ސާންތީ ނިޔާވުމުގެ ހިތާމަ، ދިވެހި ކުޅިވަރު އާއިލާ އާއެކު އާންމުންގެ ގިނަ ބަޔަކު ވެސް ދަނީ ފާޅުކުރަމުންނެވެ.
ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު އެއް ފުޓުބޯޅަ ކޯޗު، އިހްސާން އަބްދުލްޣަނީ (ސާންތީ) ނިޔާވެއްޖެ އެވެ.
މިރޭގެ ވަގުތެއްގައި ސާންތީ ނިޔާވީ، ޓްރީ ޓޮޕް ހޮސްޕިޓަލުގައި ކެންސަރު ބައްޔަށް ފަރުވާ ދެމުން ދަނިކޮށެވެ. އެ ބައްޔަށް އޭނާ ފަރުވާ ހޯއްދަވާތާ ދެ އަހަރެއްހާ ދުވަސް ވެއްޖެ އެވެ.
ކުރީގެ ފުޓުބޯޅަ ކުޅުންތެރިޔާ ސާންތީ ދިވެހިންގެ މެދުގައި މަގުބޫލުކަން ހޯއްދެވީ ފުޓުބޯޅަ ކޯޗިންގެ ދާއިރާއިންނެވެ.
މިގޮތުން، ގައުމީ ފުޓުބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗުކަމުގައި ސާންތީ ހުންނެވިއިރު، 2008 ވަނަ އަހަރު ރާއްޖޭން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި އެވެ.
އޭގެފަހުން ކްލަބް ފުޓުބޯޅައިގައި ސާންތީ ވަނީ މަސައްކަތް ކުރައްވައި، ހާއްސަކޮށް ކްލަބް އީގަލްސް އަށް ގިނަ ކާމިޔާބީތަކެއް ހޯދައި ދެއްވައިފަ އެވެ.
މީގެއިތުރުން، ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަންގެ މަގާމުގެ އިތުރުން ސާންތީ ވަނީ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުގައި ވެސް ހިދުމަތް ކުރައްވައިފަ އެވެ.
ސާންތީ ނިޔާވުމުގެ ހިތާމަ، ދިވެހި ކުޅިވަރު އާއިލާ އާއެކު އާންމުންގެ ގިނަ ބަޔަކު ވެސް ދަނީ ފާޅުކުރަމުންނެވެ.
ރާއްޖެ ފަހުރުވެރިވާ ހިދުމަތްތަކެއް ގައުމަށް ކޮށްދެއްވާފައިވާ ސާންތީ ނިޔާވުމަކީ ، ދިވެހި ކުޅިވަރުގެ ދާއިރާއަށް ލިބުނު ބޮޑު ހިތާމައެއް އަދި ހުސްކަމެއް ކަމެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ސިފަކުރައްވައިފަ އެވެ.
ސާންތީގެ މޫނު ދެއްކުން އޮންނާނީ މިއަދު ހެނދުނު 10:00 އިން ފެށިގެން އިސްލާމީ މަރުކަޒުގަ އެވެ. އަދި ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގަ އެވެ.