ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގެ ތެރެއިން އޯޓިޒަމް އަދި ޑައުން ސިންޑްރޯމް ހުންނަ ފަރާތްތަކަށް ކުޑައިމިސްވާ ގޮތަށް ވާހަކަ ދެއްކި މައްސަލަ ބަލަމުންދަނިކޮށް، އެކަމާ ގުޅިގެން އެ ސްޓޭޝަނުން މާފަށް އެދިއްޖެ އެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގެ ތެރެއިން އޯޓިޒަމް އަދި ޑައުން ސިންޑްރޯމް ހުންނަ ފަރާތްތަކަށް ކުޑައިމީސްވާ ގޮތަށް ވާހަކަ ދެއްކި މައްސަލަ ބަލަމުންދަނިކޮށް، އެކަމާ ގުޅިގެން އެ ސްޓޭޝަނުން މާފަށް އެދިއްޖެ އެވެ.
ރާއްޖެ ޓީވީން ލައިވްކޮށް ގެނެސްދޭ "ކާލާބައިސާ" ޕްރޮގްރާމުގައި ސިޔާސީ ކަންކަމަށް ފާޑުކިޔަމުން އޯޓިސްޓިކް އާއި ޑައުން ސިންޑްރޯމް ހުންނަ މީހުންނަށް ނިސްބަތްކޮށް ހަޖޫ ޖެހި މައްސަލާގައި ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެ މައްސަލަ ބަލަމުންދާ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަމުންދާއިރު، އިންސާނީ ކަރާމާތަށް އުނިކަން އަންނަ ގޮތަށް އަމަލު ނުކުރަން އެޗްއާރުސީއެމުން ވެސް ވަނީ މީޑިޔާތަކަށް އިލްތިމާސްކޮށްފަ އެވެ.
އެކަމާ ގުޅިގެން، ރާއްޖެ ޓީވީން ނެރުނު ބަޔާނެއްގައި ބުނީ ލައިވްކޮށް ގެނެސްދިން ޕްރޮގްރާމެއްގައި މެހެމާނުންގެ ގޮތުގައި ބައިވެރިވި ބޭފުޅުން، ރައީސްއަށް ނިސްބަތް ކުރައްވާ، "މީނާއަކީ މިއީ އަސްލު އޯޓިސްޓިކް ގޮތެއް ހުންނަހެން ހީވަނީ، މި އޮޕަރޭޓްކުރާ އޯޓިސްޓިކް އެކަންޏެއް ނޫން. ޑައުންސިންޑްރޮމް ވެސް ހުންނަހެން ހީވަނީ." އެ އިބާރާތް ބޭނުންކޮށްފައިވާ ކަމަށެވެ.
އެއީ އޯޓިޒަމް ކުދިންނަށް ނިކަމެތި ކަމެއް އަންނަ ގޮތަށް ދެކެވުނު ވާހަކަތަކެއް ކަމަށް ބުނެ، ކަންބޮޑުވުން ފާޅުކުރަމުންދާތީ، އޭގެ ސަބަބުން އޯޓިޒަމް ކުދިންނަށް ނިކަމެތި ކަމެއް އަންނަ ކަމަށް އެއްވެސް ބަޔަކަށް ގަބޫލުކުރެވޭނަމަ މާފަށް އެދޭ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
ޕްރެޒެންޓަރު ހުސައިން ރަމީޒު ހުށަހަޅައިދިން އެ ޕްރޮގްރާމްގައި ވާހަކަ ދެއްކީ ކުރީގެ ކާނަލް އަހުމަދު ފަޔާޒް އަލީ (ޕާޕާ ފަޔާޒް) އާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ.