އާދިއްތަ ދުވަހުގެ ހަވީރު ވަނީ މާލެ ސަރަހައްދުގައި 103 މެގަވޮޓުގެ ކަރަންޓް ބޭނުންކޮށްފަ އެވެ. ސްޓެލްކޯއިން ވަނީ ކަރަންޓް އިގްތިސޯދު ކުރަން ކަސްޓަމަރުންގެ ކިބައިން އެދިފަ އެވެ.
މި ރޯދަ މަހު މާލެ ސަރަހައްދުގައި ކަރަންޓުގެ ލޯޑް ނުވަތަ އެންމެ ގިނައިން ކަރަންޓް ބޭނުން ކޮށްފައިވަނީ މިދިޔަ އާދީއްތަ ދުވަހު އެވެ.
ސްޓެލްކޯގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މާލެއާއި، ހުޅުމާލޭގައި އާދީއްތަ ދުވަހު ޕީކް ގަޑިތަކުގައި ކަރަންޓު ބޭނުންކުރެވުނު މިންވަރުވަނީ ހޮނިހިރު ދުވަހާ އަޅާބަލާއިރު ވަނީ އިތުރުވެފަ އެވެ. އެގޮތުން އެންމެ ޕީކް ގަޑީގައި 103 މެގަވޮޓަށްވުރެ ގިނައިން އާދީއްތަ ދުވަހު ކަރަންޓު ވަނީ ބޭނުން ކުރެވިފައި އެވެ. މިހާތަނަށް އެންމެ މަތިން މި ރޯދަމަހު ކަރަންޓް ބޭނުންކޮށްފައިވާ ކަމަަށް ދައްކަނި ކުރީ ހޮނިހިރު ދުވަހު އެވެ.
މާލޭގައި ކަރަންޓުގެ ހިދުމަތް ދޭތާ 75 އަހަރުވެފައިވާ ކުންފުނިން ބުނީ މި ރޯދަ މަހުގެ 15 ން 21 އަށް މާލެ އަދި ހުޅުމާލޭގައި ކަރަންޓު ބޭނުންކޮށްފައިވާ ގޮތަށްބަލާއިރު، ރޯދަ މަހުގެ ފުރަތަމަ ދެ ހަފްތާއާއި ގާތްގަނޑަކަށް އެއް ޕެޓާންއަކަށް ކަރަންޓު ބޭނުން ކޮށްފައިވާކަން ފާހަގަ ކުރެވެ އެވެ އެގޮތުން ފުރަތަމަ ދެ ހަފްތާއެކޭ އެއްގޮތަށް މި ދުވަސްތަކުގައިވެސް އެއްގަޑިތަކެއްގައި ކަރަންޓު ބޭނުން ކުރަމުންދާމިންވަރު މަތިވެފައިވެ އެވެ.
"މީގެ އިތުރުން މި ދުވަސްތަކަށް ބަލާއިރު، ޖުމްލަކޮށް ދުވާލެއްގެ މައްޗަށް ކަރަންޓު ބޭނުން ކުރަމުންދާ މިންވަރު ފުރަތަމަ ދެ ހަފްތާއާއި އަޅާބަލާއިރު އިތުރުވެފައިވާއިރު، ކޮންމެ ދުވަހެއްގެވެސް އެންމެ ޕީކް ގަޑީގައި 100 މެގަވޮޓަށްވުރެ އިތުރަށް ވަނީ ކަރަންޓު ބޭނުންކޮށްފައި. އެހެން ކަމުން ކަރަންޓު އިގްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރަން،" ސްޓެލްކޯއިން ބުނެފައިވެ އެވެ.
މިދިޔަ އަހަރު އެންމެ މަތިން ކަރަންޓް ބޭނުންކޮށްފައިވަނީ 117 މެގަވޮޓް އަށެވެ. ސްޓެލްކޯގެ ފަންނީ ބޭފުޅުން އަންދާޒާ ކުރާ ގޮތުގައި މިހާރު މާލެ ސަރަހައްދުގައި އާބާދީ އާއި ކަރަންޓް ބޭނުން ކުރުމުގެ ލޯޑް ހުރި ގޮތަށް ބަލާއިރު މި ރޯދަ މަހުގެ ލޯޑް 130 މެގަވޮޓް އަށް އެރުމުގެ ފުރުސަތު އެބައޮތެވެ.
ކަރަންޓު އިގްތިސޯދުކޮށް ބޭނުން ކުރުމުގައި އާއްމު މީހާއަށް ކުރެވޭނެ ގިނަ ކަންތައް ތަކެއް އެބަހުއްޓެވެ. ހާއްސަކޮށް އޭސީ ބޭނުން ކުރުމުގައި ސަމާލުކަން ދޭން ޖެހެ އެވެ.އެވްރެޖުކޮށް އޭސީއެއް 24 ގަޑިއިރު ފުލްކޮށް ހިންގައިފިނަމަ 2.2 ޔުނިޓް ނަަގަ އެވެ. މިއީ ފައިސާގެ ގޮތުން ބަލާނަމަ 80ރ. ވަރެވެ.
އޭސީ ބޭނުން ކުރުމުގައި ކޮޓަރީން ބޭރުގައި އެއް ގަޑިއިރަށްވުރެ ގިނައިރު އުޅޭނަމަ ނިއްވާލުމާއި އޭސީ ސާވިސް ކުރުން ފަދަ ކަންކަން ކުރެވިދާނެ އެވެ. އަދި އޭސީގެ 24 އަށްވުރެ ދަށް ކުރުމަކީ ވެސް ބިލަށް ބޮޑު ބަދަލެއް އަންނާނެ ކަމެކެވެ.
ބައެއް ގޭގޭގައި ބަހައްޓާފައި ހުންނަ އޭސީގެ ފިލްޓަރު ސާފުނުކޮށް ގިނަ ދުވަސްތަކެއްވަންދެން ހުރެ އެވެ. މިއީ އޭސީން ފިނި ކުރަން ކުރަން ޖެހޭ މަސައްކަތް އިތުރުވާނެ ކަމެވެ. މީގެ ކޮންމެ ކަމަކީ ކަރަންޓު ބިލަށް ބަދަލު އަންނާނެ ކަމެކެވެ. އޭސީ ބޭނުން ކުރުމުގައި ފިނި ލީކްވުން ފަދަ ކަންކަން ނުވާނެހެން ކޮޓަރި ރަނގަޅަށް ސިލްކޮށްފައި ބެހެއްޓުމާއި މަދުވެގެން އަހަރު އެއްފަހަރު އޭސީ ފުލް ސާވިސްއެއް ކުރުމަކީ މުހިންމު ކަމެކެވެ. މީގެ އިތުރުން މިހާރު ލައިފް ސްޓައިލަަށް އައިސްފައިވާ ބަދަލާއެކު އޭސީ ކޮށްފައި ހުންނަ ތަންތަނުގައި ގޭގެ ތެރޭގައި ގަސް ވެސް އިންދަ އެވެ. މިއީ ވެސް އޭސީން ކުރަން ޖެހޭ މަސައްކަތް ދެގުނަ ބޮޑުވާނެ ކަމެކެވެ. އޭސީ ކޮށްފަ ހުންނަ ތަނެއްގެ ތެރޭގައި ފެން ހުރެއްޖެނަމަ މި ފެނުގެ ސަބަބުން އޭސީން ކުރަން ޖެހޭ މަސައްކަތް ބޮޑުވެ އެވެ. މީގެ އިތުރުން ހޫނުކޮށް ހުންނަ އެއްޗިހީގެ ފިނި ނުކެނޑެނީސް ފްރިޖަށްލުމާއި ފެން ކުރާ އިރުއިރުކޮޅާ ޖައްސަން ނުޖެހޭނެ ގޮތަކަށް އިންތިޒާމު ކުރުން ހިމެނެ އެވެ. އަދި އަވަސް އަވަހަށް އިސްތިރި ކުރުމުގެ ބަދަލުގައި ހަފުތާއަކު އެއް ދުވަހު އިސްތިރި ކުރުން ފަދަ ކަންކަން އިންތިޒާމުކޮށްލައިގެން ކުރިއަށް ގެންދިއުމަކީ ވެސް ކަރަންޓް ބިލަށް އަންނަ ބަދަލު ކުޑަކުރަން އެޅިދާނެ ފިޔަވަޅެކެވެ.