މި ގަރާރުގައި ސަރުކާރުން ހިންގުމަށް ރާވާފައިވާ މުހިއްމު 25 ޕްރޮޖެކްޓެއް ހިމަނައި އެ ޕްރޮޖެކްޓްތަކަށް އެންމެ މަދުވެގެން ހަރަދު ކުރަން ޖެހޭ ވަރު އާންމުކޮށްފަ އެވެ.
އުތުރުތިލަފަޅުގެ 45 ހެކްޓަރުގެ ބިން ހިއްކައި ރީހެބިލިޓޭޝަނަށް ހާއްސަ ރަށަކާއި ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސްއެއް އަޅަން ސަރުކާރުން ނިންމައިފި އެވެ.
ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ދައުލަތުގެ އާންމު މަންފާއަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ އަދި އިޖްތިމާއީ ސިޔާސަތުގެ ދަށުން ހިންގުމަށް ސަރުކާރުން ކަނޑައަޅާ ޕްރޮޖެކްޓްތައް ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގެ ދަށުން ވަނީ އިއުލާނުކޮށްފަ އެވެ.
މި ގަރާރުގައި ސަރުކާރުން ހިންގުމަށް ރާވާފައިވާ މުހިއްމު 25 ޕްރޮޖެކްޓެއް ހިމަނައި އެ ޕްރޮޖެކްޓްތަކަށް އެންމެ މަދުވެގެން ހަރަދު ކުރަން ޖެހޭ ވަރު އާންމުކޮށްފަ އެވެ. އުތުރުތިލަފަޅުގައި ނުވަތަ ގިރާވަރު އުތުރު ފަޅުން މުހިއްމު ހަތަރު ޕްރޮޖެކްޓެއް ހިންގުމަށް އެންމެ މަދުވެގެން ހޭދަކުރަންޖެހޭ އަގުގެ ގޮތުގައި 55 މިލިއަން ޑޮލަރު (848 މިލއަން ރުފިޔާ) ހިމަނާފައިވެ އެވެ. އެ ޕްރޮޖެކްޓްތައް ހިންގަނީ ކްރޮސް ސަބްސިޑީ ޕްރޮޖެކްޓްތަކެއްގެ ގޮތުގަ އެވެ.
ހޯޕް އައިލެންޑް - ހޯޕް އައިލެންޑް އަކީ ކުށަށް އަރައިގަތުނުގެ ނުރައްކަލުގައިވާ ކުދިންނަށް ބޭނުންވާ ފަރުވާ ދިނުމަށްޓަކައި އިސްލާހީ އަދި ރިހެބިލިޓޭޝަން ގާއިމް ކުރުމަށްޓަކައި ހިއްކާ ތަނެކެވެ.
ސަރުކާރުން ކުރިން ވަނީ އުތުުރުތިލަފަޅުގައި ބިން ހިއްކައިގެން ދަނޑުވެރިކަމުގެ ބިޔަ މަޝްރޫއެއް ފަށާނެކަން އިއުލާނު ކުރައްވާފަ އެވެ. އެކަމަކު މިދިޔަ އަހަރުގެ ފަހުކޮޅު އެ ޕްރޮޖެކްޓް ވަނީ ރަސްމާލެ އަށް ބަދަލުކޮށްފަ އެވެ.
މި ގަރާރުގައި މީގެ އިތުރުން ހިމެނެނީ ރާއްޖޭގެ 13 ރަށެއްގައި އެއާޕޯޓު އެޅުމެވެ. މިއީ މިހާރުވެސް އިއުލާނުކޮށްފައިވާ ރަށްތަކެކެވެ. އެ އެ މަޝްރޫއަށް އެންމެ މަދުވެގެން ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) ހޭދަކުރަން ޖެެހެ އެވެ. އަދި ރަސްމާލެ ހިއްކުމާއި ގުޅިފަޅު ހިއްކުމާއި ސޯޝަލް ހައުސިން މަޝްރޫއު ހިންގުމަށް ވެސް އެންމެ ކުޑަ އަގެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އެވެ. މީގެ އިތުރުން އޭގެ އިތުރުން ރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލު ހިމާޔަތް ކުރުމަށް ހިންގާ ޕްރޮޖެކްޓަކަށް 15 މިލިއަން ޑޮލަރު (231 މިލިއަން ރުފިޔާ) އެންމެ ކުޑަ އަގެއްގެ ގޮތުގައި ކަނޑައަޅާފައިވެ އެވެ. ނަމަވެސް އެ ޕްރޮޖެކްޓުގެ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނެތެވެ.
މި ގަރާރުގައި ވަކިވަކި މަޝްރޫއުތަކުގެ ތެރޭން ތެރެއިން އެންމެ ބޮޑު އަގެއް އިއުލާނުކޮށްފައިވަނީ ހައިޕަފޯމަންސް ސެންޓަރެއް ހެދުމަށެވެ. އެ ޕްރޮޖެކްޓުގެ އަގަކީ 20 މިލިއަން ޑޮލަރު (308 މިލިއަން ރުފިޔާ) އެވެ.