ފަލަސްތީނުގެ ރައްޔިތުން މަޖުބޫރުން ޣައްޒާއިން ބޭރުކުމުގެ މަގުސަދުގައި، އެކަމަށް ހާއްސަ އިދާރާއެއް އުފައްދައި، ހުޅަނގު އައްސޭރީގައ ޣައިރުޤާނޫނީ އާބާދީތައް އިތުރުކުރުމަށް އިޒްރޭލުން އާންމުކޮށްފައިވާ ވިސްނުން، ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.
ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ފަލަސްތީނުގެ ރައްޔިތުން މަޖުބޫރުން ޣައްޒާއިން ބޭރުކުރުމާއި ހުޅަނގު އައްސޭރީގައިވާ 13 ޣައިރުގާނޫނީ އާބާދީ ހިމެނޭ ސަރަޙައްދު ވަކިކޮށް، އެ އާބާދީތަކަށް ގާނޫނީ ހައިސިއްޔަތު ދިނުމަށް ތައްޔާރުވުމުގެގޮތުން ރާވާފައިވާ ރޭވުންތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
މިނިސްޓްރީން ބުނީ، ފަލަސްތީނުގެ ރައްޔިތުން އެ މީހުންގެ އަމިއްލަ ބިމުން ނެރުމަށް ހިންގާ މިފަދަ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނާއި އދ.ގެ ގަރާރުތަކާ މުޅިން ހިލާފު އަމަލުތަކެއް ކަމަށެވެ.
"އަދި މިފަދަ އަމަލުތަކަކީ ސުލްހައަށް ކުރެވޭ މަސައްކަތްތަކަށް ހުރަސްއެޅޭ އަދި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާއި ކަރާމާތަށް ނުރައްކާވާފަދަ ކަންތައްތަކެކެވެ،" އެ ބަޔާނުގައި ބުންޏެވެ.
މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި، ސުލްހަވެރި ހައްލެއް ހޯދޭނީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައިއޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، ފަލަސްތީނަކީ މިނިވަން، މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ގާއިމުކުރެވުމުން ކަމަށް ރާއްޖޭން ގޮވާލައި ގޮވާލުން ވެސް އެ ބަޔާނުގައި ވަނީ ތަކުރާރުކޮށްފަ އެވެ.
މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ސުލްޙައިގެ އެއްބަސްވުމަކަށް ޢަމަލުކުރަމުންދަނިކޮށް، އިޒްރޭލުން މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން ވަނީ ޣައްޒާއަށް އަނެއްކާވެސް ޙަމަލާތައް ދޭން ފަށައިފަ އެވެ.
ޣައްޒާއަށް އެހީ ވެއްދުމުގެ މަގުތައް ބަންދުކޮށް، ދިރިއުޅެން ދަތިވާ މިންވަރަށް ޣައްޒާގެ ހާލަތި ނިކަމެތިކޮށް، އެ ސަރަހައްދު ދޫކޮށްދާން ފަލަސްތީނުގެ ރައްޔިތުންނަށް ދަނީ މަޖުބޫރުކުރުވަމުންނެވެ.
އަދި އެ ސަރަހައްދުތަކަށް އަތްގަދަކޮށް، އިސްތިއުމާރު ކުރުމުގެ އަމުރު ވެސް ޔަހޫދީ ދައުލަތުން ވަނީ އަސްކަރިއްޔާއަށް ދީފަ އެވެ.