލްސާއެއް ބާއްވަން ނިންމަވާފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ހާފިޒުންގެ ހަފްލާ ބާއްވަނީ ރޯދަ މަހުގެ 27 ވިލޭރޭ ކަމަށާއި އެހެންކަމުން ރާއްޖޭގައި ވެސް އެ ހަފްލާ އޮންނާނީ ކޮންމެ އަހަރަކު ވެސް އެރޭ ކަމަށެވެ.
ސަރުކާރުގެ އަމާޒަކީ މިދައުރުގައި 1000 ހާފިޒުން އުފެއްދުމެވެ. މި މަޝްރޫއުގެ ދަށުން މިހާތަނަށް 250 ހާފިޒުންނަށް ސަނަދު ހަވާލުކޮށްފައިވާ ކަމަށް ޝަހީމް ވަނީ ވިދާޅުވެފަ އެވެ. އަދި މިހާރުވެސް ހާފިޒުން ބިނާކުރުމުގެ ޕްރޮގްރާމުގައި 630 ދަރިވަރުން ކިޔަވަމުންދާ ކަމަށެވެ.
ރާއްޖޭގައި އިސްލާމީ މަރުކަޒު ހުރި ކޮންމެ ރަށަކާއި ރަށްރަށުގައި ހުރި މިސްކިތްތަކުގައި ވެސް މި ޕްރޮގްރާމް ކުރިއަށް ގެންދަވާނެ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
ހާފިޒުން ދަސްވެނިވުމަށް ރާއްޖޭގައި މުޅިން އަލަށް ރޭ ބޭއްވި ތާރީހީ ޖަލްސާގައި 24 ހާފިޒަކަށް ވަނީ ސަނަދު ހަވާލުކޮށްފަ އެވެ. ހާފިޒުންނަށް ހާއްސަ ގައުންއެއް ވެސް ވަނީ ތައްޔާރުކޮށްފަ އެވެ. އެ ގައުންގައި ވަނީ ނޫކުލަ އާއި ރަން ކުލަ އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މާލޭ ހުކުރު މިސްކިތުގެ ހިތްގައިމު ޑިޒައިންތައް ހިމެނޭހެން ފަރުމާކޮށްފައިވާ މި ގައުންއިން ދައްކުވައިދެނީ ދިވެހިރާއްޖޭގެ އިސްލާމީ ތާރީހާއި ސަގާފަތާއި ދިވެހިންގެ މެދުގައިވާ އިސްލާމީ އުހުއްވަތްތެރިކަން ކަމަށެވެ.