ރާއްޖެ އަންނަނީ ހަމައެކަނި ކްރޫޒް ލައިނާ | ފައިސާ ދަނީ ބޭރަށް

ކްރޫޒްލައިނާ އަންނަ ދުވަހަށް އަވަށްޓެރި ސްރީލަންކާ އާއި އިންޑިއާ "ގައިޑުން" ރާއްޖެ އާދެ އެވެ. އަދި މުޅި ބޯޓުގެ އެކްސްކާޝަން ކޮންޓްރޯލް ކުރަނީ މިގޮތަށް އަންނަ މީހުންނެވެ.

ކްރޫޒް ލައިނާއްކުން މާލެއަށް ޓޫރިސްޓުން ބާލަން އަންނަ އުޅަނދެއް -- މިރާ

މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް ހަތަރު ކްރޫޒްލައިނާއެއް ބަނދަރުކޮށްފި އެވެ. މި އުޅަނދު ފަަހަރުން އައި މީހުންގެ އަދަދު 3،000 އަށްވުރެ މަތިވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. އުޅަނދުތައް ގެންނަ އެއް ސަބަބަކީ މީގެން ދިވެހި ވިޔަފާރިތަކަށް ފައިދާ ހޯދައި ދިނުމެވެ. އެކަމަކު މިހާރު މިކަން އޮތް ގޮތުން މި އުޅަނދުތައް ރާއްޖެ އައިސްގެން ލިބޭ ފައިދާ ނިސްބަތުން މަދެވެ. މީގެ މައިގަނޑު ސަބަބަކީ ކްރޫޒްލައިނާތަކަށް ހިދުމަތް ދިނުމުގައި ބިދޭސީ ވިޔަފާރިތައް ގަދަކޮށްފައިވުމެވެ. 

"ކްރޫޒްލައިލާ މިއަދު ހެނދުނު އަންނަންޏާ ރޭގަނޑު ފްލައިޓުން އެ މީހުން [ބިދޭސީން] މި އަންނަނީ ރާއްޖެ. އަންނަ ގޮަތަށް ހެނދުނު ކްރޫޒްލައިނާ ގެސްޓުން ގޮވައިގެން އެކްސްކާޝަނަށް ދަނީ އެމީހުން. ދިވެއްސެއް އެކަމުގެ އަޑީގައި ތިބެނީ ބިދޭސީން،" ކްރޫޒްޝިޕް ގެންނަ ފަރާތެއް ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ. 

މިކަން ކްރޫޒްލައިނާ ގެންނަ ޖަމިއްޔާ ރާއްޖެއަށް ސުޕަ ޔޮޓާއި މެގަޔޮޓް ގެންނަ ޖަމިއްޔާ މަޔާ އީން ވެސް "މިރާ" އަށް ވަނީ ޔަގީންކޮށްދެ އެވެ. މިކަމަކީ މިއަދު އެކަނި ހިނގާކަމެއް ނޫނެވެ. މިކަން ނުހުއްޓުވި އޮތުމަކީ މި ވިޔަފާރި ދިވެހިންނަށް ގެއްލުން ފަދަ ކަމެއްގެ ގޮތުގައި އެ ޖަމިއްޔާ އިން ދެކެ އެވެ. 

ބޯޓު ބަނދަރު ކުރުންނޫން ފައިދާއެއް ނުލިބޭ

މިކަން ހިނގާ ގޮތުން މާލެ ބަނދަރަށް ބޮޑު އުޅަނދެއް ބަނދަރުކޮށްގެން ލިބޭ މަންފާ ނޫން އިތުރު އެއްޗެއް ނުލިބެ އެވެ. އިތުރު އާމްދަނީއެއް ލިބެން ދިވެހިންނަށް ހުރި ފުރުސަތުތައް ވަނީ ހަނިވެފަ އެވެ. މިކަން ހުއްޓުވަން މާޔާ އިސްވެ އޮވެެގެން ގަވައިދެއް ހެދިނަމަވެސް އެ ގަވައިދުގައި ބުނެފައިވާ ކަންކަން ތަންފީޒު ނުކުރެވުމަކީ މިހާރު އޮތް އެންމެ ބޮޑު މައްސަލަކަަށް އެ ޖަމިއްޔާ އިން ވެސް ދެކެ އެވެ. 

"މިހާރު އެމީހުން ބޯޓު އައީމަ ރާއްޖެ އައިސް ލާރިކޮޅު ބްރިފް ކޭހަށް އަޅާލައިގެން ދަނީއޭވެސް ބުނެވިދާނެ. އެކަހަލަ ގޮތަކަށް ކަންތައް ވަނީ،" ކްރޫލައިނާ ގެންނަ ކުންފުންޏެއްގެ އިސްވެރިއަކު ބުންޏެވެ. 

ބަނދަރުުކޮށްފައިވާ ދެވަނަ ކްރޫޒް ލައިނާއަކީ އެމްއެސް ދަ ވޯލްޑެވެ.

މިދިޔަ އަހަރު ޓޫރިޒަމް މިނިސްޓްރީން ނެރުނު ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވުމާއި ބަނދަރުކުރުމާބެހޭ ގަވާއިދުން ބިދޭސީން މި ވިޔަފާރީގައި އުޅުން މަނާކޮށްފައިވީ ނަމަވެސް މި ގަވައިދުގެ ބޭނުމެއް ނެތެވެ. 

ގަވައިދު އިސްލާހު ކުރިޔަސް ތަންފީޒެއް ނުކުރެ

މި ގަވައިދުގައިވާ ގޮތުން ޓޫރިސްޓް އުޅަނދެއްގެ އޭޖެންޓްކަމާ ހަވާލުވެވޭނީ ހިއްސާދާރުންގެ ގޮތުގައި ހަމައެކަނި ދިވެހި ރައްޔިތުން ހިމެނޭ ކުންފުންޏަކަށެވެ. އެފަދަ ކުންފުންޏެއްގެ ހިއްސާދާރުންގެ ގޮތުގައި ކުންފުންޏެއް ނުވަތަ ޕާޓްނަޝިޕެއް ނުވަތަ ސޯލް- ޕްރޮޕްރިއޭޓަރޝިޕެއް ހިމެނޭ ނަމަ އެފަދަ ކުންފުންޏެއްގެ ނުވަތަ ޕާޓްނާޝިޕެއްގެ ނުވަތަ ސޯލް- ޕްރޮޕްރިއޭޓަރޝިޕެއްގެ ބައިވެރީންގެ ގޮތުގައި ތިބެންވާނީ ހަމައެކަނި ދިވެހި ރައްޔިތުންނެވެ. 

މި ގަވައިދުގައިވާ ގޮތުން ރާއްޖެ އަންނަ ކްރޫޒް ލައިނާތަކަށް އަންނަ ޕެސެންޖަރުންނަށް ދޭ ޝޯ އެކްސްކާޝަން ދިނުމުގައި ހަމައެކަނި ހަރަކާތްތެރިވެވޭނީ، އުޅަނދުގެ ފަޅުވެރިންނަށް ނުވަތަ އުޅަނދު ދިވެހިރާއްޖެ އަށް އައިއިރު އުޅަނދުގައި ތިބި ޕެސެންޖަރުންނަށް ނުވަތަ ޓުއާ ގައިޑުންގެ ގަވައިދުން ހުއްދަ ދޫކޮށްފައިވާ ގައިޑުން ނަށެވެ. ޓުއާ ގައިޑުންގެ ގަވައިދުގައިވާ ގޮތުން މިކަމުގައި އުޅެވޭނީ ހަމައެކަނި ދިވެހިންނަށެވެ. އެކަމަކުި މި ގަވައިދު މިހެން އޮތްނަމަވެސް އަވަށްޓެރި ސްރީލަންކާ އާއި އިންޑިއާގެ ގިނަ ބަޔަކު މި ވިޔަފާރީގައި ހަރަކާތްތެރިވެ އެވެ. މީގެ ސަބަބުން ދިވެހިންނަށް އޮތް ފުރުސަތު ވަނީ ހަނިވެފަ އެވެ. 

މި މަައްސަލަ މިހެން އޮތްއިރު މި އުޅަނދުފަހަރަށް ރާއްޖެ އަކުން ހިދުމަތެއް ވެސް ނުދެ އެވެ. މި ބޯޓު ފަހަރުން ފައިދާ މީހުން އެންމެ ކުޑަމިނުން ފާހާނާކޮށްލެވޭނެ ފަދަ ވެސް ނެތެވެ. އަދި މިފަދަ ވަސީލަތްތަކެއް ގާއިމް ކުރަން ކުރިން ކުރެވުނު އުންމީދުވެސް ވަނީ ދުރުވެފަ އެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކްރޫޒްލައިނާ ބަނދަރު ހަދަން ތަރައްގީކުރި ސަރަހައްދުން ގޯތިދީ އެ އުންމީދީ "ވިޝަން" ވަނީ މިދިޔަ ސަރުކާރުން ގެއްލުވާލާފަ އެވެ. މިހާރު އޮތް އުންމީދަކީ މާލެ ވިޔަފާރި ބަނދަރު ބަދަލު ކުރެވުނު ދުވަހަކުން އެތަނުގައި އެފަދަ ވަސީލަތެއް ހެދުމެވެ. ނޫނީ ކައިރި ފަޅެއްގައި އެފަދަ ތަނެއް ހަދައި ބޯޓު ފަަހަރުގައި މާލެ ބަލަން އަންނަ ޓޫރިސްޓުން ގެނައުމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.