ފުލުހުން ބުނީ މިއަދު އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.
ކުރީގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝަމްއާން ވަހީދު 15 ދުވަހަށް ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނަހަމަ ގޮތުގައި މަންފާ ހޯދާފައިވާ މައްސަލައާ ގުޅިގެން ޝަމްއާން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ ރޭގެ ވަގުތެއްގަ އެވެ.
ފުލުހުން ބުނީ މިއަދު އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ބިދޭސީންގެ އަތުން އިމިގްރޭޝަންގެ މުވައްޒަފުން ފައިސާ ނަގާފައިވާ މައްސަލައިގެ ތުހުމަތުގައި ހިންގާ ތަހުގީގުގައި މިހާތަނަށް ބެލި ބެލުމުން، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދާ ޑިޓެއިން ކުރާ ޓާސްކް ފޯސް ނޫން އެހެން ސެކްޝަންތަކުގެ މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށެވެ.
އެގޮތުން، ބިދޭސީން އުޅޭ ގެއެއް ބަލައި ފާސްކޮށް، އެގެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީން ގިނަ އަދަދެއްގެ ފައިސާއާއެކު ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
"އޭގެ އެއް ދުވަސް ފަހުން އޭރުގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ އަމުރަށް އެތަނުން 530،000 ދިވެހި ރުފިޔާއާއެކު އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދެވުނު ބިދޭސީއަކު ދަންވަރުގެ ވަގުތެއްގައި ޑިޓެންޝަނުން ދޫކޮށްފައިވާކަން ތަހުގީގަށް އެނގިފައިވޭ،"
ފުލުހުން ބުނީ އެ ގެ ބަލައި ފާސްކުރުމުގައި އަމަލީގޮތުން ބައިވެރިވި އިމިގްރޭޝަން މުވައްޒަފުން ޑިޓެންޝަނުން ދޫކޮށްލި ބިދޭސީ މީހާއާ މަގުމަތިން ބައްދަލުކޮށް، އޭނާގެ އަތުގައި ހުރި ފައިސާތައް ހޯދައި، އެފައިސާތައް ހިފައިގެން ޝަމްއާން ދިރިއުޅޭ ގެއަށް ވަދެފައިވާ ކަމަށް ވެސް ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފަސް މީހުން ހުއްޓުވައި ބަލައިފާސްކޮށް، އެމީހުން އަތުން އިލެކްޓްރޯނިކް ސާމާނުތައް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ. އަދި، ޝަމްއާން ދިރިއުޅޭ ގެ ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ ފައިސާގެ އިތުރުން އިލެކްޓްރޯނިކް ސާމާނުތަކެއް ވެސް ފުލުހުން އަތުލައިގެންފައިވާ ކަމަށް ބުންޏެވެ.
މި މައްސަލައިގެ ތުހުމަތާ ގުޅިގެން ޝަމްއާން ވަނީ ކޮންޓްރޯލާ ޖެނެރަލްގެ މަގާމުން ވަކިކޮށްފަ އެވެ.