ތުލުސްދޫ ސްޓެލްކޯ ކޮމްޕްލެކްސް އިމާރާތް ކުރަން ހަވާލުކޮށްފި

ސްޓެލްކޯ ކޮމްޕްލެކްސްގެ މަސައްކަތް 175 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރީ 11،954،501 ރުފިޔާއަށް ސަން ވިލް ޕްރައިވެޓް ލިމިޓެޑާ އެވެ.

ތުލުސްދޫ ސްޓެލްކޯ ކޮމްޕްލެކްސް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލު ކުރަނީ -- ސްޓެލްކޯ

ކ. ތުލުސްދޫގައި އަލަށް ޤާއިމްކުރަން ނިންމާފައިވާ އިންޖީނުގެއާއި ކަސްޓަމަރ ސަރވިސް ބިލްޑިން އަދި އިންޖީނުގޭގެ ވަށާފާރު އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

ސްޓެލްކޯ ހެޑްއޮފީހުގައި މިކަމަށްޓަކައި އިއްޔެ އޮތް ރަސްމިއްޔާތެއްގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރާއި އިސް ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް އަދި ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ ބައިވެރިވެވަޑައިގެންނެވި އެވެ.

މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއެ ކުރެއްވީ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ އަދި މަސައްކަތާއި ހަވާލުވި ސަންވިލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބުދުﷲ ރާފިއު

ސްޓެލްކޯ ކޮމްޕްލެކްސްގެ މަސައްކަތް 175 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރީ 11،954،501 ރުފިޔާއަށް ސަން ވިލް ޕްރައިވެޓް ލިމިޓެޑާ އެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވީ ތުލުސްދޫއަކީ ސްޓެލްކޯއަށް ވަރަށް މުހިއްމު ރަށެއް ކަމަށެވެ. 

"ސްޓެލްކޯ ކުންފުންޏަކަށް ވުމަށް ފަހުގަ މާލޭ ރީޖަންގެ ޚިދުމަތް ފިޔަވާ އަޅުގަނޑުމެންނަށް ޚިދުމަތަށް ނެގުނު ފުރަތަމަ ރަށް ތުލުސްދޫއަކީ. ތުލުސްދޫގަ މިހާރުވެސް ހިނގަމުން އެދާ ޕަވަރހައުސްއަކީ ވަރަށް ފެންވަރު ރަނގަޅު ޕަވަރހައުސްއެއް. އެހެންނަމަވެސް މީހުން ދިރިއުޅޭ ސަރަޙައްދުގަ ހުރި ޕަވަރހައުސްއަކަށް ވާތީ، މީހުންނަށް އެންމެ ފަސޭހަކޮށް، އަރބަން ސެންޓަރސްތަކާ ދުރުގަ ޕަވާ ހައުސްތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، އަޅުގަނޑުމެން ތުލުސްދޫ ޕަވަރހައުސް މި ބަދަލުކުރަނީ އަލަށް ހިއްކިފަވާ ސަރަޙައްދަށް. އެހެންވީމަ އެކަމަށްޓަކާ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" ފަހުމީ ވިދާޅުވި އެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަޞީމް ވިދާޅުވީ އަދު ތުލުސްދޫގެ އާ އިންޖީނުގޭގެ އަމަލީ މަސައްކަތް ފެށުމަށްޓަކާ ސޮއިކުރެވިގެންދިއުމަކީ އަޅުގަނޑުމެން ދާއިރާއަށް އަދި ތުލުސްދޫގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އެއީ ތުލުސްދޫ އަޅުގަނޑަށް މިހާރުވެސް ފާހަގަކުރެވިފަ ވަނީ ރަށަށް ބޭނުންވާ ފެންވަރަށް ކަރަންޓު ލިބުމުގަ ކޮންމެސްވަރެއްގެ ދަތިތަކެއް ހުރި ރަށެއްގެ ގޮތުގަ. އެހެންވީމަ މި އިންޖީނުގެއާ އެއްކޮށް، ﷲގެ ރަޙުމަތްފުޅާއެކު އެ ހުރިހާކަމެއް ޙައްލުވެގެން ދާނެކަމަށް އަޅުގަނޑު މި އުއްމީދު ކުރަނީ. މި ދަންނަވަނީ އާންމު ދިރިއުޅުމުގަ ރަށުން ކަރަންޓު ދާ ވާހަކައެއް ނޫން އެއްވެސް ޙާލަތެއްގަ. ހަމަ ވަރަށް ރަނގަޅު ޙާލަތެއްގަ ކަރަންޓު އޮތީ. އެހެން ނަމަވެސް މި ޢީދު އެއްޗެހި އައިސްގެން ލައިޓްތައް ޖައްސާ، އެއްކަލަ ޕީކަށް އަރައިގެންދާ ވަގުތު ކޮންމެސް ވަރަކަށް ހިކްއަޕް އުޅޭ ވާހަކަ. އެކަންކަން އިރާދަކުރެއްވިއްޔާ މި އިންޖީނުގެއާއެކު ރަނގަޅުވެގެން ދާނެ،" ނަޞީމް ވިދާޅުވި އެވެ.

ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ ވިދާޅުވި ގޮތުގައި މި މަސައްކަތް ފެށޭނެ ދުވަހެއްގައި ތިބޭތާ ދުވަސް ވެއްޖެ އެވެ.

" އަޅުގަނޑަށް ހީވަނީ އެކަންތައް ދެންހަމަ ގާތްގަނޑަކަށް ނިމުމަކަށް އައިއްޔޭ މި.ކުރިއަށް އޮތް ތަނުގަ ތުލުސްދޫއަކީ ވަރަށް ގިނަ ގެސްޓްހައުސްތައް އެޅިގެންދާނެ ތަނަކަށް ވާތީވެ މިހާރު ބޭނުންކުރާ ކަރަންޓުގެ އަދަދު ހަމަ ދެގުނަޔަށް އިތުރުކުރަންޖެހޭނެ. އެޔާއެއްކޮށް ތުލުސްދޫގަ މި އާ އިންޖީނުގެ އެޅިގެންދިޔައިމަ، އެފަރާތްތަކަށްވެސް އެ ޔަޤީންކަން ލިބިގެންދާނެ. ކަރަންޓުގެ ޔަޤީންކަން. އެއީ މިހާރު ވެސް ވަރަށް ގިނަ އިންވެސްޓަރުން ސުވާލުކުރޭ ތިމަންނަމެންނަށް އެކަށީގެންވާ ވަރަށް ކަރަންޓު ލިބޭނެހޭ. އަޅުގަނޑުމެން ބުނަން މިހާރުވެސް ލިބޭނޫންތޯއޭ ދެން އަދި ކުރިއަށް އޮތް ތަނުގަ މިއަށްވުރެވެސް ރަނގަޅަށް ލިބޭނޭ،" އަސްލަމް ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.