ފުލުހުން ވަނީ މި މައްސަލައިގެ ތަހުގީގަށް 20 މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފަ އެވެ. އޭގެ ތެރެއިން ނުވަ މީހެއްގެ ޕާސްޕޯޓް ކުރިން ދޫކޮށްލާފައިވާއިރު، މިހާރު ހުރިހާ އެންމެންގެ ޕާސްޕޯޓް ވެސް ވަނީ ދޫކޮށްލާފަ އެވެ.
ހުޅުމާލެއިން ހައްގު ނޫން ބަޔަކަށް ގޯތިތަކެއް ދިން މައްސަލާގައި ފަށާފައިވާ ތަހުގީގަށް އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި އޭނާގެ ބޭބެ އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޒީލް ރަޝީދު ހިމެނޭހެން މި މައްސަލާގައި ހިފަހައްޓާފައިވާ އެންމެންގެ ޕާސްޕޯޓް ދޫކޮށްލައިފި އެވެ.
ބިންވެރިޔާ ސްކީމުގެ ތެރެއިން ގޯތި ލިބުނު މީހުންގެ ލިސްޓުގައި ނުހިމެނޭ ފަރާތްތަކަކަށް ގޯތި ދޫކޮށް، ގޯތީގައި އިންފާރު ރޭނުމަށް އެޗްޑީސީން ހުއްދަ ދިން މައްސަލާގައި ވަރުގަދަ ޖިނާއީ ތަހުގީގެއް ވަނީ ފަށާފަ އެވެ. އެ ތަހުގީގު ފެށީ އެ ޖަރީމާ ބަޔަކު ފަޅާ އަރުވާލުމުންނެވެ.
ވަގަށް ގޯތި ހޯދާ އިންފާރު ރޭނި މީހުންގެ ތެރޭގައި ފަޒުލްގެ ބޭބެ ފަޒީލް ވެސް ހިމެނެ އެވެ.
ފުލުހުން ވަނީ މި މައްސަލައިގެ ތަހުގީގަށް 20 މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފަ އެވެ. އޭގެ ތެރެއިން ނުވަ މީހެއްގެ ޕާސްޕޯޓް ކުރިން ދޫކޮށްލާފައިވާއިރު، މިހާރު ހުރިހާ އެންމެންގެ ޕާސްޕޯޓް ވެސް ވަނީ ދޫކޮށްލާފަ އެވެ.
ފުލުހުން ކުރިން ބުނެފައި ވަނީ މި މައްސަލައިގައި ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބައެއް ފަރާތްތަކުން ގޯތި ލިބުނުކަމުގެ ލިޔުން ޕޯޓަލް މެދުވެރިކޮށް ހުށަހަޅައިގެން އެެ ފަރާތްތަކަށް އެ ބިންތަކުގައި ބައެއް މަސައްކަތްކުރުމުގެ ހުއްދަތައް އެޗްޑީސީން ދޫކޮށްފައިވާ ކަމަށެވެ.
އަދި އެ ލިޔެކިޔުންތަކުގައި މައްސަލައެއް އުޅޭކަން އެޗްޑީސީގެ ސަމާލުކަމަށް އައީ އެއް ބިމަކަށް އެކަކަަށްވުރެ ގިނަ މީހުން ހުއްދަ ހޯދަން އެދި ހުށަހެޅުމުން ކަމަށާއި، އެ މައްސަލަ ފެންމަތިވުމާއެކު އެ ބިންތަކުގައި މަސައްކަތްކުރަން ހުށަހެޅި ފަރާތްތަކުން ހުށަހަޅާފައިވާ ލިޔެކިޔުމުގެ ސައްހަކަން ކަށަވަރުކުރަން އެޗްޑީސީން ހައުސިން މިނިސްޓްރީގައި އެދިފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.
މީގެ ތިން މަސް ކުރިން ފެށި މި މައްސަލައިގެ ތަހުގީގު ނިންމާލި ކަމުގެ މައުލޫމާތު ފުލުހުންނެއް ނުދެ އެވެ. މި މައްސަލައިގައި މިހާތަނަށް މީހަކަށް ދައުވާކޮށްފައެއް ވެސް ނުވެ އެވެ.