ރައީސް، ނޫސްވެރިއަކަށް ބިރު ދެއްކިކަމުގެ ހެކި ނެތް، ދައުވާނުކުރާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހޯރަފުށީގައި މިރޭ ވާހަކަފުޅު ދައްކަވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު، ނޫސްވެރިއަކަށް ފޯނުން ގުޅުއްވައި ބިރު ދައްކައި، އިންޒާރު ދެއްވި ކަމަށް ދައުވާ ކުރެވޭނެ މިންވަރަށް ގާނޫނު ބަޔާންކުރާ ހެކި ނެތް ކަމަށް ބުނެ، އެ މަނިކުފާނުގެ މައްޗަށް ދައުވާ ނުކުރަން ޕީޖީ އޮފީހުން ނިންމައިފި އެވެ.

ޕީޖީ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ރައީސް މުއިއްޒު، 'އަދަދު' ނޫހުގެ ނޫސްވެރިޔާ އަދި ސީ.އީ.އޯ ހުސައިން ފިޔާޒު މޫސާއަށް ފޯނުން ގުޅުއްވައި، ބިރު ދައްކައި އިންޒާރުދީފައިވާކަމަށް ބުނެ ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅި މައްސަލަ އެ ހިދުމަތުން ތަހުގީގު ކުރުމަށްފަހު، އިއްޔެގެ ވަގުތެއްގައި ޑިއުޓީ ޕްރޮސިކިއުޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

ނަމަވެސް، ފުލުހުންގެ ހިދުމަތުން ހޯދާފައިވާ ހެކި ގަރީނާ ދިރާސާކޮށް ބެލިއިރު، ރައީސް، ފިޔާޒުއަށް ގުޅައި އިންޒާރު ދިންކަމަށް ގާނޫނީ ގޮތުން މާނަކުރެވޭނެ ފަދަ ބަހެއް ނުވަތަ އިބާރާތެއް ބޭނުންކުރައްވާފައިވާކަން އެނގެން ނެތުމުން މި މައްސަލައިގައި ދައުވާ ނުކުރުމަށް ނިންމާފައިވާ ކަމަށް އެ ބަޔާނުގައި ޕީޖީ އޮފީހުން ބުންޏެވެ.

އިންޒާރުދިނުމުގެ ކުށް ގާނޫނުގައި ތަޖުރީމުކޮށްފައިވާ ގޮތަށް ބަލާއިރު؛

  • - ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 120 ވަނަ ބާބު - އިންޒާރެއް ދިންކަމަށް ޤާނޫނީ ގޮތުން ބެލެވޭނީ، މީހަކު ފަރުވާލެއްނެތި ކުރާ ޢަމަލެއްގެ ސަބަބުން، މީހަކަށް، އޭނާ މަރުވެދާނެކަމުގެ ނުވަތަ އޭނާގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެކަމުގެ ބިރެއް ކުރިމަތިކުރުވައިފިކަމަށް ވާނަމައެވެ. އަދި މީހަކަށް އަނިޔާއެއް ލިބިދާފަދަ ކުށެއް ކޮށްފާނެކަމުގެ ބިރުދެއްކައިފިނަމައެވެ.
  • - ޤާނޫނު ނަންބަރު: 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާ – އިންޒާރެއް ދިންކަމަށް ޤާނޫނީ ގޮތުން ބެލެވޭނީ، މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުވަތަ ޢާއިލާގެ މެންބަރަކަށް ނުވަތަ ތިމާގެ ބެލެނިވެރިކަމުގެ ދަށުގައިވާ މީހަކަށް ގެއްލުމެއް ދީފާނެކަމުގެ ބިރުދައްކައި ނުވަތަ އިންޒާރުދީފައިވާ ނަމައެވެ.

ނަމަވެސް، ފިޔާޒްގެ ފަރާތުން ފުލުހަށް މައްސަލަ ހުށަހަޅުއްވާފައިވަނީ، ރައީސް މުއިއްޒު އޭނާއަށް ގުޅުއްވައި ދެއްކެވި ވާހަކަފުޅެއްގެ ތެރޭގައި "ގާނޫނީ ގޮތުން އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެކަމަށް" ވިދާޅުވެ އޭނާއަށް އިންޒާރު ދީފައިވާކަމަށް ބަޔާންކޮށް ކަމަށް ޕީޖީ އޮފީހުން ވަނީ ފާހަގަކޮށްފަ އެވެ.

"...މިއީ އިސްވެ ދެންނެވުނު ގާނޫނީ ނައްސުތަކަށް ފެތޭ އިންޒާރުދިނުމުގެ އަމަލަކަށްނުވާތީ މިއީ ޖިނާއީ ދައުވާއެއް ކުރެވޭނެ މައްސަލައެއް ނޫންކަމަށް މި އޮފީހުން ނިންމީ އެވެ."

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.