އިންޑިއާ މާކެޓުން ދިއުން | ޓޫރިޒަމްގައި އިންޑިއާގެ ހިއްސާ މައްޗަށް

ތަފާސް ހިސާބުތަކުން ދައްކާ ގޮތުން 2021 އިން ފެށިގެން އިންޑިއާ މާކެޓު ވަނީ ދަށްވާން ފަށާފަ އެވެ. ނަމަވެސް މި މާކެޓު ބޮޑުތަނުން ވެއްޓިގެން ދިޔައީ ދެ ގައުމުގެ ސިޔާސީ މީހުންގެ މެދުގައި އުފެދުނު ޒުވާބުގެ ސަބަބުންނެވެ.

އިންޑިއާގެ ފިލްމީ ތަރި ޝިލްޕާ ޝެޓީ އާއިލާއާއެކު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަނީ

ރާއްޖެ އަންނަ އިންޑިއާ ޓޫރިސްޓުންގެ އަދަދު އިތުރުވެ، އެ މާކެޓުން ދިރުން ލިބެން ފަށާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ޓޫރިޒަމާއި ތިމާވެއްޓާ ބެހޭ މިނިސްތްރީން އިއްޔެގެ ނިޔަލަށް ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުން އިއްޔެ ނިޔަލަށް މި އަހަރު އިންޑިއާއިން 28,942 ޓޫރިސްޓުން އެ ގައުމުން އައިސްފައިވާއިރު މިހާރު އެ ގައުމުގެ ޓޫރިޒަމުން ދަނީ ރާއްޖޭގެ ޓޫރިޒަމްގެ 5.0 ޕަސެންޓް ހިއްސާއެއް ކުރަމުންނެވެ. މިވަގުތު ޓޫރިޒަމްގެ ހަ ވަނާގައި އޮތް އިންޑިއާއިން މިހާތަނަށް ރާއްޖެ އަންނަ ޓޫރިސްޓުންގެ އޮތީ 4.7 ޕަސެންޓުގެ ހިއްސާ އެކެވެ. ނަމަވެސް މިހާރު ހިސާބުތައް ދައްކާ ގޮތުގައި އެ ގައުމުގެ މާކެޓުން ވަނީ ދިރުން ލިބެން ފަށާފަ އެވެ. 

މިދިޔަ 25 ދުވަހަށް ބަލާއިރު އިންޑިއާ މާކެޓުން ވަނީ 9,621 ޓޫރިސްޓުން އިތުރުވެފަ އެވެ. މިދިޔަ މަހުގެ ޓޫރިޒަމް ތަފާސް ހިސާބު އެންމެފަހުން ނެރުނު 28، ފެބްރުއަރީއާ ހަމައަށް އިންޑިއާ އިން އައިސްފައިވަނީ 19,321 ޓޫރިސްޓުންނެވެ. ނަމަވެސް މިމަހުގެ 25 ވަނަ ދުވަހާ ހަމައަށް އައި ޓޫރިސްޓުންގެ އަދަދު ވަނީ 28,942 އަށް އިތުރުވެފަ އެވެ.

އިންޑިއާ މާކެޓުގައި ގިނަ ކެމްޕޭންތަކެއް

ވިޒިޓް މޯލްޑިވްސްއާއެކު ކެމްޕޭނެއް ފެށި އިންޑިއާގެ އެންމެ މަޝްހޫރު އެއް ކްރިކެޓް ކްލަބް ކަމަށްވާ މުމްބާއީ އިންޑިއަންސް ކްރިކެޓް ޓީމު

ރާއްޖޭގައި ކުރިއަށް އޮތް އޮފް ސީޒަންގައި މުހިންމު ދައުރެއް އަދާކުރާނެ އިންޑިއާ މާކެޓު ރަނގަޅު ކުރަން އެމްއެމްޕީއާރުސީން ވަނީ ގިނަ މަސައްކަތްތަކެއް ފަށާފަ އެވެ. އެ ކުންފުނިން ވަނީ މި އަހަރު އަންނަ އިންޑިއާ ޓޫރިސްޓުންގެ އަދަދު 200،000 އަށް އިތުރު ކުރުމަކީ ޓާގެޓެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ. އެމްއެމްޕީއާރުސީން މިހާތަނަށް މި އަހަރު ވަނީ އެ ގައުމުގެ މަޝްރޫއު ސެލެބްރިޓީން ބޭނުންކޮށްގެން ރޯޑްޝޯވްއެއް ވެސް ބާއްވާފަ އެވެ. އަދި އިންޑިއާގެ ގިނަ އަދަދެއްގެ ތަރިންގެ ޗުއްޓީ ވަނީ ރާއްޖެއަށް ބަދަލުވެ އެމީހުންގެ ވާހަކަތައް ސޯޝަލް މީޑިއާގައިވެސް ގެނެސްދޭން ފަށާފަ އެވެ. މީގެ އިތުރުން އެންމެފަހުން އެމްއެމްޕީއާރުސީއިން ރާއްޖެ އިންޑިއާގައި އިސްތިހާރު ކުރަން ފެށި އެންމެ ބޮޑު ކެމްޕޭންއަކީ ދުނިޔޭގެ އެންމެ ބޮޑު ޓީ ޓްވެންޓީ ކްރިކެޓް ލީގު ކަމަށްވާ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ރާއްޖެ އިސްތިހާރު ކުރަން ފެށުމެވެ. އެ ލީގުގެ އެންމެ މަޝްހޫރު މުމްބާއީ އިންޑިއަންސްގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްރަނަކަށް ވިޒިޓް މޯލްޑިވްސް ވަނީ ހަމަ ޖައްސާފަ އެވެ. މި ހަބަރު އިންޑިއާގެ ހުރިހާ މީޑިއާތަކެއްގައި ގެނެސްދީފައިވެ އެވެ. 

މި މާކެޓު 2021 އިން ފެށިގެން ދިޔައީ ދަށްވަމުން

ރާއްޖެއަށް މިހާތަނަށް އެންމެ ގިނައިން އިންޑިއާ އިން ޓޫރިސްޓުން އައިސްފައިވަނީ ކޮވިޑް-19 އަށްފަހު 2021 ވަނަ އަހަރު އެވެ. ކޮވިޑް-19 ގެ ކުރީ އަހަރު 2019 ގައި އެ ގައުމު އޮތީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ 10 ގައުމުގެ ތެރޭގަ އެވެ. އެ އަހަރު ރާއްޖެ އަންނަ އިންޑިއާ ޓޫރިސްޓުންގެ އަދަދު އިތުރުވެ 166,030 އަށް އިތުރުވެ 83 ޕަަސެންޓުގެ ކުރިއެރުމެއް ލިބުނެވެ. އަދި އޭގެފަހުން ކޮވިޑް19 ދުނިޔެ ބަންދު ކުރުމާއެކު ރާއްޖެ އާއި އިންޑިއާއާ ދެމެދު ހެދި ދަތުރު ކުރުމުގެ ހާއްސަ އެއްބަސްވުމުގެ ދަށުން އިންޑިއާއިން މެދުއިރުމައްޗަށް ދަތުރު ކުރާ ގިނަ ބައެއްގެ ކަރަންޓީން ޓޫރިޒަމް މާކެޓެއްގެ ގޮތުގައި ރާއްޖެވި އެވެ. އޭގެފަހުން ރާއްޖެއަށް މި މާކެޓު ދިޔައީ ދަށްވަމުންނެވެ. ހިސާބުތައް ދައްކާ ގޮތުގައި 2022 ވަނަ އަހަރު ރާއްޖެއަށް އިންޑިއާއިން  241,382 ޓޫރިސްޓުން އައިނަމަވެސް 2023 ވަނަ އަހަރު 11 ޕަސެންޓް ދަށްވެ އައިސްފައިވަނީ 209,193 މީހުންނެވެ. ނަމަވެސް މި މާކެޓަށް ބޮޑު ވެއްޓުމެއް އައީ ދެ ގައުމުގެ ސިޔާސީ މީހުންގެ މެދުގައި ފެށި ޒުވާބެއްގެ ހޫނުވެ މައްސަލަ ބޮޑުވުމުން ހިންގި އެންޓި ކެމްޕޭންގެ ސަބަބުންނެވެ. މިހާރުި އިންޑިއާ މާކެޓުން ދަތުރު ކުރާ ގިނަ ބައެއްގެ މައި މަންޒިލަކީ ތައިލެންޑެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.